ކައިވެނިކުރާތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ދެމަފިރިންގެ މެދުގައި ކުރިން އޮތް ލޯބި ވީރާނާވާން ފަށައި ހުލިވެގެންދާތަން ފެނުމަކީ އެންމެ ޢާންމުކޮށް ފެންނަ އެއް ކަންތަކެވެ. މިގޮތަށް ކަންތައްތައް މެދުވެރިވަނީ ކީއްވެގެންތޯ އާއި ޙައްލަކީ ކޮބައިކަމާއިމެދު ވިސްނަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.
މިގޮތުން ބަލާއިއރު ގިނައިން ކައިވެނި މިކުރަނީ އެއްވެސް މަޤްޞަދެއް ނެތިއެވެ. ލޯބިވާކަން އެއީ ސަބަބަކަށް ހަދައިގެންނެވެ. އެގޮތަށް ކައިވެނިކުރުމުން ލޯބި ހުލިވެ ކައިވެނި ރޫޅިގެންދަނީއެވެ. ވީމާ:
1- ކައިވެނީގެ ފުރަތަމަ މަޤްޞަދަކަށް ވާންޖެހޭނީ ލޯބިން އެކުގައި ދިރިއުޅުމެވެ.
2- 2 ދެވަނަ މަޤްޞަދަކަށްވާން ޖެހޭނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމެވެ.
މިތަނުގައި އަޅުކަން ކުރަން އެހީތެރިވުން 2 ވަނައަށް މިގެނައީ ސަބަބެއް އޮވެގެންނެވެ. އެއީ ދެމީހެއްގެ މެދުގައި އޮންނަން ޖެހޭ ލޯބި ނެތްނަމަ އެއްވެސް ކަމެއްގައި ދޭންޖެހޭ އެއްބާރުލުން ނުދެވޭނެތީއެވެ.
3- ތިންވަނަ ކަމަކީ ދަރިން ހޯދައި ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމެވެ.
4- ހަތަރުވަނަ ކަމަކީ ތިމާމެންގެ ފަރާތުން މުޖުތަމައުއަށް ކޮންމެވެސް ރަނގަޅު ޚިދުމަތެއް ކުރުމެވެ.
މި 4 މަޤްޞަދު ޙާޞިލުކުރުމަށް ޢަޒުމް ކަނޑައަޅައި ދެމީހުން އެއްބަސްވެގެން ކައިވެނިކޮށްފިނަމަ އެކުގައި އުމުރު ހުސްވި ނަމަވެސް މާމުއި ހަނދުގެ ދުވަސްތަކެއް ނުފިލާނެއެވެ. އެހެނީ އަބަދުވެސް އުޅެން ޖެހޭނީ 4 ކަންތަކުން ކުރެ ކަމެއް ފުރިހަމަ ނުކުރެވިގެންނެވެ.
މިސާލަކަށް ދަރިން ބޮޑެތިވުމުން ދަރިން ބެލުމުގެ ބައި ނިމިދާނެއެވެ. ގައިބާރު ދެރަވުމުން މުޖުތަމައުއަށް ޚިދުމަތްކުރުމުގެ ބައި ކުޑަވެދާނެއެވެ. ނަމަވެސް އެކަކު އަނެކަކަށް އަޅާލައި ލޯބިދީގެން ދިރިއުޅުމުގެ ބައި ދުވަހަކުވެސް ނުނިމޭނެއެވެ. ހަމަ އެއާއިއެކު އެކަކު އަނެކަކަށް އަޅުކަން ކުރުމުގައި އެހީތެރިވެދިނުމުގެ ބައެއްވެސް ނުނިމޭނެއެވެ.
މިހައިތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގެނީ އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ލޯބިއާލާކޮށްދޭ އެންމެ ވަރުގަަދ ބާރުކަމެވެ. އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ލޯބިދީގެން ދިރިއުޅެވޭނެކަން އެންމެ ޔަޤީންކަން ބޮޑު ވަސީލަތެވެ. ވީމާ ކައިވެނިކުރާ ވަގުތުން ފެށިގެން ލޯބި އާލާކުރުމަށްޓަކައި އެކަކު އަނެކަކަށް އަޅުކަންކުރަން އެހީތެރިވެދިނުން ދެމިތިބޭށެވެ! ލޯތްބާއި އަޅައިލުން ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ.
މިހާރަކަށް އައިސް ކައިވެނީގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާލައިފިނަމަ ފެންނާނީ އެކުވެރިކަމާއި ލޯތްބާއި ބަދަހި ގުޅުމެވެ. ކުށެއް ކުރެވުނު ނަމަވެސް ކުށެއް ކުރެވުނު ކަމަކަށްވެސް ނުދެކޭނެއެވެ. އެވާހަކަވެސް ނުދައްކާނެއެވެ. ކޮންމެ މީހަކުވެސް ބަލާނީ ބައިވެރިޔާ ރުހޭނެ ކަމެއް ކުރެވޭތޯއެވެ! ބައިވެރިޔާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރެވޭތޯއެވެ. ބައިވެރިޔާގެ ސަމާލުކަން އިތުރުކުރެވޭނެ ކަމެއް ކުރެވޭތޯއެވެ! ތިމާގެ އަމިއްލަ ޙައްޤުތަކެއްވާކަންވެސް ހަނދާނަކު ނުހުންނާނެއެވެ. ގެއިން ބޭރަށް ދާން ބޭނުންވާނީވެސް ބައިވެރިޔާ ގޮވައިގެންނެވެ.
ނަމަވެސް 6 މަސްދުވަސް ނިމެންވާއިރަށް މިހުރިހާ ކަމެއް އަނެއް ކޮޅަށް ބަދަލުވާންފަށައެވެ. ކުރިން މިބަޔާންކުރި ހުރިހާ ކަމެއް އެއިގެ އިދިކޮޅަށް ބަދަލުވެގެންދެއެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ކައިވެނީގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ކަނޑަނުއަޅައި ހަމަ ތިބެފައި ކައިވެންޏަކަށް ކައިވެންޏެއް ކުރާތީއެވެ. ކައިވެނީގެ އެންމެ ބޮޑު ބޭނުމަކީ ކޮބައިކަން ނުއެނގި ތިބެ ކައިވެނިކުރާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން