އަންހެންދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމުން އެނަގައިލެވެނީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް މައިންބަފައިންނަށް ދެއްވެވި ފުރުޞަތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
އަންހެންދަރިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުމުން އެނަގައިލެވެނީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް މައިންބަފައިންނަށް ދެއްވެވި ފުރުޞަތު!

އަންހެންދަރިން ލިބުމުން ބަލައި ބޮޑުކުރަމުން ގޮސް އެކުދިން އެންމެ ރަނގަޅަށް ބަލަހައްޓަންޖެހޭނެ އުމުރުގައި ބައެއް މައިންބަފައިން އެބަ އެކުދިން ދޫކޮށްލައެވެ. މިބުނަނީ އުޅޭނެ ގޮތަކަށް އުޅުމާއި ކުރާނެ ކަމެއް ކުރުމުގެ މިނިވަންކަން އެބަދެއެވެ. ބޭނުންވާހައިތަނަކަށް އެބަ ފޮނުވައެވެ. އެތަނެއްގައި އުޅޭ ނުއުޅޭ ގޮތެއް ނުބަލައެވެ. 

މިކަންކަމަކީ މިއަދުގެ ބައެއް މައިންބަފައިން ދަރިންނަށް ހެޔޮއެދިގެންކަމަށްބުނެ ކުރާ ބައެއް ކަންކަމުގެ ވާހަކައެވެ. ވީމާ އިތުރުބަހެއް ބުނުމުގެ ކުރިނ މި 2 ޙަދީޘްފުޅަށް ވިސްނައިލާށެވެ. 

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

(مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ وَضَمَّ أَصَابِعَهُ ) 

މާނައަކީ: "ދެއަންހެންކުދިން ބާލިޣުވުމަށް ދާންދެން ޚަރަދުކޮށް ބަލަހައްޓައިފިމީހާ ގިޔާމަތް ދުވަހުން ވާހުށީ ތިމަންކަލޭގެފާނާއި މިހާ ހިސާބުގައެވެ. މިހެން ޙަދީޘް ކުރައްވާ އެކަލޭގެފާނުގެ އިނގިލިފުޅުތައް ލަންބަވައިލެއްވިއެވެ". 

ޢުގްބާ ބިން ޢާމިރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. 

(مَنْ كَانَ لَهُ ثَلاثُ بَنَاتٍ ، فَصَبَرَ عَلَيْهِنَّ ، وَأَطْعَمَهُنَّ وَسَقَاهُنَّ وَكَسَاهُنَّ مِنْ جِدَتِهِ كُنَّ لَهُ حِجَابًا مِنْ النَّارِ يَوْمَ الْقِيَامَةِ) 

މާނައަކީ: "ތިން އަންހެންދަރިންލިބި، އެކުދިންގެ ތަރްބިއްޔަތުގެ ކަންތަކުގައި ކެތްތެރިވެ، އެކުދިންނަށް ކާންދީ، އަންނައުނު ހޯދައިދީ ހަދައިފިމީހާ ދަންނާށެވެ. އޭނާގެ އެޢަމަލު ގިޔާމަތް ދުވަހުން ނަރަކައިގެ ހުރަހަކަށް ވާހުއްޓެވެ". 

މިދެ ޙަދީޘްފުޅުގެ މާނައަށް ބެލިނަމަވެސް ހަމައެކަނި ޚަރަދުކުރުމާއި ނިދާނެތަނެއް ދެއްކުމަކުން ނުފުދެއެވެ. އަދި ކިޔަވައިދިނުމަކުންވެސް ނުފުދެއެވެ. ބަލަހައްޓަން އެބަޖެހެއެވެ. ތަރުބިއްޔަތުކުރަން އެބަޖެހެއެވެ. ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ބަލަހައްޓައި އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތުކުރަން އެބަޖެހެއެވެ. 

ޙަދީޘްފުޅުގައިވާ ރަޙްމަތް ޤިޔާމަތް ދުވަހުން ލިބިގެންދާނީ އެއިރުންނެވެ. އެއްވެސް ޝައްކެއް ނެތެވެ. ޙަދީޘްފުޅޫން އެނގިގެން މިދަނީ މިބަޔާންކުރިމަގުން އަންހެން ދަރިން ބަލަހައްޓައި އަދި ޚަރަދުކުރުމުން އެމީހަކު ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވެވޭނެ ކަމެވެ. ނަރަކައިން ސަލާމަތްވެވޭނެ ކަމެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން