ފަޤީރަކަށްވީތީ ކަންބޮޑުވަނީ ކީއްވެ؟ އުފަލުގަ ތިބޭނީވެސް 500 އަހަރުކުރިން ސުވަރުގެ ވަންނާނީވެސް ފަޤީރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ފަޤީރަކަށްވީތީ ކަންބޮޑުވަނީ ކީއްވެ؟ އުފަލުގަ ތިބޭނީވެސް 500 އަހަރުކުރިން ސުވަރުގެ ވަންނާނީވެސް ފަޤީރުން!

ބައެއް މީހުން ދެކޭ ގޮތުގައި މިސްކިތަށް އަރާ ނިކަމެތިންގެ އަދަދު ގިނަވަނީ އެމީހުންގެ ގިނަ ބޭނުންތަކެއް ނުފުދި ހުންނާތީ ދުޢާ ކުރުމަށެވެ. އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. އެމީހުން މިސްކިތާއި ދިމާއަށް ދަމައި ގެންދާ އެންމެ ބޮޑު ބާރަކީ އެމީހުންނާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ލޯބީގެ މަތިވެރިކަމެވެ. ގުޅުމުގެ މަތިވެރިކަމެވެ. ހުރިހާ ތަނަވަސްކަމެއް ދެއްވެވުމުން މިސްކިތަށް ނާރަނީ ﷲ ތަޢާލާގެ މަތިން ހަނދާންވެސް ނުވާތީއެވެ. 

މި ދައްކާ ވާހަކަތަކަށް ސަމާލުކަން ދޭށެވެ! ތިމާ ދިރިއުޅޭ ޙާލާއި ތިމާއަށް އަމަލުކުރެވޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ. ދެން އެކަންކަން ދެކެ ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ.! ﷲ ތަޢާލާ ޙުކުމް ކުރައްވަވާނީ ޤިޔާމަތް ދުވަހުއެވެ. ނަމަވެސް އެމީހަކު ބޭނުންނަމަ މިއަދު އެމީހަކާއިމެދު އަމިއްލައަށް ޙުކުމްކޮށް ޙާލަތު ބަދަލުކުރެވިދާނެއެވެ.! ނަރަކައިން ސަލާމަތް ވެވިދާނެއެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ!

ޙަޤީޤަތަށް ބަލައިފި ނަމަ ފަޤީރު ކަމަކީ ދެއްވަވާ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެހެނީ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ފަޤީރުންގެ އަދަދު އެތައް ގުއަކަށް އިތުރުވާތީއެވެ. މުއްސަނދިންނަސްވުރެ 500 އަހަރު ކުރިން ސުވަރުގެ ވައްދަވާތީއެވެ! 

ދުނިޔޭގައި އެންމެ އުފަލުގައި އުޅެމުންދަނީ ކޮން ބައެއްތޯ ސުވާލުކޮށްފިނަމަ ޖަވާބު ލިސްޓް ވަރަށް ދިގުވާނެއެވެ. ބިލިއަނަރުން މިލިއަނަރުން ޤައުމުތަކުގެ ރައީސުން މަޝްހޫރު މޮޑެލުން، ލަވަކިޔާ މީހުން މިހެން ގޮސް ވަރަށް ދިގު ލިސްޓެއް ކިޔާނެއެވެ. އެކަމަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. އެއީ އެމީހަކަށް ވިސްނޭ ގޮތެވެ. 

ނަމަވެސް އެންމެ ކަމެއް ކޮށްލާށެވެ! މި ބުނެވުނު ފަދަ އެމީހާ ޤަބޫލުކުރާ ލިސްޓުގައި ހިމެނޭ މީހާއި ސުވާލުކޮށްލައި އޭނާ ހިތްހަމަ ޖެހިގެން ހުރި މިންވަރު ދެނެގަންނާށެވެ. އެއަށްފަހު ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭ މީހާ ގާތަށް ގޮސްވެސް ހަމަ އެސުވާލުކޮށްލާށެވެ! ދެމީހުން ދޭ ޖަވާބު ދިރާސާކޮށްލާށެވެ! ދުނިޔޭގައި އެންމެ ބޮޑަށް ހިތް ހަމަޖެހިގެން އުޅޭ މީހެއް ކަމަށް އަހަރެން ޤަބޫލުކުރަނީ ﷲ ތައާލާ ދެއްވެވި މަދު މިންވަރަށް ޝުކުރުވެރިވެގެން ދިރިއުޅޭ ނިކަމެތި މީހާއެވެ. ފަޤީރުންނެވެ! 

ބޮޑަށް އުފަލުގައި ހުންނާނީ ފަޤީރުން ކަމަށް މިބުނަނީ ވަރަށް ބޮޑު ޔަޤީންކަމާއިއެކުގައެވެ. އެކަމުގެ ހެކި ބޭނުން ހެއްޔެވެ؟ ބަންގި ގޮވީމާ ޖަމާއަތަށް ނަމާދަށް އަރާ މީހުންނަށް ބަލާށެވެ! " ބިލިއަނަރުން މިލިއަނަރުން ޤައުމުތަކުގެ ރައީސުން މަޝްހޫރު މޮޑެލުން، ލަވަކިޔާ މީހުން"ގެ ލިސްޓަށް ބަލައިފިނަ މިސްކިތުގެ ޖަމާއަތުން ފެންނާނީ ހަމަ ޙާލަކުން މީހެކެވެ. ނަމަވެސް އަހރެން މިބުނި ގިންތީގެ މީހުން، ފަޤީރުން ވަރަށް ގިނަވާނެއެވެ. 

މިކަމުގެ ސަބަބަށް ބަލައިފިނަމަ މިހެން މިވަނީ ފަޤީރު ނިކަމެތި މީހާ ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅޭތީއެވެ. ލިބޭ މިންވަރަށް ފެދިގެން ހުންނާތީ ބަންގި ގޮވުމުން މަސައްކަތް މެދުކަނޑައިލަން ފަސްނުޖެހި އެކަން ކުރަނީއެވެ. ނަމަވެސް  "ބިލިއަނަރުން މިލިއަނަރުން ޤައުމުތަކުގެ ރައީސުން މަޝްހޫރު މޮޑެލުން، ލަވަކިޔާ މީހުން"ގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެއްވެސް ކަމަކުން ހިތްހަމަ ޖެހުން ލިބި ފުރިހަމަ ނުވާތީ ހާސްކަމެއްގެ ތެރޭގައި ތެޅި ފޮޅެން ހަދައިގެން ޖަމާޢަތުގެ ނަމާދަށްވެސް ނުދެވެނީއެވެ. 

އެމީހުންނަށް ހިތް ހަމަޖެހުން ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ދުނިޔެއަށް ފޮނުއްވެވުނު ސަބަބު އެމީހުންނަށް ނުއެނގޭތީ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ނުވަތަ ތަނަވަސް މީހަކު ކަމުގައި ވުމުގެ ނިޔަތް އޮންނާތީއެވެ. ނިކަމެތި މީހާއަށް ހިތް ހަމަޖެހިގެން އެ ހުރެވެނީ މިއަދުވެސް މަރުވެދާނެ ކަމާއި މަރުވެ ދުނިޔެ ދޫކޮށްދާއިރު، ތެޅި ފޮޅިގެން ހޯދި ހުރިހާ ތަކެތި އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްފައި ދާން ޖެހޭނީ ހުސްއަތާކަން އެނގޭތީ ދުނިޔޭގެ ތަނަވަސްކަމަށް ދަހިވެތިކަން ނެތުމުންނެވެ. 

ދުނިޔެ ދޫކޮށްފައި ދަމުން ގެންދެވޭނީ ތިމާ ކުޅަހެޔޮ ޢަމަލެއް އެކަނިކަން ޔަޤީންވާތީ ކޮންމެ ގޮތަކުން ނަމަވެސް ވީހައި ގިނަ ޘަވާބު ހޯދަން މަސައްކަތްކުރެވެނީއެވެ. އެކަނިހުރެ ނަމާދުކުރުމުގެ 25، 27 ގުނަ އިތުރަށް ޖަމާޢަތުގައި ކުރުމުން ޘަވާބު ދެއްވަވާނެތީ ކޮންމެ ގޮތަކުން ނަމަވެސް ޖަމާޢަތުގައި ނަމާދުކުރަން ޝައުޤުވެރިވެވެނީއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން