މި 3 ކަންތައް ކުރުމަށްފަހު ފާފަކުރުން ހުއްޓައިނުލެވޭނަމަ މިއަދުނޫސް މެދުވެރިކޮށް އަންގާލަ ދެއްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
މި 3 ކަންތައް ކުރުމަށްފަހު ފާފަކުރުން ހުއްޓައިނުލެވޭނަމަ މިއަދުނޫސް މެދުވެރިކޮށް އަންގާލަ ދެއްވާށެވެ!

ފާފަކުރުން ހުއްތާލަން ގިނަ ބައަކު ބޭނުންވެއެވެ. ފާފަކުރުން ހުއްޓާލަން ބޭނުންވި ނަމަވެސް އެކަން ކުރަން އުނދަގޫތަކެއް ހުންނަކަން ފާހަގަކޮށް އެކަން ކުރެވޭނެ ގޮތަކާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން ފާފަކުރުން ހުއްޓައިލަން ކުރެވިދާނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ފުރަތަމަ ކަމަކީ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ. ހެޔޮ އަމަލުތައް ކުރުން ގިނަ ކުރާނަމަ ފާފަކުރެވުމާއި ދުރުހެލިވާނެއެވެ. ފާފަ ނުކުރަން އަމިއްލަ ނަފުސު އެމީހަކަށް ބުނަން ފަށާނެއެވެ. ނަފުސު އެގޮވާލާ ގޮވާލުންތަކަށް އިޖާބަ ދެވެން ވެސް ފަށާނެއެވެ. 

ގިނަ މީހުންނަށް ގިނައިން ފާފަ ކުރެވޭނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. އެފަދަ މީހުން އަޖުމަ ބަލައިލަންވެސް މަޣްރިބްނަމާދަށް މިސްކިތަށްދާގޮތަށް މިސްކިތުގައި މަޑުކުރުމަށްފަހު ޢިޝާ ނަމާދާއި ވިތުރިކޮށްގެން ފައިބަން ފަށައިބަލާށެވެ! އެވަރު ނުކުރެވޭނަމަ އެންމެ ކުޑަމިނުން މަގްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމާއަތުގައި ކުރަން އާދަކޮށްބަލާށެވެ! ވަރަށް ބޮޑު ތަފާތެއް ފެންނާނެއެވެ. މިއީ ގިނަ ބައަކު ކޮށްފައިވާ ތަޖުރިބާއެކެވެ. ތަޖުރިބާއިން ރަނގަޅު ނަތީޖާ ފެނިފައިވާ ތަޖުރިބާއެކެވެ. 

މިވަރުންވެސް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުފެނުނު ނަމަ ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ ދެ ނަމާދު ދޭތެރެ މިސްކިތުގައި ހޭދަކުރުމަށްފަހު ގެއަށް ގޮސް ކައިބޮއި ހެދުމަށްފަހު ގެއިން ބޭރަށް ނުނުކުތުމެވެ. ކޮންމެހެން ނުކުންނަން ޖެހިއްޖެ ނަމަ އަނބިމީހާ ނުވަތަ ޢާއިލާގެ ވަރަށް ގާތް މީހަކާއިއެކުނޫނީ ނުނުކުތުމެވެ.  އެފަދަ މީހަކާއިއެކު ނޫނީ ގެއިން ބޭރަށް ނުދިއުމެވެ. ޚާއްޞަކޮށް އަންހެނުން އެކަނި ބޭރަށް ނުދިއުމެވެ. 

ހަމަ އެއާއިއެކު އަންނަ ފޯނުތަކަށް ސިއްރުން ވާހަކަދެއްކުން ހުއްޓައިލަންވާނެއެވެ. ސިއްރުން މެސެޖުކުރުން ފަދަ ކަންކަން ވެސް ހުއްޓައިލަންވާނެއެވެ. ރަނގަޅީ ކޮންމެހެން ބޭނުމެއް ނުޖެހޭ ނަމަ ފޯނާއި ދުރުހެލިވުމެވެ. 

ޚުލާޞާ: 

1- ދެނަމާދުދޭތެރޭ މިސްކިތުގައި މަޑުކުރުން 

2- ޢިޝާ ނަމާދަށްފަހު ތިމާގެ މައްޗަށް ބާރުފޯރުވައި އިޞްލާޙްކުރެވޭނެ ވަރުގެ މީހަކާއިކު ނޫނީ ގެއިން ބޭރުގައި ނޫޅުން

3- ފޯނުން ސިއްރުން ޗުކްޗުކްލެއްވުން ހުއްޓާލުން 

މި 3 ކަންތައް ފުރިހަމަކުރުމުން އެމީހެއްގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ނައި މީހެއްގެ ވާހަކަ އަދި މިހައިތަނަށް އަޑު އިވިފައެއް ނެތެވެ. ވާހަކަ ދެކެވުނު އެންމެންވެސް ބުނެފައިވަނީ މި 3 ކަންތަކަށް އަމަލުކުރަން ފެށުމުން ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ރަނގަޅު ނަތީޖާ ފެނުނު ކަމަށެވެ. އެހެންކަމުން މި 3 ކަންތަކަކީ ރޭގަނޑު ފާފަކުރެވުން ހުއްޓައިލެވޭނެ މުޖައްރިބް 3 ކަންތައް ބުނުމުގެ ފުރުޞަތު އެބައޮތެވެ. 

ހަމަ އެއާއިއެކު ފާހަގަކޮށްލާނަމެވެ. މަޖުބޫރުވެގެން ނޫނީ ރޭގަނޑު މަސައްކަތް ނުކުރާށެވެ! ރޭގަނޑަކީ މަސައްކަތްކުރަން އޮތް ވަގުތެއް ނޫނެވެ. ރޭގަނޑު މަސައްކަތް ކުރާނަމަ ބޭރުގައި އުޅެން ޖެހެއެވެ. އެކަމުގެ ސަބަބުން ނުބައި އެތައް އަމަލަކަށް މަގުފަހިވެގެންދެއެވެ. ޢިޝާ ނަމާދަށްފަހު ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ހޭލައި ނުއުޅެ ނިދަން އިސްލާމް ދީނުގައި އޮންނަނީ މި ސަބަބަށްޓަކައެވެ. 

ފާފަކުރުން ހުއްޓައިލަން ބޭނުން މީހާއަށް ކޮންމެހެން ކުރަން ޖެހޭ އެއްކަމަކީ ތިމާއަށް ކުރެވޭ ފާފައިގައި ބައިވެރިވާ ނުވަތަ އެފަދަ ފާފަތައް ކުރާ ހުރިހާ ރައްޓެހިންނާއި މުޅިން ދުރުހެލިވުމެވެ. އެފަދަ މީހަކަށް ނުވެސް ފެނި އުޅުމެވެ. ބައްދަލުވި ނަމަވެސް ސަމާލުކަން ނުދިނުމެވެ. ރަނގަޅަށް ވިސްނައިލުމަށްފަހު ބުނެބަލާށެވެ! އެފަދަ މީހުން ލޮލަށް ފެނުމުންވެސް ފާފަކުރަން ޝައުޤްވެރިކަން އިތުރު ނުވޭހެއްޔެވެ؟ އިތުރުވާނެއެވެ. އެއީ ނުވެ ނުދާނެ ކަމެކެވެ. 

މިބިޔާންކުރި މަގުން ޢަމަލުކުރުމުން ކަންކަން ކުރުމުން ޢަމަލުތައް އިޞްލާޙް ނުކުރެވުނު ނަމަ މިއަދުނޫސް މެދުވެރިކޮށް އަންގައިލަދޭށެވެ. އިތުރު އެހީތެރިކަން ފޯރުކޮށްދޭނަމެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން