އަންނަ އަހަރުގެ ފުރަތަމަ ދުވަހަކީ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހެވެ. ހިޖުރީ ސަނަތުން 1442 ފެށި 1443 ވަނަ އަހަރު ފެށޭ ދުވަހެވެ.
މިޙާލަތުގައި ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ އަންޞާރުންނާއި މުހާޖިރުން ފަދައިން މުސްލިމުން އަޚްވަންތަ ގުޅުމަކުން ގުޅިގެންދިއުމެވެ. އެދުވަހު މުހާޖިރިއްޔަ ބޭކަލުންނާއި އަޚްވަންތަކަން ޤާއިމުކުރައްވަން އަންޞާރިއްޔަ ބޭކަލުން ފަސްޖެހިވަޑައިނުގަތީ މުހާޖިރިއްޔަ ބޭކަލުންގެ އަތްޕުޅުގައި އެވަގުތު އެއްޗެއް (މުދަލެއް) ފެންނަން ނެތް ނަމަވެސް އިސްލާމީ އަޚްވަންތަކަމުގެ ގުޅުމުން ދެ މީހަކު ގުޅިއްޖެނަމަ 2 މީހުންނަށްވެސް ﷲ ތަޢާލާ ރިޒްޤް ދެއްވަވައި ކަންކަން ފުރިހަމަކޮށްދެއްވަވާނެ ކަމުގެ ޔަޤީންކަން އޮތުމުންނެވެ. ކަންކަން ފެނިގެންދިއައީވެސް ހަމައެމަގުން ކަންކަން ވެގެންދިއަތަނެވެ.
މިއަދު ވެގެން މިއުޅޭ ގޮތަކީ ﷲ ތަޢާލާއަށް އިތުބާރުކުރެވުން ކުޑަވީއެވެ. އަޚުންނަށް ޞަދަޤާތްކޮށްފިނަމަ ފަޤީރުވެދާނެކަމަށް ޤަބޫލުކުރެވި މާބޮޑަށް ބިރުގަނެވެނީއެވެ. އެހެންވެ ތިމާގެ އަޞްލު (ރަޙިމުގެ ގުޅުމުގެ ތެރެއިން) އަޚުންގެތެރޭގައި ނަމަވެސް ފަޤީރަކު ހުރިނަމަ އަނގައިން ބުނަންވެސް ބިރުގަންނަނީއެވެ.
ނަމަވެސް އެދުވަސް ހަނދާނަށް ގެންނާށެވެ. އަންޞާރިއްޔަ ބޭކަލުން، އެބޭކަލުންގެ ގެދޮރާ މުދަލާ އަދި އެންމެ ލޯބިފުޅުވާ އަނބިންވެސް ހަމަހަމައަށް ބައްސަވައިލެއްވެވީ އެވެ. ހަމައެކަނި އެދިވަޑައިގަތީ އެންމެ ކަމަކަށެވެ. ﷲ ތަޢާލާގެ ރަޙްމަތަށެވެ.
ކޮވިޑުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން އެއްބައަކު މިވަނީ އިންތިހާއަށް ނިކަމެތިވެފައެވެ. ކިރިޔާވެސް ތަނަވަސްކަންހުރި މީހުން އެމީހުންނާއި އަޚްވަންތަކަން ޤާއިމުކުރަންވީއެވެ. އެހީތެރިވާންވީއެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން ދުޢާކުރަމުން ގެންދަންވީއެވެ. އެއިރުން އެމީހަކަށް ތަނަވަސްކަން އޮއްސަވާނެ ގޮތް ނުވެސް އެނގޭނެއެވެ. އަދި އެކަންވާނީ ސުވަރުގޭގެ ދޮރުކޮޅުގައި ޓަކިޖެހުން ފަދަ ކަމަކަށެވެ.
ލޯނުދީ އަޅުވެތިކުރުވަންވީއެއް ނޫނެވެ. ރިބާ އަތުލަންވީއެއް ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތުން ބަރަކާތް އެދިގެން ބަހައިލަންވީއެވެ. އިމެއް މިނެއްނެތި ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން