ރަޙިމުގެ ގުޅުމަށް ސަމާލުކަންދިނުން ކުޑަކުރާ މީހުންނަށް މިވާހަކައިގަ ވަރަށް ބޮޑު ޢިބްރަތެއްވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރަޙިމުގެ ގުޅުމަށް ސަމާލުކަންދިނުން ކުޑަކުރާ މީހުންނަށް މިވާހަކައިގަ ވަރަށް ބޮޑު ޢިބްރަތެއްވެއެވެ!

ޢާއިލާގައި ތިބީ އެންމެ 2 ބެއިންނެވެ. ނަމަވެސް ދޮށީ ބޭބެއަށް ކައިވެނިކުރެވުނު އަނބިމީހާގެ ނުފޫޒުގަދަކަމުން ދެބެއިންގެ ގުޅުން ކެނޑެމުން ގޮސް ދެބެން ބައްދަލުވެސް ނުވާތާ 7 އަހަރުވަރުވެދާނެއެވެ. ބޭބެއަކީ އަތްމަތި ތަނަވަސް މީހެކެވެ. ކޮއްކޮއަކީ ފަޤީރެކެވެ. 

ފަޤީރު މީހާ އޭނާގެ އަނބިމީހާ އާއިއެކު އެއްދުވަހަކު ޕާކަކަށް ގޮސް މެންދުނުރު ކާންވެގެން ޕާނެއް ގަނެގެން ސޭންޑްވިޗް ހެދިތަނާ ފަޤީރަކު އައިސް ކާނެ އެއްޗަކަށް އެދުމުން ފުރަތަމަ އޭނާއަށް ކާނެ ވަރަކަށް ކާންދިނެވެ. ދެމަފިރިން ނުކައި ތިބެއެވެ. 

އެއީ މުސްކުޅިއެކެވެ. ކައި ނިމިގެން މުސްކުޅިޔާ ބުންޏެވެ. "ތިއަ ދެކުދިން ނުކައިތިބެވެސް އަހަރެންނަށް ކާންދީފީމުއެވެ. އަހަރެން ގިނައިން ކެއީ އެކަމަށް ދެކުދިން ހިތް ނުރުހޭތޯ ބަލަންވެގެންނެވެ. ތިއަތިބީ ދީލަތިކަމާއިއެކު ދީގެންނެވެ. އެހެންވެ ބޭބެގެ ފަރާތުން ދެކުދިންނަށް ކޮށްދޭނެ ދުޢާއެއް، (ދުޢާކޮށްދޭންވީ ކަމެއް) ބުނެބަލާށެވެ." 

ވަރަށް ވިސްނަން ޖެހުނެވެ. ގެވެސް ހުރީ ބޮލަށް ވެއްޓެންވެފައެވެ. ނަމަވެސް ބޭބެ އާއި ބައްދަލުނުވާތާ 7 އަހަރުވީއެވެ. އުޅޭތަނެއްވެސް ނޭނގެއެވެ. އަތްމަތި ފަޤީރެވެ. މިފަދަ އެތައް ޚިޔާލުތަކެއް ކުރުމަށްފަހު އެދުނީ ބޭބެ އާއި ބައްދަލުވޭތޯ ދުޢާކޮށްދިނުމަށެވެ. 

ދުޢާކުރުމަށްފަހު އެމީހާ ބުންޏެވެ. "އިރާދަކުރެއްވިއްޔާ ލަހެއް ނުވެ ބޭބެއާ ބައްދަލުވާނެއެވެ. އަތްމަތިވެސް ތަނަވަސްވާނެއެވެ. ފަޤީރު ޙާލުގައިވެސް ތަނަވަސްކަމަށްވުރެ ބޮޑަށް ރަޙިމުގެ ގުޅުން ދަމަހައްޓަން ބޭނުންވުމަކީ ތަނަވަސްކަން އިތުރުކުރައްވާ ކަމެކެވެ." 

އެހެން ބުނެފައި އެމީހާ ދިއައީއެވެ. 

އެމީހާ ބުނި ގޮތަށް ކަންތައް ދިމާވިއެވެ. ޖެހިގެން އައި ހަފްތާގައި ބޭބެ އާއި ބައްދަލުވިއެވެ. ވީއުފަލުން ބޭބެ ފައިސާވެސް ދިނެވެ. އެފައިސާ ބޭނުންކޮށްގެން ކުޑަ ވިޔަފާރިއެއް ފެށުމުން ތަނަވަސްކަންވެސް ލިބުނެވެ. އިން ޝާ ﷲ 

މީސްތަކުންނޭވެ! ރަހިމުގެ ގުޅުން ކަނޑައިނުލާށެވެ. ދަމަހައްޓާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ހީވެސް ނުކުރެވޭހައި ގޮތްގޮތުން ދިރިއުޅުމަށް ކުރިއެރުން ލިބޭނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން