ނަމާދުކުރުން ގިނަކުރުމުން މަލާމާތް ކުރާނީ ޝައިޠޯނުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ނަމާދުކުރުން ގިނަކުރުމުން މަލާމާތް ކުރާނީ ޝައިޠޯނުންނެވެ!

ނަމާދަށް ދާން ފެށުމުން ނުވަތަ މިސްކިތުގައި ކިޔަވަން އިންނަން ފެށުމުން ފުރައްސާރައެކުރަނީ ޝައިޠާނުންނެވެ. މަލާމާތުގެ ބަސްތައް ރައްދުކުރަނީ ޝައިޠާނުންނެވެ. ބޭނުމަކީ އެމީހުން ފަދައިން އެންމެންނަކީވެސް ނަމާދު ނުކުރާ މީހުން ކަމުގައި ހެދުމެވެ. ޝައިޠާނާގެ ބައަށް މީހުން ގިނަކުރުމެވެ. 

ވިސްނަންވީ ކަމަކީ މަރުވާނެކަމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޤިޔާމަތް ދުވަހު ހުއްޓެން ޖެހޭނެކަމެވެ. ޖަވާބުދާރީވާން ޖެހޭނެ ކަމެވެ. އެދުވަހުން އަޅުގަނޑު ނަމާދަށް ދިއުން ހުއްޓައިލީ މިވެނި ބައަކު ފުރައްސާރަކުރާތީ ކަމަށް ދަންނަވައިގެން ނުފުދޭނެ ކަމެވެ. އެމީހަކު އަމަލުކުރި ގޮތެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކު ކަމެވެ. ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް ނަމާދު ނުކުރި ނަމަ އެމީހަކު ހިމެނޭނީ ނަމާދު ނުކުރި މީހުންގެ ތެރެއިން ކަމެވެ. ނަމާދު ނުކުރާ މީހުން ދިއުން އެންމެ ގާތީ ނަރަކައަށް ކަމެވެ. 

ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ. ވީމާ އެއްވެސް މީހަކު އެމީހާގެ ކޮންޓްރޯލް އެހެން މީހަކާއި ޙަވާލުކުރުމެއް ނެތެވެ! އެމީހެއްގެ ކޮންޓްރޯލް އެމީހަކު ނަގާށެވެ! އެއީ އެމީހާގެ މަސްއޫލިއްޔަތެކެވެ. 

ލަދުގަންނަންވީ ނަމާދުކުރާތީ ކުރާ ފުރައްސާރައަކަށް ނޫނެވެ. ލަދުގަންނަންވީ ނަމާދު ނުކޮށް ހުންނާށެވެ! އެހެނީ ތިމާ ހައްދަވައި ގެންގުޅުއްވަވާ، ތިމާއަށް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވާ އިލާހްގެ އެންގެވުންތަކަށް ބޯލަނބައި ކިޔަމަން ނުވުމަށްވުރެ ބޮޑު ކުށެއް އެއްވެސް މީހަކަށް ނުކުރެވޭނެތީއެވެ! 

ބައެއް މީހުން އިޞްލާހްވެ އަޅުކަން ކުރަން ފެށުމުން އެކަން ފާހަގަކޮށް އެމީހުންނަށް ފުރައްސާރަކޮށް މަލާމާތުގެ ބަސްތައް ބުނެއުޅެއެވެ. އަދި އެފަދަ ބަސްތަކާއި ގުޅިގެން  ބައެއް މީހުން އަޅުކަން ކުރުމާއި ދުރުހެލިވެފައިވެސް އެބަ ހުއްޓެވެ. ޚާއްޞަކޮށް މިސްކިތަށް ނަމާދަށް ދިއުން ފަދަ ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ފަސްޖެހޭތަންވެސް އެބަ އާދެއެވެ. 

ބަލަންވީ މީހުން ދައްކާ ވާހަކައަކަށް ނޫނެވެ. ތިމާއަށް ކުރަން ﷲ ތަޢާލާ އެންގެވި ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށެވެ. ކުރިން މިސްކިތަށް ގޮސް ނުއުޅެވުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މުހިންމީ ކަންކަން ވިސްނުމުން ހެޔޮ މަގުގައި ސާބިތުވުމެވެ. 

އެއްވެސް ޙާލެއްގައި މިބުނަނީ މިސްކިތަށް ނުދިއުމަކީ ރަނގަޅު ކަމެއް ކަމަކަށް ނޫނެވެ. އެއީ އަބަދުވެސް އެންމެ ބޮޑަށް އިސްކަން ދީގެން ކުރަން ޖެހޭނެ ކަންތަކެވެ. މުސްލިމަކަށްވުމަށްފަހު ނަމާދުކުރުމަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެއް ނެތެވެ. ނަމަވެސް ހަޔާތުގެ ކަންކަން ދިމާވާ ގޮތުން ޙަޔާތުގެ ކުރީކޮޅު އެންމެ ފުރިހަމައަށް ކަންކަން ނުކުރެވޭ ބައަކު ތިބޭނެއެވެ. އެއީ މަދު ބައެއް ވެސް ނޫނެވެ. 

ތައުބާވުމަށް މިއޮންނަނީ އެހެންވެގެންނެވެ. ތައުބާވުމަށް ވަކި ދުވަހެއް ނެތެވެ. ވަކިއުމުރެއްވެސް ނެތެވެ. އޮތީ އަބަދުވެސް ތައުބާވުންމަތީގައި ދެމިހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން