އުފަލާ ހިތްހަމަޖެހުން ބޭނުންނަމަ ކޮންމެ ދުވަހަކު ކޮންމެ މީހަކު ކޮންމެހެން ކުރަންޖެހޭނެ 2 ކަމެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އުފަލާ ހިތްހަމަޖެހުން ބޭނުންނަމަ ކޮންމެ ދުވަހަކު ކޮންމެ މީހަކު ކޮންމެހެން ކުރަންޖެހޭނެ 2 ކަމެއް-!

ކޮންމެ މީހަކު ކޮންމެ ޙާލެއްގައި (ކިތަންމެ ބުރަކޮށް) އުޅުނު ނަމަވެސް ކޮންމެ ދުވަހަކުވެސް އަދާކުރަންޖެހޭ 2 ކަމެއް ވެއެވެ. އެއީ ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުމާއި ޢާއިލާގެ މަސްއޫލިއްޔަތުތައް އަދާކުރުމެވެ. ޚާއްޞަކޮށް ލޯބިދޭންޖެހޭ މީހުންނަށް ލޯބިދިނުމެވެ. 

މި ދެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ ދުވަހަކުވެސް ފޭލްވެގެން ނުވާނެއެވެ. ފޭލްވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ. ދުނިޔެއާއި އާޚިރަތުގައިވެސްމެއެވެ. 

މިކަން ފާހަގަކުރަން މިޖެހެނީ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުންނެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ﷲ ތަޢާލާއަށް ކުރަންޖެހޭ އަޅުކަން ކުރުމަކީ ވެސް ހަމަޖެހިލައިގެން އުފަލުގައި ހުރެވޭ ދުވަސްތަކުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. ކުރާނެ މަސައްކަތެއް ނެތި ބިޒީކަން ކުޑަ ދުވަސް ދުވަހު ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ޢާއިލާއަށް ލޯބިދީ އަޅައިލަން ޖެހޭނީ ވެސް ވިސްނާނެ އިތުރު އެހެން އެއްވެސް ކަމެއް ނެތް ދުވަސްތަކުގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

އަނެއް ބައަކަށް ޤަބޫލުކުރެވެނީ އަޅުކަން ކުރުމަކީ އަތްމަތި ދަތިވުން، ބޮޑު ބައްޔެއް ޖެހުން، ވަޒީފާ ނުލިބުން ފަދަ ކޮންމެވެސް ބޮޑު މޫޞީބާތެއް ކުރިމަތިވުމުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް ކުރަންޖެހޭ އަޅުކަން ކުރަން ނުޖެހޭ އެންމެ ދުވަހެއްވެސް ނުއަންނާނެއެވެ. އެއީ ކިތަންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ދުވަހެއް ނަމަވެސް އެދޭ އެއްވެސް ކަމެއް ނުވެގެން ކިތަންމެ ވަރަކަށް މާޔޫސްވެފައި ހުރި ދުވަހެއް ނަމަވެސްމެއެވެ. އަދި ކިތަންމެ ބޮޑު އުފަލެއް ލިބިގެން ޢީދު ފާހަގަކުރާ ދުވަހެއް ނަމަވެސް މެއެވެ. ހަމަ އެއާއިއެކު ޢާއިލާއަށް ދޭން ޖެހޭ ލޯތްބާއި އަޅައިލުން ދޭން ނުޖެހޭ ނުވަތަ ކުޑަ ކުރެވޭނެ ދުވަހެއްވެސް ނުއަންނާނެއެވެ. މިއިން އެއްވެސް ކަމަކީ އެންމެ ދުވަހަކުވެސް ނުކޮށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. ނުކޮށް ދޫކޮށްލައިފިނަމަ އެކަމަށް ޤިޔާމަތް ދުވަހު ޖެހޭނީ ޖަވާބުދާރީ ވާށެވެ! 

ވީމާ ހަޔާތުގެ ކޮންމެ ދުވަހަކީވެސް އެމީޙަކު އަދާކުރަން ﷲ ތަޢާލާ އަންގަވާފައިވާ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރާ ދުވަހަކަށް ހަދާށެވެ! ކަންބޮޑުވުންތައް ފިލައި ހާސްކަން ކެނޑި ހަމަޖެހުން ލިބޭނީ އެއިރުންނެވެ. 

"ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. އުފާވެރި ދުވަހެކެވެ. ނުވަތަ ހިތާމަވެރި ދުވަހެކެވެ. ބައެއ ދުވަސް ދުވަހު ކުރަން އުޅޭ ހުރިހާ ކަންކަން ފަސޭހަކަމާއިއެކު ކާމިޔާބުވެއެވެ. އަނެއްބައި ދުވަސް ދުވަހު ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ."

މިއީ ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތެވެ. އުޞޫލެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ވިސްނައިލަންޖެހޭ ކަމެއް އެބައޮތެވެ. އެދުވަހަކީ ތިމާ ބޭނުންވި އެއްވެސް ކަމެއް ޙާޞިލު ނުކުރެވުނު ދުވަހެއް ނަމަވެސް ތިމާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއް ވެއެވެ. މިދެއްކީ އެތަނުން އެންމެ މުހިންމު 2 މަސްއޫލިއްޔަތުގެ ވާހަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން