އާޝޫރާ ދުވަހަކީ މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މިއަހަރުގެ އާޝޫރާ ދުވަހަކީ އޮގަސްޓްމަހުންނަމަ 18 ވާ ބުދަދުވަހެވެ. ވީމާ އާޝޫރާ ދުވަހުގެ ރޯދަ ހިފަން އެދޭމީހާއަށް އޮތީ އޮގަސްޓްމަހުންނަމަ 17، 18 ނުވަތަ 18، 19 ދެ ދުވަހު ރޯދަ ހިފުމެވެ.
އެހެނީ އާޝޫރާ ދުވަހު ރޯދަ ހިފަން އެދޭ މީހާ މުހައްރަމް މަހުގެ 10 ވަނަ ދުވަހުގެ އިތުރުން އެދުވަހުގެ ކުރިއަށް އޮތް 9 ވަނަ ދުވަހު ނުވަތަ ޖެހިގެން އަންނަ 11 ވަނަ ދުވަހު ރޯދި ހިފުންވެސް ސުންނަތްވެގެންވާތީއެވެ. މާނައަކީ ފަހަތަށް ނުވަތަ ކުރިއަށް ނަމަވެސް އެއް ދުވަސް އިތުރުކޮށް 2 ދުވަހު ރޯދަ ހިފުމެވެ.
އާޝޫރާ ދުވަހު ރޯދަ ހިފައިފިނަމަ އެމީހަކަށް ފާއިތުވި އަހަރު ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށް އުންމީދު ކުރައްވަވާ ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މުޙައްރަމް މަހުގެ 9 ވަނަ ދުވަހަށް ތާސޫރާ ދުވަސްވެސް ކިޔައެވެ.
ރަސޫލް (ﷺ) މަދިނާއަށް ހިޖުރަ ކުރެއްވެވުމަށްފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. އެހެންކަމުން އެއީ ސުންނަތްކަން ގަދަވެގެންވާ ރޯދައެކެވެ.
އާޝޫރާ ދުވަހުގެ ރޯދައާއިބެހޭ ގޮތުން އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެފައިވަނީ މިފަދައިންނެވެ.
ޢާޝޫރާއަކީ މުޙައްރަމު މަހުގެ ހަވަނަ ދުވަހަށް ދެވިގެންވާ ނަމެކެވެ. މި ކަލިމަ ގުޅިފައި ވަނީ ޢަރަބި ބަހުގައި ދިހައަކަށް ދެވިފައިވާ ނަމާ އެވެ. އެއީ ޢަޝަރަ އެވެ. ހަމަ މިގޮތަށް، މުޙައްރަމު މަހުގެ ނުވަވަނަ ދުވަހަށް ތާސޫޢާގެ ނަން ދެވިގެން ވެއެވެ. ޢަރަބި ބަހުގައި ނުވަޔަކަށް ދެވިފައިވާ ނަމަކީ ތިސްޢަ އެވެ. ޢާޝޫރާ ދުވަހަކީ ރޯދަހިފުން މޮޅު އިތުރުވެގެންވާ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ.
ޢާޝޫރާ ދުވަހު ރޯދަހިފަނީ ކީއްވެ؟
މުޙައްރަމު މަހުގެ ދިވަހަ ވަނަ ދުވަހަކީ މޫސާގެފާނާއި އެކަލޭގެފާނުގެ އަރިހުގައި ތިބި، އީމާންވީ މީސްތަކުން، ފިރުޢައުނުގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހެވެ. އަދި މޫސާގެފާނަށް ނަޞްރު ދެއްވައި، ފިރުޢައު ކަނޑަށް ގަންބަވައިގެންނެވި ދުވަހެވެ.
ޞަޙީޙުލް ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި ރިވާވެގެން ވެއެވެ. عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَدِمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ فَسُئِلُوا عَنْ ذَلِكَ؟ فَقَالُوا: هَذَا الْيَوْمُ الَّذِي أَظْهَرَ اللهُ فِيهِ مُوسَى، وَبَنِي إِسْرَائِيلَ عَلَى فِرْعَوْنَ، فَنَحْنُ نَصُومُهُ تَعْظِيمًا لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَحْنُ أَوْلَى بِمُوسَى مِنْكُمْ فَأَمَرَ بِصَوْمِهِ» މާނައީ: އިބްނު ޢައްބާސް ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއަށް ހިޖުރަ ކުރެއްވިއިރު ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފައި އުޅުނެވެ. އެދުވަހު ރޯދަހިފުމާ ބެހޭގޮތުން އެމީހުންނާ ސުވާލު ކުރެވުނު ހިނދު އެމީހުން ބުންޏެވެ. "މި ދުވަހަކީ މޫސާގެފާނާއި ބަނީސް އިސްރާއީލް މީހުން، ފިރުޢައުނުގެ މައްޗަށް ގަދަކުރައްވައި، ނަޞްރު ދެއްވި ދުވަހެވެ. އެދުވަހުގެ މާތް ކަމައްޓަކައި ތިމަންމެން ރޯދަހިފަނީ އެވެ.
އެހިނދު ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ތިޔަބައި މީހުންނަށްވުރެ މޫސާގެފާނަށް ދެއްވުނު ނަޞްރާމެދު އުފާ ކުރުން އައުލާވެގެން ވަނީ ތިމަންމެނަށެވެ." ދެން އެދުވަހު ރޯދަ ހިއްޕެވުމަށް އަމުރު ކުރެއްވި އެވެ."
މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރީން، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާގައި ހުންނެވި ދުވަސްވަރު ވެސް ޢާޝޫރާދުވަހު ރޯދަ ހިއްޕެވިއެވެ. އަދި ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައި ޢާޝޫރާ ދުވަހުގެ ރޯދަ ހިފުން މުސްލިމުތަކުންނަށް ވާޖިބެއްކަމުގައި ކަނޑައެޅުއްވިއެވެ. ނަމަވެސް ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމަށްފަހުގައި ޢާޝޫރާދުވަހުގެ ރޯދައިގެ ވާޖިބުކަން ކެނޑިގެން ދިޔައެވެ. އެދުވަހު ރޯދަހިފަން އެދޭ ބަޔަކު ރޯދަހިފުމަށް އިރުޝާދު ދެއްވިއެވެ.
ޢާޝޫރާ ދުވަހު ރޯދަ ރޯދަހިފުމުގެ ޙުކުމް
އިސްވެބަޔާންކުރެވުނު ފަދައިން، ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމުގެ ކުރީގައި ޢާޝޫރާ ދުވަހު ރޯދަހިފުން އޮތީ ވާޖިބެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވެއެވެ. كَانَتْ قُرَيْشٌ تَصُومُ عَاشُورَاءَ فِي الْجَاهِلِيَّةِ، وَكَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُهُ، فَلَمَّا هَاجَرَ إِلَى الْمَدِينَةِ، صَامَهُ وَأَمَرَ بِصِيَامِهِ، فَلَمَّا فُرِضَ شَهْرُ رَمَضَانَ قَالَ: «مَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ»
މާނައީ: "ޖާހިލިއްޔަ ޒަމާނުގައި ޤުރައިޝުން ޢާޝޫރާ ދުވަހު ރޯދަހިފައި އުޅުނެވެ. އަދި ރަސޫލާ صلى الله عليه وسلم ވެސް އެދުވަހު ރޯދަ ހިއްޕެވިއެވެ. ދެން މަދީނާއަށް ހިޖުރަ ކުރެއްވުމަށްފަހު، އެދުވަހު ރޯދަ ހިފުމަށް މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. ދެން ރަމަޟާންމަހުގެ ރޯދަ ފަރުޟު ކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންކުރެ ޢާޝޫރާ ދުވަހުގެ ރޯދަ ހިފަން އެދޭމީހު އެދުވަހު ރޯދަހިފާހުށިކަމެވެ. އަދި ދޫކޮށްލަން އެދޭމީހަކު ދޫކޮއްލިޔަސް އެންމެ ރަނގަޅެވެ."
އެދުވަހު ރޯދަ ދޫކޮށްލެއްވުމަށް ހުއްދަ ދެއްވީ އެއީ ފަރުޟު ރޯދައެއް ނޫންކަން ބަޔާންކޮށްދެއްވުމުގެ ގޮތުންނެވެ. ވީމާ، ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީ ސުންނަތެކެވެ. އަދި އެދުވަހުގެ ރޯދައިގެ މާތްކަން ބޮޑުވެގެންވެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "صِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ". صحيح مسلم رقم (1162) މާނައީ: "ޢާޝޫރާ ދުވަހުގެ ރޯދައަކީ ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވައިދެއްވަނި އަޅުކަމެއްކަމުގައި ވުމަށް ތިމަންކަލޭގެފާނު އުއްމީދު ކުރައްވަމެވެ."
މުޙައްރަމު މަހުގެ ދިވަހަވަނަ ދުވަހާއެކުގައި ނުވަވަނަ ދުވަހުވެސް ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މިއަންނަ އަހަރާއި ހަމައަށް ދުނިޔޭގައި ލަހައްޓަވައިފިނަމަ ނުވަވަނަ ދުވަހުވެސް ރޯދަ ހިއްޕަވާހުށީމެވެ." ރިވާކުރެއްވީ އިމާމު މުސްލިމެވެ. އެބަހީ ޢާޝޫރާ ދުވަހާއެކުގައި ތާސޫޢާ ދުވަހުވެސް ރޯދަ ހިއްޕަވާނޭކަމުގައެވެ. މި ކަމުގެ ޙިކުމަތެއްކަމުގައި ވެފައިވަނީ ޔަހޫދީންގެ ޢަމަލުތަކާއި ޚިލާފުވެވަޑައިގެންނެވުމެވެ.
ބައެއް ރިވާޔަތްތަކުގައި ވެއެވެ. "ތިޔަބައިމީހުން ޢާޝޫރާ ދުވަހު ރޯދަހިފާހުށިކަމެވެ. އަދި ޔަހޫދީންނާ ޚިލާފުވާހުށިކަމެވެ. އެދުވަހުގެ ކުރިން އެއްދުވަހު ރޯދަހިފާށެވެ. ނުވަތަ އެދުވަހުގެ ފަހުން އެއްދުވަހު ރޯދަހިފާށެވެ."
ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ދަރަޖަތައް
ޢާޝޫރާ ދުވަހުގެ ރޯދަހިފުމުގައި މޮޅު އިތުރުވެގެންވަނީ ޢާޝޫރާ ދުވަހައެކު އޭގެ ކުރިން ނުވަތަ ފަހުން އެއްދުވަހު ރޯދައަށް ހުރުމެވެ.
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "ޢާޝޫރާ ދުވަހުގެ ރޯދަހިފުމުގައި ތިން ދަރަޖައެއް ވެއެވެ. އެއީ؛ އެއްވަނައީ އެދުވަހާއެކުގައި އެއްދުވަސް، އަދި ފަހުން އެއްދުވަސް ހިފުމެވެ. މިއީ އެންމެ މޮޅުއިތުރު ގޮތެވެ. އެއާ ޖެހިގެން އޮތީ، ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހާއި ދެދުވަހު ރޯދަ ހިފުމެވެ. މިއީ ގިނަ ޢިލްމުވެރިން އެގޮތަކަށް ބުރަވެވަޑައިގަންނަވާ ގޮތެވެ. ދެން އޮތީ ހަމައެކަނި ދިހަވަނަ ދުވަހު ރޯދަހިފުމެވެ."
މިއަހަރުގެ ޢާޝޫރާ ދުވަސް ދިމާވަނީ 29 އޮގަސްޓްވާ ހޮނިހިރު ދުވަހާއެވެ. އަދި ތާސޫޢާ ދުވަހަކީ، 28 އޮގަސްޓްވާ ހުކުރު ދުވަހެވެ. މިގޮތަށް ދިމާވުމުން ބައެއް ފަރާތްތަކުން ކުރައްވާ ސުވާލަކީ، ބުރާސްފަތި ދުވަހު ރޯދަ ނުހިފާ ހުކުރު ދުވަހު ރޯދައަށް ހުރެވިދާނޭތޯއެވެ؟
މިސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ، އާއެކެވެ! ހުކުރު ދުވަހާއެކުގައި ހޮނިހިރު ދުވަހު ރޯދަހިފުމުން، ތާސޫޢާ އަދި ޢާޝޫރާ ދުވަހު ރޯދަހިފުން ފުރިހަމަވާނެއެވެ. ވީމާ، ހުކުރު ދުވަހު ރޯދަހިފުމަކީ އޭގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
ހުކުރު ދުވަސް ވަކީން، ސުންނަތް ރޯދަހިފުމަކީ އެދެވިގެންވާ ގޮތެއް ނޫންކަމުގައި ބައެއް ދަންނަބޭކަލުން ފަތުވާ ދެއްވައެވެ. އެބޭކަލުންވެސް ދެކެލައްވާ ގޮތުގައި، ސުންނަތް ރޯދަ ހިފުމުގައި ހުކުރު ދުވަހުގެ ކުރީން، ނުވަތަ ފަހުން ރޯދަހިފާނަމަ ހުކުރު ދުވަހު ރޯދަހިފުން ހުއްދަވެގެންވެއެވެ. ނަމަވެސް، އެހިފާ ރޯދައަކީ ޤަޟާރޯދައެއް ކަމުގައިވާނަމަ، ހުކުރު ދުވަހު އެކަނިވެސް ރޯދަހިފުން ހުއްދަ ކަމުގައި އެބޭކަލުން ދެކެލައްވައެވެ. މިފަދައިން ވިދާޅުވާ ބޭކަލުންގެ ތެރޭގައި ސަޢޫދީ ޢަރަބިޔާގެ ކުރީގެ މުފްތީ އައްޝައިޚް ބިންބާޒު ރަޙިމަހު ﷲ ހިމެނިވަޑައިގަންނަވައެވެ.
މިފަދަ ދަރުމަޔާއި، ސަވާބު ބޮޑުވެގެންވާ ދުވަހެއްގައި ރޯދަ ހިފުމަށް އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތް ކުރަމެވެ.