އަންނަ އޮގަސްޓުމަހު ފުރަތަމަދު ދުވަހު ރާއްޖޭގައި ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސާޝިޕް، އުރީދޫ މޯލްޑިވްސް އިން ނަގައި މުބާރާތުގެ ނަން "އުރީދޫ ސާފް ޗެމްޕިއަންޝިޕް" އަށް ބަދަލުކޮފިއެވެ.
މިއާއެކު އުރީދޫ ވެގެން ގޮސްފައިވަނީ މި ފަޙުރުވެރި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުކަން ހޯދި ރާއްޖެއަށް ނިސްބަތްވާ ފުރަތަމަ ކުންފުންޏަށެވެ.
މީގެ ކުރިން ވެސް ޓައިޓަލް ސްޕޮންސާގެ ނަން ލައިގެން ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންގޮސްފައިވެއެވެ. 1999 ވަނަ އަހަރު އިންޑިއާގެ ގޯއާގައި މުބާރާތް ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ކޮކާކޯލާ ހަމަޖެއްސިއިރު 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމުގައި މުބާރާތާއި 2018ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސުޒުކީ އެވެ.
ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ މިއީ ދެވަނަ ފަހަރެވެ.