ހުޅުމާލެ ދެވަނަފޭހަށް އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 59ސ
ހުޅުމާލެ ދެވަނަފޭހަށް އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް ފަށައިފި

ދިރާގުން ހުޅުމާލެ ފޭސް 2 ގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ފޯރުކޮށްދޭންފަށައިއެވެ.

މިއަދު އެޗް.ޑީ.ސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު އެގްރީމެންޓްގައި ވަނީ ސޮއި ކޮށްފައެވެ. މި ހަފުލާގައި ދެ ކުންފުނީގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައިއެވެ. އެގްރީމެންޓުގައި ސޮއި ކުރެއްވުމަށްފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ހޯއްދެވި އެންމެ ފުރަތަމަ ކަސްޓަމަރާ ވަނީ ބައްދަލުކުރައްވާފައިއެވެ.

މީގެ އިތުރުން ފަސޭހަކަމައިއެކު ކަސްޓަމަރުންނަށް ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީގެ ޙިދުމަތަށް އެދިލެއްވުމަށް ދިރާގުގެ ޓީމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހީޔާ ފްލެޓް ސަރަހައްދުގައި މިއަދު 18:00 ވަންދެން ހަރަކާތްވަމުން ދާނެއެވެ. އަދި މާދަމައިން ފެށިގެން 10 އޮކްޓޯބަރ ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ހަރަކާތްތެރިވަމުން ދާނެއެވެ.

ދިރާގު ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވިދާޅުވީ "އެޗް.ޑީ.ސީ އާ ގުޅިގެން ހުޅުމާލެ ފޭސް 2 ގައި އާބަދުވަމުންދާ ރައްޔިތުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ފޯރުކޮށްދެވިގެން ދިޔުމަކީ ނުހަނު އުފާވާ ކަމެއް. އެޗް.ޑީ.ސީ އާއެކު މި ވެވޭ އެއްބަސްވުމާއެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ކަސްޓަމަރުންނަށް ދޭޚިދުމަތްތަކަކީވެސް މާލޭގެ އެހެންސަރަޙައްދު ތަކެކޭ އެއްގޮތަށް އެންފެންވަރެއްގައި، އަގުގެ ތަފާތެއްނެތި، އެއްއަގެއްގައި ދެވޭނޭ ޚިދުމަތްތަކެއްކަން ޔަޤީންކުރުން.  އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ ޚިދުމަތެއް ފޯރުކޮށްދީ، ކަސްޓަމަރުން އެކަކު އަނެކެކާ ގުޅުވައިދިނުމަށް."

ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ އެމް.ޑީ ސުހައިލް އަހުމަދު ވިދާޅުވީ "ހުޅުމާލެ ފޭސް 2 ގައި އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އެންމެ ފުރަތަމަ އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް ފޯރުކޮށްދިން ކުންފުންޔަށް ދިރާގު ވެގެން ދިޔުމާކީ ވަރަށް އުފާކުރާކަމެއް.  އަޅުގަނޑުމެން ދެ ކުންފުނީގެވެސް އަމާޒަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވާ ޑިޖިޓަލް ފަރަގު ކުޑަކުރުން ކަމުގައި ވުމުން، މިއީ ހުޅުމާލެ، ރާއްޖޭގެ އެންމެ ފުރަތަމަ "ސްމާޓް ސިޓީ" އަށް ވެގެން ދިޔުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް"

ދިރާގާއި އެޗް.ޑީ.ސީއަކީ ސަރުކާރު ހިއްސާވާ ދެ ކުންފުންޔަށް ވީ ހިނދު، މި ދެކުންފުނިވެސް އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖޭގެ މުޖުތަމަޢުތައް ބިނާ ކޮށް ތަރައްގީ ކުރުމެވެ. އެގޮތުން، ދިރާގުން ވަނީ ހުޅުމާލޭގައި މީހުން އާބާދުވާން ފެށީއްސުރެއް އެންމެ ފުރަތަމަ އަސާސީ ޙިދުމަތް ދޭންފެށި ކުންފުނިތަކައިއެކު ދިރާގުގެ ޙިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. އަދި މިއާއެކު  މިހާރު ހުޅުމާލެ ފޭސް 1 ގައި ދިރިއުޅޭ 50،000 އަށް ވުރެ ގިނަ ރަށްވެހިންނަށް ދިރާގުގެ ޚިދުމަތައްތައް ދަނީ ފޯރުކޮށްމުންނެވެ.

އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސަރވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ޚިދުމަތް އެއް ފައިބަރ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. ދިރާގުން މަސައްކަތްކުރަމުން ދަނީ އެޗް.ޑީ.ސީއާ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތައްތަކެއް ފޯރުކޮށްދިނުމަށެވެ.

މިއަދު އޮންލައިން