ގަތަރުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އެންޑް އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް އުރީދޫ ހަމަޖެހިފައިވާކަން މިއަދު އިއުލާންކޮށްފިއެވެ. އުރީދޫ އަކީ ގަތަރުގައި 2019 އަދި 2020 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕް ގެ ގައުމީ ސަޕޯޓަރެއްވެސްމެއެވެ.
"މި ފަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ މައި ސަޕޯޓަރެއްގެ ހައިސިއްޔަތުން ފީފާއާއެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް." އުރީދޫ ގަތަރުގެ ޗީފް ކޮމާޝަލް އޮފިސަރ ޝައިޚް ނާސިރު ބިން ޙަމަދު ބިން ނާސިރު އަލް ޘާނީ ވިދާޅުވިއެވެ.
"2022 ވަނަ އަހަރު ދުނިޔޭގެ ކުޅިވަރުގެ މައިދާނަށް އަޅުގަނޑުމެންގެ ގައުމު ދަތުރުކުރިއިރު ހުރިހާ ލޯތަކެއް އަމާޒުވާނީ ގަތަރަށް. މިއީ އުފެއްދުންތެރިކަމާއި ޓެލެކޮމިއުނިކޭޝަންގެ ރޮނގުން އަޅުގަނޑުމެންގެ ލީޑަރޝިޕް އިތުރަށް ވަރުގަދަ ކުރުމަށް އުރީދޫއަށް ލިބޭ ފުރުސަތެއް. ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައާއިއެކު މި ސަރަހައްދުގެ މުޖުތަމައުތަކާ އޮންނަ ގުޅުންބަދަހިވެގެންދާނެ ފުރުސަތެއްކަން ފާހަގަ ކުރުން،" އޭނާ ބުންޏެވެ.
"ގަތަރުގައި މިފެންވަރުގެ ބޮޑު މުބާރާތެއް ބޭއްވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ އާއި ނެޓްވޯކް ސްޕީޑު އުރީދޫގެ ޓެކްނޮލޮޖީ އަދި ތަޖުރިބާއާއެކު ފޯރުކޮށްދެވޭނެ. ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގައި އަޅުގަނޑުމެންނަށް އެއްބާރުލުންދީ ހީވެސް ނުކުރާފަދަ އުފާވެރި އަދި ފޯރިގަދަ ތަޖުރިބާއެއް ބެލުންތެރިންނާހަމައަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް."
"ރީޖަނަލް ސަޕޯޓަރެއްގެ ހައިސިއްޔަތުން މި ފަހަރު އުރީދޫ އެނބުރި އައުމުން އަޅުގަނޑުމެން އުފާކުރަން. އުރީދޫ އާއި އެކު، އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގަތަރުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށްވެސް ފޯރިގަދަ އިވެންޓެއް ބޭއްވުމުގެ އުއްމީދުގައި." ފީފާގެ ޑިރެކްޓަރ އޮފް ކޮމާޝަލް ރެވެނިއު ނިކް ބްރައުން ވިދާޅުވިއެވެ.
ފީފާ ވޯލްޑް ކަޕް ގަތަރު 2022 - ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް 21 ނޮވެމްބަރ އިން 18 ޑިސެމްބަރ 2022 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއީ އަރަބި ދުނިޔޭގައި ބާއްވާ ފުރަތަމަ ފީފާ ވޯލްޑް ކަޕެވެ. އެވްރެޖްކޮށް 110 މިލިއަނަށްވުރެ ގިނަ މީހުން މެޗް ބަލާ ފީފާ ވޯލްޑް ކަޕް މެޗުތައް ބަލާއިރު، ދުނިޔޭގެ އާބާދީގެ 51% އަށް ވުރެ ގިނަ މީހުން ވަނީ ފީފާ ވޯލްޑް ކަޕް ރަޝިއާ 2018 ބަލާފައެވެ.