ގަރލްސް ޓު ކޯޑް ކުޅުދުއްފުށި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 45ސ
ގަރލްސް ޓު ކޯޑް ކުޅުދުއްފުށި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި!

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށް ގެންދާ ސިލްސިލާ ކޯޑިންގ ޕްރޮގްރާމް، ގަރލްސް ޓު ކޯޑްގެ މިއަހަރު ކުޅުދުއްފުށީގައި ބޭއްވުނު ޕްރޮގްރާމް ނިންމުމުގެ ހަފްލާ ބާއްވައިފިއެވެ. މި ޕްރޮގްރާމް ހިންގުނީ 1 ސެޕްޓެމްބަރ 2021 އިން ފެށިގެން 16 ނޮވްމެބަރ 2021 ނިޔަލަށެވެ. ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލުގައެވެ.  

ޕްރޮގްރާމް ނިންމުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ އަލްފާޟިލް މުޙައްމަދު އާތިފް ޗީފް ގެސްޓެއްގެ ހައިސިއްޔަތުން ބައިވެރިވިއެވެ. އަދި ކުޅުދުއްފުށީ ސެކަންޑްރީ ސްކޫލްތަކުގެ އިސްވެރިންނާއި ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ބައިވެރިވިއެވެ. 

މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އައު، ޖުމްލަ 18 ދަރިވަރުން ވަނީ ބައިވެރިވެ ޕްރޮގްރާމް ކާމިޔާބުކަމާއެކީ ނިންމާފައެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް މި ހަފްލާގައިވަނީ ސެޓްފިކެޓް ހަވާލު ކުރެއްވިއެވެ. 

ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގަރލްސް ޓު ކޯޑް ކުޅުދުއްފުށި ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އަލްފާޟިލާ އާތިފާ ޢަލީ މަރުހަބާ ދެންނެވިއެވެ.  ޓެކްނޮލޮޖީ ދާއިރާއިގައި މަސައްކަތްކުރާ އަންހެނުން އިތުރުވަމުން އަންނަކަށް ފާހަގަކޮށް މިދާއިރާއަށް އަންހެންކުދިންނަށް ހުރި ފުރުސަތުތަކުގެ ވާހަކަ ދެންނެވިއެވެ. އަންހެނުންނާއި އަންހެންކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ރަށުގައި ތިބެގެންވެސް ކެރިއަރއެއް ހޯދަން މިއަދު މަގުފަހިވެފައިވާ ކަންކުރެއްވިއެވެ.  

ކުޅުދުއްފުށީގެ ތަރައްގީ ޕްލޭންގައި މީހުން ބިނާ ކުރާ ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ ދާއިރާ ހިމެނޭކަމަށް މޭޔަރ އާތިފް ހާމަކުރެއްވިއެވެ. ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބުކޮށް ޕްރޮގްރާމުން ދަސްވި ހުނަރުތަކުގެ ބޭނުންކޮށް އިތުރަށް ތަރައްގީކޮށް ޓެކްނޮކޮޖީ ދާއިރާއަށް ނުކުތުމަށް އިލްތިމާސްކުރެއްވިއެވެ. ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުޅުދުއްފުށީގައި މިފަދަ މުހިންމު ޕްރޮގްރާމްއެއް ހިންގި ކަމަށްޓަކައި ޝުކުރުދެންނެވިއެވެ. އަދި ވިމެން އިންޓެކް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ފާހަގަކުރެއްވިއެވެ. 

ޕްރޮގްރާމުން ދަސްވި މަޢުލޫމާތުގެ ބޭނުންކޮށްގެން މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެންނަން ފަށައިގަތުމަށް ވިމެން އިންޓެކް މޯލްޑިވްސްގެ ރައީސާ އަލްފާޞިލާ ހިންދު އަލީ ކުދިންނަށް ހިތްވަރު ދެއްވިއެވެ. އަދި ޕްރޮގްރާމްގައި ދަސްކުރި ހުނަރު ބޭނުންކުރުމަށް ރަށު ލެވެލްގައާއި ގައުމީ ލެވެލްގައި މިޕްރޮގްރާމްގެ ބައިވެރިންނަށް ފުރުސަތު ހޯއްދަވާ ދެއްވުމަށާއި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ނެރުމަށް ބާރު އަޅުއްވާދެއްވުމަށް މޭޔަރ އާތިފް އަރިހުން އެދުނެވެ. 

މިހަފްލާގައި ޓެކްނޮލޮޖީ ދާއިރާގައި ދިރާގުގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އަލްފާޞިލާ ބިޝާރާ ހަމީދު ވާހަކަ ދެއްކެވިއެވެ. އަދި މިއަހަރު އިންފޮމޭޝަން ޓެކްނޮލޮޖީއަށް ޚާއްޞަކޮށްގެން ގްރެޖުއޭޓް އެޕްރެންޓިސްޝިޕް ފުރުސަތުތައް ދިރާގުން ހުޅުވާލި  ވާހަކަވެސް ފާހަގަ ކުރެއްވިއެވެ. 

ބައިވެރިވި ދަރިވަރުންގެ ފަރާތުން މަރިޔަމް މައިޝާ މުޙައްމަދު މި ހަފްލާގައި ވާހަކަ ދެއްކިއެވެ. މައިޝާ ބުނިގޮތުގައި ކޯޑިން އަކީ އުނދަގޫ ދާއިރާއެއްކަމަށް ކުރިން ހީވިނަމަވެސް މި ޕްރޮގްރާމްގެ ސަބަބުން ވިސްނުން ބަދަލުވެ، ކޯޑިން އަކީ ހަގީގަތުގައި ވެސް ކެރިއަރެއްގެ ގޮތުގައި އަންހެނުން ކުދިންނަށް ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެއްކަން ހާމަކުރިއެވެ. ކޯޑިންގގެ ހަމައެކަނި ބޭސިކްސް ދަސްކުރުމުން ވެސް މިދާއިރާއިން ލިބިދާނެ ފުރުޞަތުތަކުގެ ގޮތުން އައު ވިސްނުންތަކެއް ލިބިގެން ދިޔަކަމަށްވެސް މައިޝާ ހިއްސާކުރިއެވެ. 

މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި 2018 ވަނަ އަހަރުން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމް ސީރީޒްއެކެވެ.

މިއަދު އޮންލައިން