ޤުރްއާން ހިތުދަސްކުރާ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން ސަރުކާރުން ލިވިންގ އަލަވަންސްދޭން ނިންމައި ރައީސުލްޖުމްހޫރިއްޔާ އެކަން އިޢުލާނުކުރެއްވުމުން ރާއްޖޭގައި ޤުރްއާނުގެ ޢިލްމް ފެތުރުމަށް އެންމެ ބުރަކޮށް މިހާރުވެސް މަސައްކަތްކުރައްވާ، އަދި އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެންވެސް ކުރެއްވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ވަނީ ރާއްޖޭގައި ބާއްވަންފެށި ބައިނަްއަްްވާމީ ޤުރްއާން ކިޔެވުމުގެ މުބާރާއި އެންމެ ބޮޑު އިނާމުދީގެން ބޭއްވި "އެންމެ އަލިގަދަ ތަރި" މުބާރާތް އަލުން ކުރިއަށް ގެންދިއުމަށާއި އަދި ރާއްޖެތެރޭގައި ހުރި ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ ގޮފިތައް ޙަރަކާތްތެރިވުމަށްވެސް ގޮވާލައްވައިފައެވެ.
ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ޢިމާރާތް ބަދަލުކުރަންޖެހުމުގެ މައްސަލައެއް ކުރިމަތިވެ ހުޅުމާލޭގައި ހިންގަމުން އައި ކީރިތި ޤުރްއާނާއިބެހޭ މަރުކަޒުގެ ގޮފީގައި ކިޔަވައިދިނުންވެސް މިހާރުވަނީ ހުއްޓާލެވިފައެވެ.