މިއީ ހަމަ މިއަދު ހިނގިކަމެކެވެ. އެއާޕޯޓަށް މީހަކު ބަލައިދިއަ ޓެކްސީއެކެވެ. ދަތުރުކުރުވި މީހާ ޓެކްސީގައި އިނެވެ. ހޯދަންދިއަ މީހާ އާއި ބައްދަލުވީ މީހުން ބާލާ ޕޮއިންތް ކައިރިންނެވެ. އެއިރު ޓެކްސީ ދިއައީ ދުއްވަމުންކަމަށްވާތީ އެޕޮއިންޓުން މީހާ އެރުވީ އެއިރުވެސް ޓެކްސީގައި ދަތުރުކުރުވާ ފަރާތް އިނުމުން އެއީ އިތުރު ދަތުރެއްގެ ގޮތުގައި ނުބަލާނެ ކަމަށް ހީކުރެވިގެންނެވެ. ކޮންމެހެން މީހުން އަރުވާ ޕޮއިންޓަށް ގޮސް ކިޔޫގައި ޖެހެން ނުޖެހޭނެ ކަމަށް ޤަބޫލުކުރެވިގެންނެވެ.
ނަމަވެސް އެކަންވީ ކުށަކަށެވެ. ދުއްވާފައި އައިސް ބްރިޖްކައިރީ ޕޯސްޓާ ހަމަވިތަނާ ޓެކްސީ ހުއްޓުވިއެވެ. ހެޔޮފުޅުކަމުން ޖުރުމަނާއެއް ނުކުރިއެވެ. ނަމަވެސް އެންގީ އަލުން ޓަރމިނަލް ކައިރިއަށް ގޮސް އޭނާ އެރުވިތަނަށް ބާލާފައި މީހުން އަރުވާ ޕޮއިންޓުގަ މަޑުކޮށް އަލުން ޓެކްސީއަށް އަރުވައިގެން އައުމަށެވެ.
އެޢަމަލުކުރެވުނީ ހަމަ ވަރަށް ރަނގަޅަށެވެ. ޤަވާއިދަށެވެ. އިތުރު ތަކްލީފް އުފުލަން އެޖެހުނީ ނުއެނގުމެއްގެ ތެރެއިން ނަމަވެސް އޮންނަ އުޞޫލުން ބޭރުން ޓެކްސީއަށް މީހަކު އެރުވުނީތީއެވެ.

ސުވާލަކީ ފުލުހުން ބަލަހައްޓަން ބޭނުންވާ ކަންކަން މިހައި ރަނގަޅަށް ބަލަހައްޓާއިރު މިސްކިތްތަކުގެ ނިދައި، މަސްތުވާތަކެތި ބޭނުންކޮށް ހަދާ މީހުން މިސްކިތުން ނުބޭލެވެނީ ކީއްވެގެންތޯއެވެ؟ މިސްކިތުގައި ނިދުމަކީ ޖިނާޢީ ކުށަކަށް ނުވާތީ އަދަބެއް ނުދެވުނު ނަމަވެސް ނުތާހިރާ ތިބެ މިސްކިތްތަކަށް އަރައި މިސްކިތް ނަޖިސްކޮށް ނިދާފައި ތިބޭއިރު ހޭލައްވައި މިސްކިތުން ބޭރު ނުކުރަނީ ކީއްވެގެންތޯއެވެ؟ ފެންވަރައި ތާހިވެގެން މިސްކިތަށް އަރަން ނުބުނެވެނީ ކީއްވެގެންތޯއެވެ؟ ހަމަގައިމުވެސް ނިދާފައި ތިއްބާ ހޭލައްވާނަމަ ނިދާކަށް ނުތިބޭނެއެވެ. މިސްކިތުގެ ޙުރުމަތް ކަނޑައި ނިދާފައި ތިބޭ މީހުން ހޭލައްވަން އޮތީ ޤާނޫނީ ގޮތުން ކޮން ހުރަހެއްތޯއެވެ؟

އުންމީދުކުރެވެނީ މިސްކިތްތަކުގެ ޙުރުމަތް ޙިމާޔަތްކުރަންވެސް ފުލުހުންގެ ދައުރު އިތުރުވެގެންދާނެ ކަމަށެވެ. ފުލުހުންގެ އެހީތެރިކަމާއި ނުލައި މިސްކިތްތައް ޙިމާޔްތް ކުރުމަކީ މިއަދު ކުރެވެން އޮތް ކަމެއް ނޫނެވެ.