ރައީސް ޔާމީނު މިނިވަންވެވަޑައިގަތުމުގައި ސަރުކާރުގެ އެއްވެސް ކަސްތޮޅެއް ނެތް ކަމަށާއި ސަރުކާރަށް ސްޕްރީމް ކޯޓަށް އަތް ނުބޭނުނީކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާލުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމުން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ ކަމަށާއި އަދި މިހާރު ޕީޕީއެމުން ހިންގާ ޙަރަކާތްތައްވެސް ހަމަ ކުރިއަށް ގެންދާނެ ކަމަށެވެ.
ޕީޕީއެމުން އިސްނަގައިގެން އެންމެ ބާރަށް މިވަގުތު ކުރިއަށް ގެންދާ އެއްޙަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކޮށް އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމުގެ ނަމުގައި ހިންގާ ޙަރަކާތްތައކަން ފާހަގަކުރެވެއެވެ.
މަނީ ލޯންޑްރިންގ މައްސަލައަކާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލުޙުކުމް މިއަދު ސްޕްރީމް ކޯޓުން ވަނީ ބާޠިލްކޮށްފައެވެ. އެހެންކަމުން އެމަނިކުފާނު މިހާރު ވަނީ މިނިވަންވެވަޑައިގެންފައެވެ.
"ރާއްޖޭގ ސްޕްރީމް ކޯޓުން ޝަރުޢީ ނިޒާމުގެ އިތުބާރު ހިފަހައްޓައިފި. މިއީ އުންމީދީ ފެށުމެއް" ކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.