އެއް ލައްކަ ރައްޔިތުންގެ ފުރާނަ ދުއްވާލައިފައި ނޫނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގޮތެއް ހަދާކަށް ނުކުރޭނެކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ޔާމީން ދެކެ ސަރުކާރުން ރުޅި އަންނަ ސަބަބަކީ އެމަނިކުފާނަކީ ވަތަނީ ލީޑަރެއް ކަމުގައި ވުމިން ކަމަށާއި އަދި ދީން ހިމާޔަތްކުރެއްވުމަށް ޓަކައި މަސައްކަތް ކުރައްވާ ވަރުގަދަ ލީޑަރެއް ކަމަށްވުމުންކަމަށެވެ.
ސަލީމްވިދާޅުވީ ޔާމީން ހުންނެވިހާ ހިނދަކު ރާއްޖޭގައި އެހެން ދީނަކަށް ޖާގަ ނޯންނާނެ ކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ "އެހެންވީމަ އެމަނިކުފާނަށް އަނިޔާ ދޭން މަސައްކަތް ކުރަނީ، އެކަމަކު އަޅުގަނޑުމެން ހަށީގައި ލޭ ހުއްޓަކާ އެކަން ވިޔަކަ ނުދޭނަން. އެމަނިކުފާނު ދުލެއް ނުކުރާނަން. އަޅުގަނޑުމެން މިތިބީ. އެއް ލައްކަ އެތައް ރައްޔިތުންނެއްގެ ފުރާނަ ދުއްވައިލައިފައި ނޫނީ އެމަނިކުފާނަށް ގޮތެއް ހަދާކަށް ނުކުރޭނެ،" ކަމަށެވެ.