ވިޔަފާރީގަ އިސްލާމް ދީން ބޭނުންކޮށްގެން މަކަރު ހެދުން ޢާންމުވެއްޖެ - ބިރުހުރި ކަމެއް: ބިލާލް އައްސަދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ވިޔަފާރީގަ އިސްލާމް ދީން ބޭނުންކޮށްގެން މަކަރު ހެދުން ޢާންމުވެއްޖެ - ބިރުހުރި ކަމެއް: ބިލާލް އައްސަދު

ވިޔަފާރި ކުރުމުގައި އިސްލާމް ދީން ބޭނުންކޮށްގެން މަކަރު ހެދުން ޢާންމުވެއްޖެއެވެ. އެކަމަށް ބިރުގަންނަ މީހަކު މިހާރު ނެތް ކަމަށް ބުނެވިދާނެއެވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ.

 

މިސާލަކަށް މީހަކު އެއްޗެއް ވިއްކަން މަސައްކަތްކުރާއިރު އެ އެއްޗެއް ތިމާއަށް ލިބުނީ 100 ޑޮލަރަށް ކަމަށްބުނެ ﷲ ގަންދީ ހުވާކޮށްފާނެއެވެ. ހަޤީޤަތުގައި އެ އެއްޗެއް ލިބިފައިވަނީ އެންމެ 50 ވަރަކަށް ކަމަށްވީނަމަވެސް މެއެވެ. އަދި އެވަރަކުންވެސް ގިނަ ފަހަރު ނުފުއްދައެވެ. ދޮގު ހެދުމާއި މަކަރު ހެދުމަކީ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކަމަށް ބުނެ ވެސް އެބަ ވާހަކަ ދައްކައެވެ. އެމީހާ ބުނަނީ ތެދުކަން ކަސްޓަމަރަށް ޔަޤީންކޮށް ދިނުމެވެ.

 

މިފަދަ ދޮގު ވާހަކަތައް ދައްކާއިރު އެވާހަކަތަކުގެ އަޑު ﷲ ތަޢާލާ އައްސަވަމުން ގެންދަވާކަންވެސް ހިތަކަށް ނުއަރައެވެ. ހަދާ ބޮޑެތި ދޮގުތަކާއި މަކަރުތަކާއިމެދު މަރުވުމުން ސުވާލު ކުރެވޭނެ ކަމެއްވެސް ހަނދާނަކު ނުހުރެއެވެ. ބޭނުމަކަށްވެފައި އޮންނަނީ ކޮންމެ ގޮތަކުން ނަމަވެސް ވިޔަފާރި ނިންމާލައި އެކަމުން ނެގެން އޮތް އެންމެ ބޮޑު ފައިދާއެއް ނެގުމެވެ.

 

މިފަދަ ބޮޑެތި ދޮގުތައް ހަދަނީ ހަމައެކަނި ވިޔަފާރިވެރިންނެއް ނޫނެވެ. އަމިއްލަ ކާރު ވިއްކައިލުން ފަދަ ކަންކަމުގައިވެސް އަދި އެނޫން އެއްޗެއް ވިއްކައިލުން ފަދަ ކަންކަމުގައިވެސް މިފަދަ ބޮޑެތި ދޮގުތައް ހަދައި މަކަރުތައް ހަދައެވެ.

 

ބައެއް މީހުން އަނބިމީހާއަށް އެއްޗެއް ގަނެގެން ގެންގޮސްދީފައި އެ ގަތްއަގު އެބަ އޮޅުވައިލައެވެ. މާބޮޑު އަގެއްގައި ގަތް އެއްޗެއް ކަމަށް ހަދައެވެ. މިފަދަ ކަންކަމަކީ ހަމަ މަކަރު ހެދުމެވެ. އޮޅުވައިލުމެވެ. އަނބިމީހާ ގާތުވެސް މައިން ބަފައިން ގާތުވެސް އަދި ދަރިން ގާތުވެސް ވާހަކަ ދައްކަން ޖެހޭނީ ތެދުބަހުންނެވެ. ނޫންނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.

 

ވިޔަފާރިކުރުން ގިނަވެ ވިޔަފާރީގަ މަކަރު ހެދުން ޢާންމުވުމަކީ ފަހު ޒަމާނުގެ އަލާމާތެކެވެ. އެކަމަށް ރައްކައުތެރިވުމަކީ ކުރަންޖެހޭނެ ކަމެކެވެ. މިއީ ފަހު ޒަމާނޭ މި ޒަމާނުގައި މިފަދަ ކަންކަން ކުރާނެއޭ ހިތައް ހައްދައި ނިންމައިލުމަކީ ވަރަށް ނުބައި ސިފައެކެވެ. އެހެނީ އާޚިރަތް ދުވަހު ދިންނެވުން ލިބޭނީ ހަމަ އެންމެ ކުރީ ޒަމާނުގައިވެސް މުސްލިމުން އަމަލުކުރި ފަދައިން އަމަލުކުރި މީހަކަށެވެ. ސަލަފުއްޞާލިޙުން އަމަލުކުރެއްވެވި ގޮތަށް އަމަލުކޮށްގެންނެވެ.

 

ބައެއްގެ ތެރޭގައި މަކަރާއި ހީލަތް ހެދުމާއި އަނިޔާވެރިކަން ޢާންމުވެއްޖެނަމަ އެބައެއްގެ މައްޗަށް އަނިޔާވެރި ވެރިއަކު ފައު ކުރެއްވެވުމަކީ ދުނިޔެ ކުރަމުންދާ ތަޖުރިބާއެކެވެ. ދުނިޔެ މިދަނީ އެކަންކަން ތަޖުރިބާ ކުރަމުންނެވެ. މިހާރުވެސް ރަނގަޅަށް ބަލައިފި ނަމަ 60% ޤައުމުތަކުގައި ވެރިކަން ކުރަނީ އަނިޔާވެރި ވެރިންނެވެ. ވީމާ ހެޔޮ ލަފާ ވެރިއަކު ލިބިގަތުމަށްޓަކައިވެސް މަކަރުވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވާން ޖެހެއެވެ.

 

 

މިއަދު އޮންލައިން