ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީމޭކިންއަށް ރިޢާޔަތްކުރުމަށާއި، އ.ދ ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާ ދެމެދު، 15 ފެބްރުއަރީ ވި އަންގާރަ ދުވަހު، އެމްއޯޔޫއެއްގައި ވަނީ ސޮއިކުރެވިފައެވެ.
މި އެމްއޯޔޫގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލްއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއާއެވެ.
މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އާއި މިނިސްޓްރީއާ ދެމެދު ފާއިތުވި އަހަރުތަކުގައި ދެމެހެއްޓިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ޔޫއެންޑީޕީ އިން 2022 އިން 2026 އާ ހަމަޔަށް ހިންގުމަށް އެކުލަވާލާފައިވާ ދިވެހި ރާއްޖޭގެ އައު ކަންޓްރީ ޕްރޮގްރާމް ޑޮކިއުމަންޓް ތަރައްޤީކޮށް، މި ޕްރޮގްރާމްތައް އިތުރު ހަލުވި މިނެއްގައި ކުރިޔަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެއެވެ.
މި އެމްއޯޔޫ ގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މި އެމްއޯޔޫގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމަކޮށް ހިފުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.
މި އެމްއޯޔޫގެ ދަށުން މައިގަނޑު 4 ދާއިރާ އަކުން އެއްބާރުލުން ދިނުމަށް ކަނޑައެޅިފައި ވެއެވެ.
• ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުން. އަދި އިޤްތިޞާދީ ދާއިރާތައް މިހާރަށްވުރެ ސިންދަފާތު ކުރުމަށާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކާ ގުޅޭ ސިޔާސަތުތަކަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާ ދިރާސާތައް އެކުލަވާލުމަށް މިނިސްޓްރީގެ ފަންނީ ޤާބިލްކަން އިތުރުކުރުމުގެ އިތުރުން މިނިސްޓްރީ އިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހި ކުރުވުން.'
• އ.ދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒު ކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާ ގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުން.
• ރާއްޖޭގެ އިޤްތިޞާދަކީ، ކަނޑުގެ މުއްސަނދި ކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގައި ދެމެހެއްޓެނިވި ނޫ އިޤްތިޞާދަކަށް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
• އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުން ހިއްސާވާ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ފަހި އިޤްތިޞާދެއް ބިނާކުރުމަށް އެހީވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުނަރު އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ޒުވާނުންނާއި ޒުވާން އަންހެން ލީޑަރުން އުފެއްދުމަށް އެހީތެރިވެ ދިނުމުގެ އިތުރުން، މުޖުތަމައުގައި، ދެމެހެއްޓެނިވި އަދި ގްރީން ޑިޖިޓަލް ވިޔަފާރިއަށް މަގުފަހި ކުރުމާއި، ވިލުންވެރި (ރެޒިލިއެންޓް) ވިޔަފާރީގެ މޮޑެލްތައް ޤާއިމުކުރުމާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ވިޔަފާރީގެ ހަރަކާތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.
މި އެމްއޯޔޫގެ ސަބަބުން، ޔޫއެންޑީޕީ އިން މިހާތަނަށް ހޯދާފައިވާ ތަޖްރިބާ އާއި، އެންމެ ފަހުގެ ހޯދުންތަކާއި ތަފާސް ހިސާބުތަކުގެ އަލީގައި، މިނިސްޓްރީގައި ދިރާސާތައް ކުރުމަށް އެހީތެރިކަން ލިބި އަދި ދިރާސާތައް އިތުރު ދާއިރާތަކަށް ފުޅާކޮށް، މަޢުލޫމާތު ބަދަލުކުރުމަށް މަގުފަހި ވެގެންދާނެއެވެ.
މީގެ އިތުރުން، ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން، މިނިސްޓްރީ އިން ހިންގާ އެކިއެކި ހަރަކާތްތަށް އިތުރަށް ފުޅާ ކުރުމަށާއި، ހަރުދަނާކުރުމަށްޓަކައި އެހީ ފޯރުކޮށްދޭ ތަފާތު އެކިއެކި ޖަމާއަތްތަކާއި މުއައްސަސާތަކުގެ އެހީއާއެކު، ގުޅިގެން މަސައްކަތްތައް ކުރުމަށް މަގުފަހިވެގެން ދާނެއެވެ.
ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވްގެ ވާހަކަފުޅުގައި، ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް މިންވަރު ދޭހަކޮށްދޭ ކަމާއި، ޑޭޓާގެ އަލީގައި، ސިޔާސަތުތައް ކަނޑައަޅައި، މިނިސްޓްރީގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މަގުފަހި ކުރުވުމާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތް މިންވަރު މި އެމްއޯޔޫ ގެ ސަބަބުން ހާމަވެގެން ދިޔަކަމަށް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީގެ އެޖެންޑާ ހާސިލްކުރުމަށްޓަކައި، ޔޫއެންޑީޕީ އާއި މިނިސްޓްރީ ގުޅިގެން ކުރުމަށް ރާވާފައިވާ މަސައްކަތުގެ ސަބަބުން، އ.ދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖޭގައި ހާސިލްކުރުމަށް މަގުފަހިވުމުގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް މި އެމްއޯޔޫގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ.
- ޚަބަރު: ޔޫއެންޑީޕީ