ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ނޮލެޖް ބުކްޝޮޕް އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ވަނީ ސޮއިކުރެވިފައެވެ.
ސޯޝަލް ސެންޓަރ ގައި ބޭއްވުނު އެމް.އޯ.ޔޫ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ އިސްވެރިންނާއި ނޮލެޖް ބުކްޝޮޕްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫގައި ނޮލެޖް ބުކްޝޮޕްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ނިޒާރު އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަޛުމީލުއެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު މަސައްކަތުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ޒުވާނުންނަކީ ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް ހެދުންކަމުގައި ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ ފާހަގަ ކުރެއްވިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބިވަޑައިގަންނަވާނެއެވެ.
ސީ.އީ.އޯ މުޙައްމަދު ނިޒާރުގެ ވާހަކަ ފުޅުގައި މި ޕްރޮގްރާމް ކާމިޔާބިކަމާއިއެކު ކުރިއަށްގެންދިއުމަށް ނޮލެޖް ބުކްޝޮޕްގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ނޮލެޖް ބުކްޝޮޕްގެ ފަރާތުން ކޭޝިއަރިންގ އަދި ރީޓެއިލް ސާރވިސަސް ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 4 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.