ބައިނަލްއަގްވާމީ ބޮޑު ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ރާއްޖޭން ފުރުސަތު ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.
މިކަމާގުޅިގެން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފައިވަނީ "އަލް-އަގްސާ އިންޓަނޭޝަނަލް އިލެކްޓްރޯނިކް ކޮންޕެޓީޝަން ފޮ މާސްޓަރިން ދަ ރެޖިސްޓްރޭޝަން އޮފް ދި ހޮލީ ޤުރްއާން" ގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް އޮންނާނެ ކަމަށެވެ.
މި އަހަރު ޝަޢްބާން މަހު 28 ގައި ފަލަސްތީންގެ ވަޤުފް އެންޑް ރިލިޖަސް އެފެއާޒް މިނިސްޓްރީން އިންތިޒާމްކޮށްގެން އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވާ މިމުބާރާތުގެ ޝަރުތުތަކަކީ ތަޖުވީދުގެ ޙުކުމްތަކާ އެއްގޮތަށް ޤުރްއާން ފުރިހަމައަށް ކިޔަވަން ދަންނަ ފިރިހެނަކަށްވުމާއި އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހަށް 30 އަހަރު ފުރިފައިވާ މީހަކަށްވުމެވެ.
މިމުބާރާތުގައި ރާއްޖޭން ވާދަކުރާނެ މީހުން ހޮވާނީ ކުރިމަތިލާ މީހުންނަށް ޤުރުއާނާ ބެހޭ މަރުކަޒުން އިމްތިހާނު ކުރުމަށް ފަހު ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ ބުނެފައެވެ.