"އަދި، މިއަހަރުގެ އެސް.އެސް.ސީ އިމްތިޙާނުގެ ޤުރްއާން މާއްދާގެ އިމްތިޙާނު ނުބާއްވަން ނިންމަވާފައި ވާނަމަ، އިމްތިޙާނު ބޭއްވުމަށް ހުރި ހުރަސްތަކާއި އެކަންކަން ޙައްލު ކުރުމަށް ޓަކައި ކުރެވެހެން ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ތިޔަ ޑިޕަރޓްމަންޓުގެ އިސް ފަރާތްތަކާ އެކު އަޅުގަނޑުމެންނަށް ބައްދަލު ވެވޭނެ ގޮތް ވީއެންމެ އަވަސް ފުރުޞަތެއްގައި ހަމަޖައްސަވައި ދެއްވުން އެދި ދެންނެވީމެވެ."
بسم الله الرحمن الرحيم
ޢިލްމުވެރިންގެ ގުޅުން،
ދިވެހިރާއްޖެ،
ޑިޕަރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމަދު އިޙްސާނަށް،
السلام عليكم ورحمة الله وبركاته.
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
2022ވަނަ އަހަރުގެ އެސް.އެސް.ސީ ޤުރްއާން މާއްދާގެ އިމްތިޙާނާ ގުޅޭ
ކީރިތި ޤުރްއާނަކީ އިސްލާމީ އުއްމަތުގެ ދުސްތޫރުކަމުގައި ވެފައި، އޭގެ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަކީ އެންމެހާ މުސްލިމު ފަރުދުންގެ އިތުރުން، ކޮންމެ އިސްލާމީ ދައުލަތެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އަދި އެކަމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމުގެ ޛިއްމާއަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ އިސް ވާޖިބެވެ.
މިގައުމުގެ މުޥާޠިނުންގެ ޙައިސިއްޔަތުން އަޅުގަނޑުމެން ކޮންމެ ރައްޔިތަކުމެ، ކަންބޮޑުވާން އޮތް އެންމެ ބޮޑު ކަމަކީ، ޤައުމުގެ އިސްލާމީ ރުކުންތަކަށް ލޮޅުން އަރަމުން އަންނަތަން ފެނުމެވެ. ޝައްކެއްވެސް ނެތް ގޮތުގައި ކީރިތި ޤުރްއާނަކީ އިސްލާމުންގެ އެންމެ މުޤައްދަސް ތަރިކަ ކަމަށްވެފައި، އެތަރިކަޔާ މެދު މިޤައުމުގައި އިހާނެތިކޮށް ހިތިގެން ދިއުމަކީ، އަދި ޚާއްޞަކޮށް މަސްއޫލުވެރި ފަރާތްތަކުގެ ކިބައިން އެފަދަ ކަންކަން ފެނުމަކީ އެއްވެސް ރައްޔިތަކަށް ބަލައިގަނެވޭން އޮތް ކަމެއް ނޫނެވެ.
ނަމަވެސް، ހިތާމަޔަކީ ޤުރްއާނަށް އަހައްމިއްޔަތުކަން އިތުރުކުރުމުގެ ގޮތުން އެސް.އެސް.ސީ އިންފެށިގެން ޤުރްއާން މާއްދާގެ ވަކި އިމްތިޙާނެއް ދެވި، އޭގެ ނަތީޖާ ހިމަނައިގެން މެނުވީ އެއްވެސް ދަރިވަރަކަށް އެންމެ މަތީ ރަންވަނަތަކަށް ވާޞިލު ނުވެވޭ ގޮތަށް ވޭތުވެދިޔަ ތަނުގައި ސަރުކާރުން އުފައްދަވާފައިވާ ސިޔާސަތު އޮތްގޮތަށް އޮއްވައި، 2020ވަނަ އަހަރު ގުރޭޑު 10ގައި ކިޔަވާ ދަރިވަރުންނަށް އެސް.އެސް.އީ(ސީ) ޤުރްއާން އިމްތިޙާން މަޖްބޫރު އިމްތިޙާނެއްގެ ގޮތުގައި ނުބޭއްވުމުގެ ވިސްނުމުގައި ބަޔަކު މަސައްކަތްތަކެއް ކުރިތަން ފެނިގެން ދިއުމެވެ. އަދި އެންމެ 400އެއްހާ ބެލެނިވެރިންގެ ޕެޓިޝަނެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ރައްޔިތުންގެ މަޖްލީހުގައި ޤުރްއާނުގެ އިމްތިޙާން އެއަހަރު ކެންސަލްކުރުމަށް މަޝްވަރާކުރަން ފެށިތަނެވެ.
އެއާ ވިދިގެން، ޤުރްއާން ޓެސްޓު ލުއި ކުރުމުގެ ނަމުގައި ވިޔަސް އެންމެ އަހަރަކަށް ނަމަވެސް އެސް.އެސް.ސީ ގެ ޤުރްއާން ޓެސްޓު ކެންސަލްކޮށްފި ނަމަ، އޭގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރު ދަރިވަރުންގެ ޤުރްއާން ކިޔެވުމަށް ކުރާނެ ކަމަށާއި، ޤުރްއާން މުދައްރިސުންނާއި، ޤުރްއާން ކިޔަވައިދެއްވާ ޢާއްމު ރައްޔިތުންގެ މަރުކަޒުތަކަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެކަން ފާހަގަކޮށް، ޤުރްއާންގެ އެސް.އެސް.ސީ އިމްތިޙާނު ކެންސަލް ނުކުރުމަށް އެދި 1000އަށް ވުރެ ގިނަ ސޮޔާ އެކު ޢާއްމު ބެލެނިވެރިންގެ ފަރާތުން ރައްޔިތުންގެ މަޖްލީހަށް ހުށައެޅިއެވެ. ހަމައެއާކު، އޮންލައިންކޮށް ޚިޔާލު ހޯދުމަށް ހުޅުވާލެވުނު ހަނި ފުރުޞަތުގެ ތެރެއިން ވެސް އިތުރު 1000 ފަރާތުގެ ޕެޓިޝަނެއް ސަރުކާރަށް ހުށައެޅި ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރެވުނެވެ.
އަދި ރައްޔިތުންގެ މަޖްލީހުގެ ޕެޓިޝަން ކޮމިޓީގައި، މި މައްސަލައިގައި މަޝްވަރާ ކުރެވޭ ހިނދު، މަޖްލީހުގެ ޤަވާޢިދުގައި ވެސް ފުރުޞަތު ތަނަވަސް ކޮށްދީފައިވާ ފަދައިން، އެ މަޝްވަރާތައް ހިނގާ ވަގުތުތަކުގައި އެތަނުގައި ތިބުމުގެ ފުރުޞަތު ދެއްވުމަށް އެދި، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ރައްޔިތުންގެ މަޖްލީހަށް ސިޓީ ލާފައެވެ. ނަމަވެސް، އެފުރުޞަތު ތަނަވަސް ކޮށްދެއްވާނެ ކަމަށާއި، ކޮމިޓީގައި މަޝްވަރާތައް ކުރިއަށް ގެންދާ ދުވަސް ހަމަޖެހުމުން، އޭގެ ޚަބަރެއް ކުރައްވާނެ ކަމުގައި ވިދާޅުވެ ރައްޔިތުންގެ މަޖްލީހުން އީޖާބީ ސިޓީއެއް ފޮނުވިއެއް ކަމަކު، އޭގެ ފަހުން އެކަމާ ބެހޭ އެއްވެސް ޚަބަރެއް ނުވަތަ އިޝާރާތެއް ވެސް މިދެންނެވި ޢިލްމުވެރިންނަށް ރައްޔިތުންގެ މަޖްލީހުގެ ފަރާތުން ދެއްވާފައި ނުވާކަމުގައި އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.
އޭގެ ފަހުން، ކީސްޓޭޖް 4ގެ މުޤައްރަރާ އެއް ފެންވަރަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ކަމަށް ވިދާޅުވެ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިޙާނު ކުރުމުގެ އުޞޫލަށް ޢަމަލުކުރުން ފަސްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވާކަން އެ މިނިސްޓްރީން ހާމަކުރެއްވިއެއެވެ. އެއާއެކު، 2020ވަނަ އަހަރުގެ ޤުރްއާން އެސް.އެސް.ސީ އިމްތިޙާނުން ދަރިވަރުން މަޙްރޫމުވެގެން ދިޔައެވެ. އަދި އެކަން 2021ވަނަ އަހަރަށް ދިގުދެމިގެން ގޮސް، މިހާރު މިވަނީ 2022ވަނަ އަހަރުފެށި، ޤުރްއާނުގެ އެސް.އެސް.ސީ އިމްތިޙާނު 3ވަނަ ފަހަރަށް ވެސް ނުބޭއްވި ހިނގައިދާނެ ކަމުގެ ބިރު ކުރިމަތިވެފައެވެ!
މިކަމަކީ، އެސް.އެސް.ސީ ޤުރްއާން އިމްތިޙާނު ކެންސަލްކުރަން އެދުވަހު އެނިންމި ނިންމުމުގެ ސަބަބުން، ކުރިއަށް އޮތް މުސްތަޤްބަލުގައި ވެސް ޤުރްއާންގެ އެސް.އެސް.ސީ އިމްތިޙާނު ދެން އަލުން ނުބޭއްވި ހިނގައިދާނެ ކަމުގެ ނުރައްކާތެރިކަން ކުރިމަތިވެގެން އަންނާނެ ކަމަށް، އެސް.އެސް.ސީ ޤުރްއާން އިމްތިޙާނު ކެންސަލް ނުކުރުމަށް އެދި ވާހަކަ ދެއްކި ފަރާތްތަކުން ކުރެއްވި ލަފާތައް ޙަޤީޤަތަކަށް ވަމުންދާކަމުގެ އަލިގަދަ ހެތްކެކެވެ.
ޤުރްއާނުގެ މާއްދާއަކީ އެމާއްދާއިން ގިނަ ޢަދަދެއްގެ ދަރިވަރުން ރަނގަޅު ނަތީޖާ ނެރެ، ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ، ބައިނަލްއަޤްވާމީ މައިދާނުގައި މުޅި އިސްލާމީ އުއްމަތަށް ނަމޫނާ ދެއްކުމުގެ އިތުރުން، ދިވެހިރާއްޖެއަށް ރީތި ނަންތައް ވެސް ހޯދައިދެމުން އަންނަ ދާއިރާއަކަށް ވާއިރު، ޤުރްއާން ޓެސްޓުތައް ނުބޭއްވި މިހެން ދިއުމަކީ ޤުރްއާނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމުގައި ވެގެންދާނެ ކަމެކެވެ.
ވީމާ، އެސް.އެސް.ސީ ޤުރްއާން އިމްތިޙާނުން ދަރިވަރުން މަޙްރޫމުވެގެން މިދާދިއުމާ މެދު ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދަރިވަރުންނާއި މައިންބަފައިންގެ ބޮޑެތި ކަންބޮޑުވުންތައް ހުރީތީވެ، އިމްތިޙާނު ކުރުމުގެ އުޞޫލުގައި ތިޔަ ޑިޕަރޓްމަންޓުން ކަނޑައަޅުއްވާފައިވާ ކަންކަން ތަންފީޛު ކުރެއްވުމަށްޓަކައި، މިއަހަރު އެސް.އެސް.ސީ އިމްތިޙާނުގެ ޤުރްއާން މާއްދާގެ އިމްތިޙާނު ދަރިވަރުންގެ ޙައްޤުގައި ބާއްވައިދެއްވަން ހަމަޖެހިފައިވޭތޯ ސާފުކޮށްދެއްވުން އެދި ދެންނެވީމެވެ.
އަދި، މިއަހަރުގެ އެސް.އެސް.ސީ އިމްތިޙާނުގެ ޤުރްއާން މާއްދާގެ އިމްތިޙާނު ނުބާއްވަން ނިންމަވާފައި ވާނަމަ، އިމްތިޙާނު ބޭއްވުމަށް ހުރި ހުރަސްތަކާއި އެކަންކަން ޙައްލު ކުރުމަށް ޓަކައި ކުރެވެހެން ހުރި ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި ތިޔަ ޑިޕަރޓްމަންޓުގެ އިސް ފަރާތްތަކާ އެކު އަޅުގަނޑުމެންނަށް ބައްދަލު ވެވޭނެ ގޮތް ވީއެންމެ އަވަސް ފުރުޞަތެއްގައި ހަމަޖައްސަވައި ދެއްވުން އެދި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
19رجب 1443
20ފެބްރުއަރީ 2022
ސަރުކާރުގެ ވެރިން ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރާނެ ކަމަށް ވިދާޅުވިނަމަވެސް ފެނިގެން މިދަނީ ދަރިވަރުން ކީރިތި ޤުރްއާނާއި ދުރަށް ޖައްސުވަން މަސައްކަތް ކުރަމުން ގެންދާތަނެވެ. ކީރިތި ޤުރްއާން ކިޔަވަން ޝައުޤުވެރިކަން ކުޑަކުރަން މަސައްކަތްކުރަމުން ގެންދާތަނެވެ.