އަހްމދިއްޔާ ސްކޫލްގެ ކާމިޔާބީގެ ޙަޤީޤަތް އެނގިގެންދަނީ ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔަމަުންދާ ދަރިވަރުން ފީދައްކައިގެންވެސް އަޙްމަދިއްޔާއިން ކިޔަވަން ބޭނުންވެ އެސްކޫލަށް ބަދަލުވަމުންދާތީއެވެ. އެކަމުން އެނގެނީ އެސްކޫލުގައި ކިޔަވައިދިނުން ކުރިއަރާފައިވާ ވަރެވެ!
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން:
މިދިޔަ 40 އަހަރުގެ ތެރޭގައި ތަޢުލީމީ ރޮނގުން މި ސްކޫލްގެ ދަރިވަރުން ހޯދާފައިވަނީ، ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ރަން ވަނަތަކެއް. ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ޙަރަކާތްތަކުގައިވެސް، މި ސްކޫލްގެ ނަން ފެވެމުން އަންނަނީ ރަން ވަނަތަކަކުން. އެހެން ނަމަވެސް، މި ސްކޫލްގައިވެސް ޙައްލުކުރަންވެފައި ހުރި ވަރަށް ގިނަ ކަންތައްތައް ހުންނާނެ.

ޕްރިންސިޕަލްގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި ފަދައިން، އަޙްމަދިއްޔާއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަން. ތެދެއްމެ، ދަރިވަރުން އިތުރު ޙަރަކާތެއް ބާއްވާނެ ބިންކޮޅެއް މި ސްކޫލަކު ނެތް. ތުއްތުކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއްވެސް ނެތް. އެ މައްސަލަ މި ސްކޫލްގެ ފަރާތުން ވަނީ ސަރުކާރަށްވެސް ހުށަހަޅާފައި.
އަޅުގަނޑު ދަންނަވާނީ، ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާނެ ކަމަށް. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އިންތިޒާރަށް މާގިނަ ދުވަސްތަކެއްނުވެ ޢަމަލީ ސިފަ އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.
މި ސްކޫލްގެ ކާމިޔާބަށް ބަލާއިރު، އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ ބޮޑު ކާމިޔާބަކީ، ޤައުމަށް ބޭނުންތެރި ދަރިންތަކެއް، މި ސްކޫލުން ބިނާކޮށްދީފައިވާކަން. އޭގެ ފަހަތުގައި އެކުދިން ބިނާކުރުމުގައި އިސްވެ ޙަރަކާތްތެރިވި ގިނަ ބޭފުޅުން، މިތަނުން މިރޭ ފެންނަން އެބަ ތިއްބެވި. އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ސަރުކާރުގެ ނަމުގައި، ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކުގައި މިރޭ ޝުކުރު އަދާކުރަން

އަޙްމަދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރި ދަރިވަރުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް، އަދި ސަރުކާރުގެ އެހެން މަތީ މަޤާމުތަކުގައިވެސް މިހާރު ޢަމަލީ މަސައްކަތުގައި އެބަ ތިއްބެވި. މިއިންނެވި މިނިސްޓަރު އަޙްމަދު މަޚްލޫފަކީވެސް އޭގެތެރެއިން އެއް ބޭފުޅެއް. އެ ނޫނަސް، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުންތަކެއް، މި ސްކޫލްގެ ހިޔާވަހިކަމުގެ ދަށުން ބިނާކޮށްދީފައި އެބަ ތިއްބެވި.
އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، މީގެ ތިން އަހަރު ކުރިން ނުކުމެގެންވެސް، އެންމެ ބޮޑު އިސްކަމެއްދީގެން މިކުރާ އެއްކަމަކީ މީހުން ބިނާކުރުން. އޭގެ ތެރެއިންވެސް އެންމެ ޚާއްޞަ ސަމާލުކަމެއް މިދެނީ، ތަޢުލީމީ ގޮތުން ހަރުދަނާ ދަރިންތަކެއް ބިނާކުރުމަށް. ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނީ، ހަމަ މިދެންނެވި ބޭނުމުގައި.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެބަ ހިނގާ. އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު، ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. މިސާލަކަށް، ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތައް. އެ ތަންތަނުން ވަރަށް ގިނަ ފަންނީ ވަޒީފާތައް އުފެދޭނެ. ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި، މެކޭނިކުން، އަދި އެނޫންވެސް ވަރަށް ގިނަ ވަޒީފާތައް އުފެދިގެންދާނެ. އެއީ ޢާއިލާއާއި މައިންބަފައިން ކައިރީގައި، ރަށުގައި ތިބެގެން އަދާކުރެވޭނެ ވަޒީފާތައް. އެ ވަޒީފާތައް އަދާކުރާނެ ދިވެހިން އަޅުގަނޑުމެން ބޭނުންވޭ.

ރަށްރަށުގައި ހިންގާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތައްވެސް ކުރިއަށް އެބަދޭ. ރަށްރަށުގައި ޤާއިމުކުރާ ފެން އުފައްދާ ޕްލާންޓްތައްވިޔަސް، މިހިރީ ހައްތަހާވެސް ފަންނީ ވަޒީފާތައް އުފެދޭނެ ކަންތައްތައް. މި ތަންތަނަށް އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ދަރިން. އެފަދަ ދަރިން އުފެއްދޭނީ، ރަނގަޅު ތަޢުލީމުދީ، ރަނގަޅަށް ކިޔަވައިދީގެން.
ދަރިންނަށް ކިޔަވައިދޭ ވާހަކަ މިވަރަށް އަޅުގަނޑުމެން މި ދައްކަން ޖެހެނީ، ޤައުމުގެ ޙަޤީޤީ ތަރައްޤީއަކީ އެއީ ކަމަށްވާތީ. ޤައުމު ތަރައްޤީވާނީ، އެ ޒިންމާ އަދާކުރަން ތިބި ދަރިންގެ ސިކުނޑީގައި، އުފެއްދުންތެރި އީޖާދީ ވިސްނުންތަކެއް އުފެދިގެން. ދަރިންގެ ކިބައިގައި ތަރައްޤީގެ ވިސްނުން އުފެއްދޭނީ، ޒަމާނީ ކުރިއެރުމާ ފައިހަމަވާފަދަ ތަޢުލީމެއް ދަރިންނަށް ދީގެން.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިސްކޫލްގެ އަމާޒަކީވެސް އެއީ. މި ސްކޫލްގެ މޮޓޯގައި ބުނަނީ؛
APPRECIATE INNOVATE STIMULATE
(އަގު ވަޒަންކުރުން، އައު އުފެއްދުންތެރިކަން، ހިތްވަރުދީ ބާރުއެޅުން)
އަޅުގަނޑުގެ އުންމީދަކީ، އަޙްމަދިއްޔާ ސްކޫލްގެ މި މޮޓޯގައިވާ ފަދައިން، މި ސްކޫލްގެ މަޤްޞަދު ޙާޞިލްކުރުމުގެ ހެޔޮ ނަސީބު މާތް ﷲ މިންވަރުކުރެއްވުން. އަޙްމަދިއްޔާ ސްކޫލަށް ވަރަށް ފާގަތި މުސްތަޤްބަލަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.