ދާދިފަހުން ކަނޑުހުޅުދޫ ސްކޫލްގައި ސޯޝަލް ސްޓްޑީޒް ކިޔަވައިދޭ ޓީޗަރާއި ދަރިވަރުންތަކަކާއި މައްސަލައެއް ޖެހި ތަފާތު ގޮތްގޮތަށް ޚަބަރުތައް ފެތުރުނެވެ. ނަމަވެސް ކަމުގެ އަޞްލަކީ ފޮތިގައި ލިޔެފައި އޮތް ގޮތެވެ. އިސްލާމްދީން ބާވައިލެއްވެވުނީ ރަސޫލް ﷺ އާއި ހަމައިންކަމަށް ލިޔެފައި އޮތުމެވެ.
ފޮތް ލިޔުނު މީހާއަށްވުރެ ދަރިވަރުން މާމޮޅެވެ. އެހެނީ ދަރިވަރުން ބުނީ އެވާހަކަ ޤަބޫލުނުކުރާނެކަމަށާއި ދޮނިޔެއަށް ފުރަތަމަ ފޮނުއްވެވުނު އިންށާނާ ، އާދަމްގެފާނަކީވެސް މުސްލިމެއް ކަމަށެވެ. އަދި އެންމެހައި ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނީ މުސްލިމުން ކަމެވެ.
ދަރިވަރުންނަށް ކިޔަވައިދިނީ މުސްލިމް އަނހެން ޓީޗަރެކެވެ. ބަޙްރައިންގައި ކިޔަވައިދީފައިވާ ޓީޗަރެކެވެ. ރާއްޖޭގައި މަސައްކަތްކުރަމުން މިއަހަރުގެ ބަންދާއިއެކު ރިޓަޔަރކުރާނެއެވެ. އޭނާށއަކީ ދީނަށް ޙުރުމަތްތެރިކޮށްހިތާ އަޚްލާޤް ރަނގަޅު މުސްލިމް އަންހެނެކެވެ.
ޓީޗަރަށް ބުނެދެވޭނީ ފޮތުގައި އޮންނަ ގޮތަކަށެވެ. ބޮޑެތި އޮޅުންތައް އަރަނީ ފޮތް ލިޔެފައިވާ ގޮތުންނެވެ. މިބާވަތުގެ ކަންކަން ކޮށް އޮޅުން އަރާގޮތަށް ފޮތްތައް ލިޔެ ދަރިވަރުންނަށް ކިޔަވައިދެމުން މިގެންދަނީ ދުރާލައި ރާވައިގެން ދިވެހިން އިސްލާމް ދީނާއި ދުރުކުރުމަށް ހިންގާ ޖަރީމާތަކުގެ ތެރެއިންކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.
ޝައިޚް އާދަމް ނިޝާން ލިޔުއްވާފައިވެއެވެ.
ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރި މައިކަލް ބަލާ ޙަމީދު ސްކޫލު ދޮށަށް ދިޔައީ މެންދުރު ކެއުމަށް ބަތް ކައްކާ، ރިހަ ކެއްކުމަށް ފިޔާ ތަކެތިކޮށައި ތައްޔާރުކޮށްފައެވެ. ދަރި ގޮވައިގެން ގެޔަށް ނައްޓާލިއިރު މަހަށްފުރި ރަށުގެ މަސްދޯނިތައް ރަށަށް ލަފައިފިއެވެ. އޭރު އެގޭ ދޯނީގެ ކެޔޮޅު، ބޮޑު ގޮދަޔަކާއި ކަންނެއްޔަކާއި އަދި އޭނާގެ ދަރިޔަށް އެންމެ މީރު ރަތްމަހެއްވެސް ހިފައިގެން ގެޔަށް ގޮސް، އެހުރިހާ މަސްތަކެއް ކަނޑައި ކައްކަން ތައްޔާރުކުރުމަށްފަހު ފެންވަރާ ނަލަހެދިލައިގެން، ސިޓިންގރޫމްގެ ސޯފާގައި ފޯނާއި ކުޅެން އޮތެވެ.
ދެމީހުން ގެޔަށް އައިސް "ހައި ގޮވާލާފައި" ލަސްނުކޮށް ކެއްކުމައިގެން އަވަސްވެގަންފިއެވެ. ރަތްމަހުން ރިހަ ކައްކައި، ގޮދައިން ގަރުދިޔަ ކައްކައި، ކަންނެލި މަސް ތެއްލާފައި މެންދުރުގެ ކެއުމަށް ކާމޭޒުމަތި ތައްޔާރުކޮށްލައިފިއެވެ.
ސުވާލަކީ:
1. ކެޔޮޅަކީ ދަރި މައިކަލްގެ ކާކުހެއްޔެވެ؟
2. ކެއްކީ ކޮން 2 މީހުނެއް ހެއްޔެވެ؟
3. މިވާހަކަ މިމުޖްތަމަޢުގައި ކަން ހިނގާ ޢާއްމު އުސޫލާ އެއްވެސް ވަރަކަށް ގުޅުން އެބަހުރިހެއްޔެވެ؟
ނޯޓް: އަޅުގަނޑުމެންގެ މުޖްތަމަޢުގައި ކަން ހިނގާ ގޮތާއި، ޢާދަކާދައާއިވެސް ޚިލާފަށް ސްޓޯރީތައް ގެނެސް ސުވާލުކޮށް އެއީ ތަފާތު ކުރުންތައް ކަމަށް ދައްކުވައި ވިސްނައިދީގެން، ހަމަހަމަކަން ޤާއިމް ކުރުމަށް މިކުރާ މަސައްކަތްތަކަކީ ދީނާއި ޚިލާފު ތަފާތު އެހެން ފިކުރުތަކާއި ނެރޭޓިވްސްތައް ނޯމަލައިޒްކޮށް ޢާއްމުކުރުމަށް އެމްޑީއެންއާއި އެނޫންވެސް ސެކިއުލަރ ލާދީނީ ފިކުރުތަކުގެ މީހުން މިއަދު ވަރަށް ބޮޑަށް ކުރަމުންދާ މަސައްކަތެކެވެ.
- ޝައިޚް އާދަމް ނިޝާން