ތިރިން މައްޗަކަށް އަމުރެއް ނުކުރެވޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ތިރިން މައްޗަކަށް އަމުރެއް ނުކުރެވޭނެ!

ބުނެވޭގޮތުން އެއި މާލޭގެ ބައެއް ބޮޑެތި ގޯތިތަކުގައި ބިލެތް ހައްދައި އެބިލެތް ވިއްކަން މާރުކޭޓަށް ސަޕްލައިކުރި ޒަމާނެވެ. ބިލެތް ހައްދާފައި ހުންނަ ގޭގެއަށް މީހުން ގޮސް އެގޭގެވެރިންނާ ވާހަކަދައްކައިގެން ބިލެތްކަނޑަނީއެވެ. އެއްބަސްވާ ގޮތަކަށް އަގުއަދާކުރަނީއެވެ. ގިނައިން ބިލަތް ކަނޑަނީ މާރުކޭޓަށް ގެންގޮސް ވިއްކައިގެން ލިބޭ އެއްޗަކުން ގޭގެވެރިފަރާތަށް ބައެއްދޭ ގޮތަށެވެ. 

އެދުވަަސްވަރު މާލޭގައި އުޅުނު ސިކުނޑީގެ މައްސަލަ ހުންނަ މީހަކު (އަޑުއަހާގޮތުން ވާލުސޮރު) ގެއަކަށް ގޮސް ހުއްދަ ނުހޯދައި ބިލެތްކަނޑަން އަރާ ބިލެތްރުކުގައި އޮއްވައެވެ. އެތަންފެނުމުން ގޭގެވެރިމީހާ ގޮސް ގޮވާލިއެވެ. "އަވަހަށް ރުކުން ފައިބާށެވެ! މަށަކީ މިގޭގެވެސް އަދި ބިލެތްރުކުގެވެސް ވެރިމީހާއެވެ!" 

ރުކުން ގޮވާލިއެވެ! "ކިތަންމެ ބޮޑުވެރިއަކު ބުންޏަސް ތިއަ ބަސް ޤަބޫލުކުރެވޭކަށް ނެތެވެ. އެއީ އެއްވެސް ކަމެއްގައި ތިރިން މައްޗަށް އަމުރު ނުހިންގޭނެތީއެވެ! މަތީގައި އޮތީ އަހަރެންނެވެ." 

އަޅުގަނޑު ހިތަށް އަރައެވެ. ސިކުނޑި ހަމަނުޖެހޭ އެބުނި ބަސް މިއަދު ހާދަ މުހިންމެވެ. ހާދަ ގިނަބައަކަށް މިކަންވަނީ އޮޅިފައެވެ. އަދިވެސް ހިތަށް އަރައެވެ. ތިރިން މައްޗަށް އަމުރުކުރެވޭނަމަ ޤައުމުގެ ކަންކަން އިޞްލާޙްކުރެވޭ ދުވަހެއް އަންނާނެބާވައެވެ!

 

- އަލަފް

މިއަދު އޮންލައިން