ތ. ދިޔަމިގިލީ މިސްކިތުގެ މުދިމަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރަން މަޑިފުށި މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތ. ދިޔަމިގިލީ މަސްޖިދުލް އަމާނާތުގެ މުދިމަކަށް މީގެ ތިން ދުވަސް ކުރިން ހަމަޖެއްސި އުމުރުން 55 އަހަރުގެ އަހްމަދު ރަޝީދު މުހައްމަދަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އޭނާ އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.