މ. ޒޭވަރު (މއ. ހަނީސަކްލް) އަބްދުއްރަޝީދު އަލީ ނިޔާވެއްޖެއެވެ. މައުލޫމާތު ލިބޭގޮތުން އަބްދުއްރަޝީދު އަލީ ނިޔާވެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ ބެންގަލޫރުގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އަބްދުއްރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެމްބަރުކަން 20 އަހަރު ކުރައްވައި އަދި އެ އަތޮޅުގެ އަތޮޅުވެރިކަން ދެ ފަހަރެއްގެ މަތިން ކުރައްވައި އަހްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމާއި ރާއްޖޭގައި ހިންގި ފުލުސްކޯޓުގެ އިސް ޤާޟީކަންވެސް ކުރައްވައިފައެވެ.
އަބްދުއްރަޝީދު ނިޔާވިއިރު އަނބިކަނބަލަކާއި ތިން ދަރިކަނބަލުން އަދި ހަތަރު ދަރިކަލުން ދުނިޔޭގެ އެބަތިއްބެވިއެވެ. އެމްޑަބްލިޔޫއެސްސީގެ ކުރީގެ އެމްޑީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޒުލް ރަޝީދަކީވެސް ޢަބްދުއްރަޝީދު ޢަލީގެ ދަރިކަލެކެވެ.
މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ނިޢްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން