ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެއައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމުން ބުނެފައިވަނީ މާރިޗު 6 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން މި ފަސިންޖަރުގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، މި ފަސިންޖަރުގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާކަމަށާއި އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް (Cannabis) އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި (Cannabis seeds – 9.30 grams) ކެނެބިސް ހާބަލް (Cannabis Herbal – 3.40 grams) އެވެ. އަދިި މިތަކެތީގެ ޖުމްލަ ބަރުދަނުގައި 12.7 ގުރާމް ހުއްޓެވެ.
މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.