ކޮންމެ މުސްލިމަކަށް ފަރުޟު ޙައްޖާއި ޢުމްރާ އެއްކުރަން ހިލޭ ދަތުރުކުރެވޭނެ މާލީ އިންތިޒާމްތައް އިސްލާމީ ދައުލަތުގެ ފަރާތުން ހަމަޖެއްސިދާނެ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 7ސ
ކޮންމެ މުސްލިމަކަށް ފަރުޟު ޙައްޖާއި ޢުމްރާ އެއްކުރަން ހިލޭ ދަތުރުކުރެވޭނެ މާލީ އިންތިޒާމްތައް އިސްލާމީ ދައުލަތުގެ ފަރާތުން ހަމަޖެއްސިދާނެ: ޑރ. ޝަހީމް

އަޅުގަނޑުގެ ޝައުޤުވެރި ބައެއް ޚިޔާލުތައް ނިއުޅުވަމުންދާއިރު، މިއަދުގެ މައުޟޫޢަކީ ހިލޭ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނޭ އިންތިޒާމުގެ ވާހަކައެވެ. ޙައްޖާއި އުމްރާ އަށް ދިއުމަކީ ކޮންމެ މުސްލިމެއްގެ ވަރަށް ބޮޑު އުންމީދަކަށްވާނެއެވެ. ކޮންމެ މީހަކީ އެކަމަށް މާލީ ގޮތުން ޤާބިލްމީހަކަށް ނުވެދާނެއެވެ.  

ކޮންމެ މުސްލިމަކަށް ފަރުޟު ޙައްޖާއި ޢުމްރާ އެއްކުރަން ހިލޭ ދަތުރުކުރެވޭނެ މާލީ އިންތިޒާމްތައް އިސްލާމީ ދައުލަތުގެ ފަރާތުން ހަމަޖެއްސިދާނެއެވެ. ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާއިރު، ރާއްޖޭގައި މިކަންކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ވަރަށް ބޮޑު ކަމެއް ހެއްޔެވެ؟ ނޫނެކެވެ. މިއީ ހަމަ ވަރަށް ފަސޭހަކަމެކެވެ. ކޮންމެ ދިވެހިރައްޔިތަކަށް ހިލޭ ޙައްޖަށް ދެވޭނެ މަގު ފަހިކުރަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކޮންމެ ދިވެހިރައްޔިތަކަށް ހިލޭ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމުގެ ވާހަކަ ދައްކާއިރު ޒަކާތުގެ ފަންޑަށް ނަޒަރު ހިންގާ ނުލައި ކުރިއަށް ނުދެވޭނެއެވެ. އެހެނީ މިކަމުގެ ރައުސް މާލަކީ އެއީކަމުގައިވާތީއެވެ.  

ޒަކާތުގެ ބެހެނިވެރިން: 

ޒަކާތް ބަހަންޖެހޭ 8 (އަށެއް)  ދާއިރާއެއްގެ ވާހަކަ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. އެއީ ފަޤީރުކަމާއި މިސްކީނުކަމާއި، ޒަކާތްނަގައި ބަހާ ޢާމިލުންނާއި، މުއައްލަފަތުލްޤުލޫބާއި އަޅުވެތިކަން ނައްތާލުމާއި، ދަރަނިވެރިކަން ނައްތާލުމާއި، ފީސަބީލިﷲ އާއި، ދަތުރުމަތީގައި ޙާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމާއި މި (އަށް) ދާއިރާއެެވެ. މި އަށް ދާއިރާގެ ވާހަކަ  އައްތައުބާ ސޫރަތުގެ (60) ވަަނަ އާޔަތުގައި ބަޔާންވެފައި އޮންނާނެއެވެ. މީގެ ތެރެއިން ބައެއް ބައިތަކަށް ރާއްޖޭގައި ވެސް އަދި ދުނިޔޭގައި މިވަގުތު ޢަމަލުކުރެވޭނެ ގޮތެއް ނެތެވެ. މިސާލަކަށް އަޅުންމިނިވަންކުރުން ފަދަ ބައިތަކެވެ. އެބަޔަށް ބައެއް އެޅެން ނެތް ނަަމަ، ދެން އެންމެ މަޞްލަޙަތު އޮތް ދާއިރާއަށް އެބައިގެ ބައިތައް ބޭނުންކުރުން ޖާއިޒެވެ. ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ (ފީ ސަބީލި ﷲ) ދާއިރާއަށް ބަލާލަމާ ހިންގަވާށެވެ. ފީ ސަބީލި ﷲ އަކީ މާތް ﷲ ގެ މަގުގައި ކުރެވޭ އެންމެހައި ހެޔޮ ކަންކަމެވެ. އޭގެ ތެރެއަށް ޖިހާދުކުރުމާއި، ޙައްޖާއި ޢުމްރާ ވެސް ވަދެއެއެވެ. ފީ ސަބީލިﷲ ގެ ތެރެއަށް ޙައްޖާއި ޢުމްރާ ވަންނަކަމުގައި އަލްއިމާމު އަޙްމަދާއި އަލްއިމާމު އަލްޙަސަންއާއި އަލްއިމާމު އިސްޙާޤު ވިދާޅުވެފައިވެއެވެ. (އިބްނު ކަޘީރު، ތަފްސީރު). 

މިހެންކަމުން، ޒަކާތު ފަންޑުގެ މިދެންނެވި ބައިތަކުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ރައްޔިތުންގެ ޙައްޖުގެ މަޞްލަޙަތަށްޓަކައި އިންވެސްޓްކުރާނީއެވެ. މިސާލަކަށް ދަރުމަވެރިގޮތެއްގައި ވިޔަފާރި ފައިދާއެއް ނެތި، ހިލޭ އަހަރަކު 100 މީހުން ޙައްޖަށް ފޮނުވަން ޚަރަދުވާނީ ގާތް ގަނޑަކަށް 4 މިލިއަން ރުފިޔާއެވެ. މިއީ ވަރަށް ފަސޭހައިން ކުރެވިދާނެކަމެކެވެ. މިއުޒިކް ޝޯއެއް ނޫނީ އެވޯޑް އަރުވާ ޖަލްސާ އެއް ނުވަތަ އެއް ރޭ ހަވާ އަރުވާލަން ވެސް 10- 40 މިލިއަން ޚަރަދު ކޮށްލެވެންޏާ ރައްޔިތުންގެ ތެެރެއިން އަހަރަކު 100 ނުވަތަ 200 މީހުން ނުވަތަ އެއަށް ވުރެ ގިނައިން ފަރުޟު ޙައްޖުކުރަން ފޮނުވަން 6 މިލިއަން، ނުވަތަ 12 މިލިއަން ދައުލަތުގެ މުއައްސަސާއަކުން ޚަރަދު ނުކުރެވެންވީ ސަބަބެއް ނެތެވެ. އެވާހަކަ ބާއްވާށެވެ.  

މިކަން ދެމެހެއްޓެނިވި ގޮތަށް ކުރެވޭނެގޮތަކީ  މި ދެންނެވި ފީ ސަބީލިﷲ ބައިން ހައްޖާއި ޢުމްރާއަށް ކޮންމެ އަހަރަކު ބައެއް އެޅުމެވެ. ނުވަތަ ފީ ސަބީލިﷲ ބަޔާއި، ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން އަޅުން މިިނިވަންކުރުމަށް އޮތް ދާއިރާގެ ބައިން ބަޔަކާ އެއްކޮށް، ހައްޖު ކޯޕަރޭޝަން މެދުވެެރިކޮށް ދާއިމީ އިންވެސްޓްމަންޓެއް ޤާއިމު ކުރެވިގެންނެވެ. އެއިރުން ރާއްޖޭގެ އެންމެހާ ރައްޔިތުނަކީ ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ބަޔަކަށް ވެގެންދާނެއެވެ. އަދި ރާއްޖެ ދެމިއޮތްހާ ދުވަހަކު އެކަން މަގުން ދަރިންގެ ދަރިންނަށް ވެސް ފުރުޞަތު ފަހިވެގެންދާނެއެވެ. 2008 ގައި ޒަކާތުގެ ކަންކަން ހިންގަން އަޅުގަނޑުމެން ޙަވާލުވި އިރު، ޒަކާތަށް ލިބެނީ އަހަރަކު 14 މިލިއަން އެވެ. އަޅުގަނޑުމެން މަސައްކަތްކުރީ ޒަކާތު ފަނޑު އިތުރު ކުރެވޭތޯއެވެ. އަޅުގަނޑު 2015 ގައި ވަޒީރުކަމުން އިސްތިއުފާ ދޭންޖެހުނު އިރު، މަޢުލޫމާތު  ކުށްކަމުގައި ނުވާ ނަމަ، 70- މިލިއަނާ ގާތް ކުރާ އަދަދަކަށް އަހަރަކު ލިބޭވަރު އަރާނެއެވެ. މިހާރު އަދި އެއަށްތުރެން ގިނައެވެ.  

އަޅުގަނޑު ވަޒީރުކަމުން އިސްތިއުފާ ދޭން ޖެހުނު އިރު ޒަކާތު ޤާނޫނު، މޯލްޑްވްސް ޙައްޖު ކޯޕަރޭޝަން ޤާނޫނު، އައުޤާފު ޤާނޫނު އޮންނާނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭނުންކު (އައިޑީބީ) އެހީތެރިކަމާއެކު ޑްރާފްޓްކޮށް ނިންމައި ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައެވެ. މިނިވަން އިދާރާއެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އުފައްދައި ޤާނޫނެއްގެ ދަށުން ޒަކާތް ނެގޭ ނަމަ، އަހަރަކު އެތައް ސަތޭކަ މިލިއަންރުފިޔާ ޒަކާތަށް ލިބޭނެކަމަށް ބެލެވެއެވެ. އިސްލާމީ ޝަރީޢާ ހުއްދަކުރާ އުޞޫލޫތަކާއި ޒަކާތުގެ ޒަމާނީ ފިޤުހީ ޤަވާޢިދުތަކާއި އިޖުތިހާދީ ނަޒަރިއްޔާތަކުގެ އަލީގައި ޒަކާތުގެ މުދާ ދައުރުކޮށް އިންތިޒާމްކުރެވިއްޖެ ނަމަ ވަރަށް ގިނަ ފައިދާ މުޖުތަމަޢަށް ލިބިގެންދާނެއެވެ.  

އިސްވެ މިދެންވީ އަލަށް ފަރުޟު ޙައްޖު ކުރަން ބޭނުންވާ ފަރާތްތަކަށް ދައުލަތުން ހިލޭ އެ ފުރުޞަތު ފަހި ކޮށްދޭނެ މާލީ ނިޒާމު އުފައްދަންވީ ގޮތުގެ ވާހަކައެވެ. މިފަދަ ކުރު މަޒްމޫނެއްގަ ހުރިހާ ވާހަކައެއް ނުވެސް ލިޔެވޭނެއެވެ.  

ދެން އޮތީ، ޑަބަލްކޮށް ޙައްޖާއި ޢުމްރާއަށް ދާ ފަރާތްތަކަށް ލުއި ގޮތް ހޯދުމެވެ. އެގޮތަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އިޤުތިޞާދީގޮތުން ޑިވެލޮޕްކޮށް، ރައްޔިތުން ހައްޖާއި ޢުމްރާއަށް ދިއުމަށް އެދި އެތަނަށް ޑިޕޮސިޓްކުރާ ފައިސާ އިސްލާމީ ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން އިންވެސްޓްކުރުމެވެ. މިގޮތުން އިސްލާމިކް ކޮންސެޕްޓަށް ރިޒޯޓެއް ވެސް ހެދިދާނެއެވެ. އެނޫންކިތައްމެ ކަމެއް ވެސް ކުރެވިދާނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރަށް ވެސް އިންވެސްޓްކުރެވިދާނެއެވެ. ބޭރުގެ މުއައްސަސާތަކާ ގުޅިގެން ވެސް އިންވެސްޓްކުރެވިދާނެއެވެ. މިހާރުވެސް ކުރިއަށް އޮތް އެތައް އަހަރަކަށް އެތައް ރައްޔިތުން ޙައްޖަށްދާން ފައިސާ ޑިޕޮސިޓްކޮށްފައި އެބަހުއްޓެވެ. އެތައް މިލިއަން ރުފިއާ ކޯޕަރޭޝަންގެ އެކައުންޓްގައި ޑިޕޮސިޓްގައި އެބަހުއްޓެވެ. 

މިފައިސާ ރަނގަޅުގޮތުގައި މެނޭޖްކުރެވިއްޖެ ނަމަ ވަރަށް ހެޔޮ އަގުގައި ޙައްޖުކުރެވޭނޭ މާލީ ނިޒާމެއް ރާއްޖޭގައި ޤާއިމު ކުރެވޭނެއެވެ. އަދި ޑިޕޮސިޓްކޮށްފައިވާ މީހާގެ ފައިސާ އިންވެސްޓްކުރެވޭއިރު، އެ އިންވެސްޓްމަންޓް އޭނާގެ ޢާއިލާއަށް ވާރުތަވެގެންދާނޭ ނިޒާމުވެސް ކޯޕަރޭޝަންގެ ތެރެއިން ގާއިމު ކުރެވޭނެއެވެ. އެއިރުން ބައްޕަ ނުވަތަ މަންމަ ޙައްޖަށް ދާން ޑިޕޮސިޓްކުރާ ފައިސާއިން ދަރިންނާއި ދަރިންގެ ދަރިންނަށް ވެސް ޙައްޖު ކުރެވޭނޭ ވިރާސީ ނިޒާމެއް ތަރުތީބު ކުރެވިދާނެއެވެ. ޙައްޖު ކޯޕަރޭޝަން އުފެއްދުމުގެ ފަލްސަފާއަކީ އެއީއެވެ. ޕްރައިވެޓް ގްރޫޕަކުން ލަނޑު ލިބިގެން ހައްޖަށް ނުދެވުނު 120 މީހުންނަށް، ބަދަލެއް ނެތި، 2014 ވަަނަ އަހަރު، ހިލޭ ޙައްޖަށް ފޮނުވީ ޙައްޖު ކޯޕަރޭޝަން މެދުވެެރިކޮށެވެ.  

2015ގައި އަޅުގަނޑު ވަޒީރުކަމުން ވަކިވާންޖެހުނު އިރު، 120 މިލިއަން ރުފިޔާ ޙައްޖު ކޯޕަރޭޝަން އެކައުންޓްގައި ހުންނާނެެެއެވެ. އަދި އިސްލާމިކް ކޮންސެޕްޓަށް ރިޒޯޓް ހަދާނެ ރަށެއް ވެސް ޙައްޖު ކޯޕަރޭޝަނަށް ހޯދާފައި އެއިރު އޮންނާނެއެވެ. އަދި މެލޭޝިޔާގެ ތަބުން ޙާޖީ (ޙައްޖު ފަންޑް) އާ ގުޅިގެން ރާއްޖޭގައި ޙައްޖަށް އިންވެސްޓުކޮށް، އިސްލާމިކް ކޮންސެެޕްޓަށް ރިޒޯޓެއް ހެދުމަށް އޮތީ ނެގޯޝިއޭޓްކުރެވިފައެވެ. އެތަނުގެ ޗެއާމަން އެކަމާ މަޝްވަރާ ކުރައްވައި ގޮތްތައް ނިންމެވުމަށް ރާއްޖެ ވަޑައިގެންނެވިއެވެ. އަދި ކުރީގެ ސަރުކާރު ނިމުން އިރު، މައްކާގައި ރާއްޖޭގެ ރައްޔިތުންނަށްޓަކައި ހޮޓަލެއް ޤާއިމު ކުރުމުގެ މަޝްވަރާތައް ދިއައީ ކުރިއަށެވެ. އެތަން ޤާއިމު ކުރުމުގެ ވިސްނުން އޮތީ ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓެއްގެ ގޮތުގައެވެ. އެންމެހާ ދިވެހިންނަށް އަގުހެޔޮކޮށް ތިބެވޭ ގޮތް ހަދައި، ދިވެހި ނުދާ ދުވަސްތަކުގައި އެހެން ޤައުމުތަކުގެ ޢުމްރާ ކުންފުނިތަކަށް ކުއްޔަށް ދޭ ގޮތަށެވެ. އެފަދަ ހޮޓަލަކުން އެކަނި ލިބޭ ފައިދާ ވެސް ވަރަށް ބޮޑުވާނެއެވެ.  ޙައްޖު ކޯޕަރޭޝަން މާލީ ގޮތުން ޑިވެލޮޕް ކުރެވިއްޖެ ނަމަ މިދާއިރާގައި މަސައްކަތްކުރާ ޕްރައިވެޓް ކުންފުނި ތަކަކީ ޙައްޖު ކޯޕަރޭޝަނާ ގުޅިގެން ޚިދުމަތްދޭ އެޖެންޓުންނަށް ބަދަލު ކުރެވިދާނެއެވެ. އެއިރުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭނެއެވެ.  

އަޅުގަނޑު އެދެނީ މިއަދު އިސްލާމީ ކަންކަން ހިންގަން ތިއްބެވި ފަރާތްތަކުން އެ ހުވަފެންތައް ޙަޤީޤަތަކަށް ހެއްދެވުމަށް މަސައްކަތް ކުރުމެވެ. އިސްލާމީ ޙަޟާރަތު ކުރިއަރުވަން މަސައްކަތްކުރުމެވެ. ހަމައެކަނި ދީނަކީ ވަޢުޡާއި ދީނީ ފޯރަމާއި ދަރުސް ދިނުމެއްނޫނެވެ. އެކަން އެގޮތައް ކުރާ ނަމަ ދީނަކީ ހަމައެކަނި ވައުޡަށް ވެގެން ހިނގައިދާނެއެވެ. ޒަމާނާ އެއްގޮތަކަށް އިސްލާމީ އުމްރާނީ ތަރައްްޤީ އަންނަންޖެހޭނެއެވެ. އިސްލާމީ މަރުކަޒުތަކާއި އިސްލާމީ ޖާމިޢާތަކާއި އިސްލާމީ ބޭންކުތަކާއި އިސްލާމީ އައުޤާފުތަކާއި އިސްލާމީ  މީޑިއާތަކާއި މިކަންކަން އުފެދި ހެދިބޮޑުވަމުން އަންނަންޖެހޭނެއެވެ. މާތް ﷲ ވަނީ އިސްލާމްދީނުގައި މި ހުރިހާ ނިޒާމެއް ލައްވާފައެވެ. އެކަންކަން ކުރެވޭނޭ ގޮތްތަކާއި މަގުތަކާއި ވަސީލަތްތައް ވެސް ލައްވާފައެވެ. ލުއިފަސޭހަކަމާއި އިޖުތިހާދުގެ މަބްދައު ލައްވާފައެވެ. މާތް ﷲ ހެޔޮ ރަޙުމަތްފުޅުން މިކަންކަމުގެ ފައުންޑޭޝަންތައް ރާއްޖޭގައި އެބަހުެްޓެވެ. މިހުރިހާ ކަމަކީ ވެސް ކުރެވޭނެ ކަންކަމެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ ހައްޖު ގްރޫޕެއް ގޮތަށް އުފެއްދި ތަނެއް ނޫނެވެ. އެއީ މާލީ މުއައްސަސާއެކެވެ. ވަރުގަދަ ބޭންކަކަށް ބަދަލުކޮށްލެވިދާނެ ތަނެކެވެ.  އަޅުގަނޑުގެ ދުޢާއަކީ އަދުގެ ޖީލަށް މާތް ﷲ ތައުފީޤު ދެއްވުމެވެ. 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަދު އޮންލައިން