އައި.ޖީ.އެމް.އެޗް އިން ސީޓީ ސްކޭންގެ ޚިދުމަތްވަނީ ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މިކަމާގުޅިގެން އައި.ޖީ.އެމް.އެޗް އިން ބުނެފައި ބަނީ އައި.ޖީ.އެމް.އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ބޭނުންކުރެވެމުންދާ ސީޓީ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތީ މެއިންޓެއިނަންސްގެ މަސައްކަތް ކުރިއަށްދާތީ، ސީޓީ ސްކޭންގެ ޚިދުމަތްވަނީ ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
މިމެޝިންތަކުގެ މެއިންޓެއިނެންސްގެ މަސައްކަތް ނިމި މި ޚިދުމަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެކަމަށާއި މިދަނޑިވަޅުގައި އިމަޖެންސީކޮށް ކުރަންޖެހޭ ސީޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާނެކަމަށް އައި.ޖީ.އެމް.އެޗް އިން ވަނީ ބުނެފައެވެ.
ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އައި.ޖީ.އެމް.އެޗް އިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.