ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

އައިޖީއެމްއެޗް ގެ ހިޔަލަ ވިންގުގެ ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މިކަމާގުޅިގެން އެ ހޮސްޕިޓަލުން ބުނެފައިވަނީ މާބަނޑުމީހުންނާ ތުއްތު ކުދިންނަށް ޚާއްސަ އިމާރާތުގެ (ހިޔަލަ ވިންގް) ބަލިމީހުން އަރާ ފޭބުމަށް ބޭނުންކުރާ ލިފްޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާގުޅިގެން އިމާރާތުން ދެމުން ގެންދާ ބައެއް ޚިދުމަތްތައް ވަގުތީގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 12، 16 އަދި 17 ވަނަ ފަންގިފިލާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތުން ޚިދުމަތްތައް ހަމަޖެހިފައިވާ ގޮތް:

· ހިޔަލަ ވިންގްގެ 2 ވަނަ ފަންގިފިލާއިން ދެމުންގެންދާ އިމަރޖެންސީ ޚިދުމަތްތައް ހޮސްޕިޓަލުގެ ޓްރޯމާ އެންޑް އިމަރޖެންސީ ޑިޕާޓްމަންޓުގެ (އަވަސްފަރުވާގެ ހިދުމަތްދޭ ތަން) އައިސޮލޭޝަން އޭރިއާއަށް ވަގުތީ ގޮތުން ބަދަލުކުރުން.

· ހިޔަލަ ވިންގުގެ އެހެން ފަންގިފިލާތަކުގައި އެޑްމިޓް ކުރެވޭ ބަލިމީހުން ވަގުތީ ގޮތުން ދަރުމަވަންތަ ބިލްޑިންގެ 12، 16 އަދި 17 ވަނަ ފަންގިފިލާގައި އެޑްމިޓް ކުރުން.

· ހިޔަލަވިންގުގެ ފުރަތަމަ ފަންގި ފިލާއިން މިހާރު ދެމުންގެންދާ އޯޕީޑީގެ ހިދުމަތްތަކަށް ބަދަލެއް ނައިސް މިހާރެކޭ އެއްފަދައިން ހިޔަލަ ވިންގުން ދިނުން.

· ހިޔަލަ ވިންގުގެ 10 ވަނަ ފަންގިފިލާއިން ދެމުންގެންދާ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެން.އައި.ސީ.ޔޫ)ގެ ހިދުމަތްތައް ބަދަލެއް ނައިސް މިހާރެކޭ އެއްފަދައިން ހިޔަލަ ވިންގުން ދިނުން.

އައިޖީއެމްއެޗުން ބުނެފައިވަނީ މި ބަދަލާއެކު ބެޑްކެޕޭސިޓީ ދަށްވެ، އެނދުމަތިކުރެވޭ ބަލިމީހުންގެ އަދަދު މަދުކުރެވުމާ ގުޅިގެން ބައެއް ޚިދުމަތްތައް ދިނުމަށް ބުރޫ އެރުމަކީ އެކަށިގެންވާކަމެއްކަމަށާއި މިގޮތުން ދުރާލާ ޝެޑިއުލްކޮށްފައިވާ ބައެއް ސަރޖަރީތައް ވަގުތީގޮތުން މަޑުޖައްސާލެވިގެންދާނެ ވާހަކަވެސް ދަންނަވާކަމަށެވެ.

ހިޔަލަ ވިންގުގެ ބަލިމީހުން ބޭނުންކުރާ ލިފްޓަށް ދިމާވި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އަދި މައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް ހިޔަލަ ވިންގުން ދެމުންގެންދިޔަ ޚިދުމަތްތައް އަލުން ބަދަލު ކުރެވިގެންދާނެ ކަމަށެވެ.

މިކަމުގެ ސަބަބުން މި އިމާރާތުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް އައިޖީއެމްއެޝުން ވަނީ މައާފަށް އެދިފައެވެ.

މިއަދު އޮންލައިން