މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުފްތީ އިސްމާއިލް މެންކު ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު، މިއަދު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް (އިސްލާމީ މަރުކަޒުގައި) އިމާމްވެ ހުކުރު ނަމާދު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މެންކު ހުކުރު ޚުޠުބާ ދެއްވާނީ "ރިވައިވް ޔުއަރ ކަނެކްޝަން ވިތު ﷲ [ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން]" މި މަޢުޟޫއަށެވެ. މީގެއިތުރުން އޭނާ ދެއްވާ ފުރަތަމަ ދަރުސް މިރޭ އަލިމަސް ކާނިވާ ސަރަހައްދުގައި އޮންނާނެއެވެ.
ޑރ. މުފްތީ މެންކްގެ ދަރުސްތަކުގެ މައުޟޫޢުތައް ޚާއްސަކޮށްފައިވަނީ މުޖުތަމަޢުގައި ހުރި މުހިންމުކަންތައްތަކަށް ޚާއްސަކޮށްގެންނެވެ. މިރޭ 8:45ގައި ފެށުމަށް ހަމަޖެހިފައިވާ ދަރުސް ޚާއްސަކޮށްފައި ވަނީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" ނުވަތަ "ދެރަވެ މާޔޫސްވުމާއި، ހާސްވުމާއި، ކަންބޮޑުވުން" މި މައުޟޫޢުށެވެ.
މި ދަރުހަށް ފަހު، މާދަމާ ރޭ ފުވައްމުލައް ސިޓީގެ ސްޓޭޑިއަމްގައި އަދި މި މަހުގެ 30 ވަނަ ދުވަހު އައްޑޫ ސިޓީ ސްކޮޔަރގައި ވެސް ޑރ. މުފްތީ މެންކު ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސްތައް ބިނާކުރާނީ މާތްﷲއާއި އިންސާނާއާއި ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތައް މި ދެ މައުޟޫއަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.