ރައީސުލްޖުމްހޫރިއްޔާ ވަޢުދު ނުފުއްދަވާތީ ބެލެނިވެރިން ކަންބޮޑުވާތީ ޕްރިންސިޕަލް ބަދަލުކުރުމާ ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ދެކޮޅުކަން މަގުމަތީގަ ހާމަކުރަން ފަށައިފި އެވެ.
އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް ޢަރަބިއްޔާ ސްކޫލްގެ ކަންކަން ގޯހުން ގޯހަށް ގެންދާތީ ބެލެނިވެރިންނަށް މުޒާހަރާކުރަން ނުކުންނަން ޖެހޭ އުޞޫލުގެތެރެއިން ޢަރަބިއްޔާގެ ބެލެނިވެރިން މިރޭ ވަނީ މުޒާހަރާތައް ފަށައިފައެވެ.

ބެލެނިވެރިއަކު ބުނީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު ނުފުއްދަވާތީ ބެލެނިވެރިން ކަންބޮޑުވުން ފައުޅުކުރަންޖެހޭ ކަންބޮޑުވުން ފައުޅުކުރުމަކީ ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރަންޖެހެންވީ ސަބަބެއް ނޫން ކަމަށެވެ. "މިހާރު އެއުޅެނީ އިސްކަންދަރު ޕްރިންސިޕަލް ލައިގެން ސަރުކާރުގެ އެހެން ސްކޫލުތަކާއި ޢަރަބިއްޔާގެ ހުރިހާ ކަންކަން އެއްގޮތްކޮށްލަން. އެއީ އަހަރެމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން!" ކމަށެވެ.
18 މަސްދުވަސްތެރޭގައި ޢިމާރާތްކޮށް ނިންމައިދޭން ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާއިރު 10 މަސްދުވަސްވީއިރުވެސް ބިންގާވެސް އަޅާފައެއް ނުވެއެވެ. މައްސަލަ ހޫނުވެގެންދިއައީ އަންނަ އަހަރުގެ ބަޖެޓުގައި ޢަރަބިއްޔާ އަޅަން އެއްވެސް ޢަދަދެއް ބަޖެޓުކޮށްފައި ނެތުމުން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފުއްދަވާނެ ގޮތަކާއިމެދު ސުވާލު އުފެދުމުންނެވެ.
ތިރީގައި އެވަނީ މިރޭގެ މުޒާހަރާ އާއި ގުޅިގެން ވީނިޔުސްގައި ޝާއިޢުކޮށްފައިވާ ޚަބަރެއް އެއިގެ އަޞްލާއި އެއްގޮތަށެވެ.
އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކުއްލިގޮތަކަށް މަގާމުން ވަކިކޮށް، އެ ސްކޫލް ހިންގުން ވަގުތީގޮތުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްއާ ހަވާލު ކުރެއްވުމުން އަރަބިއްޔާގެ ބެލެނިވެރިން އެ ސްކޫލް ވަގުތީގޮތުން ހިންގާ އިމާރާތުގެ ކައިރިއަށް އެއްވެ އިހްތިޖާޖުކުރަން ފަށައިފިއެވެ.
ބެލެނިވެރިން ތިބީ ތަފާތު ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

އެގޮތުން، ބެލެނިވެރިން ލިޔެފައިވާ ޝުޢޫރުތަކުގައި، އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުން ވަކިކުރި މުހަންމަދު ޝުޖާއު އަބްދުއްރަހީމް އަނބުރާ ގެނައުމަށާއި، އަރަބިއްޔާ ހިންގަން އިސްކަންދަރު ޕްރިންސިޕަލް ބޭނުން ނުވާކަމަށްވެސް ލިޔެފައި ވެއެވެ. އަދި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ވަކިކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯއާއި، އެކަމާމެދު އަލުން ވިސްނުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލާފައި ވެއެވެ.
މީގެއިތުރުން، ބެލެނިވެރިން ފާޅުކުރަމުންދާ ޝުއޫރުތަކުގެ ތެރޭގައި "އަރަބިއްޔާ ކުދިންނަށްކުރާ އަނިޔާ ހުއްޓާލުމަށާއި"، އަރަބިއްޔާގެ އައު އިމާރާތް ހަދާ ބަޖެޓު ކޮބައިތޯވެސް ސުވާލު ކޮށްފައި ވެއެވެ. ހަމަ އެއާއެކ އަރަބިއްޔާ "ނައްތާނުލެވޭ" ކަމަށްވެސް ބޯޑުތަކުގައި ލިޔެފައި ވެއެވެ.
ބެލެނިވެރިން ޝުއޫރުތައް ލިޔެ ހިފައިގެންތިބި އެއް ބޯޑުގައި ލިޔެފައިވަނީ "ޕޮޓް ގެއްލި، އިމާރާތް ގެއްލި ޕްރިންސިޕަލް ގެއްލިފައި" މިހެންނެވެ.
ޕޮޓް ގެއްލުންކަމަށް ލިޔެފައިވަނީ، އަރަބިއްޔާގެ އަންހެން ދަރިވަރުން ނެޓްބޯލް ޕްރެކްޓިސް ކުރަން، ސްކޫލް ހިންގާ އިމާރާތުގެ ގޯޅިގަނޑުތެރޭގައި ބަހައްޓާފައި ހުރި ޕޯސްޓްތައް ނެގި މައްސަލައަށެވެ. އެ ޕޯސްޓުތައް ނެގީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް ފެތުރުނު ރިޕޯޓްތައް ސްކޫލުންވަނީ ދޮގުކޮށްފައެވެ.

އަރަބިއްޔާ ސްކޫލް ހިންގާ ވަގުތީ އިމާރާތުގެ ހާލަތާއި، އައު އިމާރާތެއްގެ މައްސަލާގައި ބެލެނިވެރިން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދާއިރު، އެންމެފަހުން އެޑިއުކޭޝަން މިނިސްޓްރީން މިވަނީ ޕްރިންސިޕަލްވެސް މަގާމުން ދުރުކޮށްފައެވެ.
ޕްރިންސިޕަލް މުހަންމަދު ޝުޖާއު އަބްދުއްރަހީމް މަގާމުން ވަކިކުރުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީން މީޑިއާއަށް އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، އަރަބިއްޔާ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ދަރިވަރުންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް އިދާރީގޮތުން ގެނެވުނު ބަދަލެއްގެ ގޮތުން، 7 ނޮވެންބަރު 2022 އިން ފެށިގެން ޢަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ ޙަވާލުކޮށްފައިވާ ކަމަށެވެ. ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށް ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ މިނިސްޓްރީއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުނެފައި ވެއެވެ.