ޢަރަބިއްޔާއަށްވެސް އެކި ފަރާތްތަކަށް އާދޭސްކޮށް ސަލާން ނުޖަހައި ކުރިއަށްދެވޭނެ މަގެއް ފަހިކޮށްދިނުމަށް ޢިލްމުވެރިން ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ޢަރަބިއްޔާއަށްވެސް އެކި ފަރާތްތަކަށް އާދޭސްކޮށް ސަލާން ނުޖަހައި ކުރިއަށްދެވޭނެ މަގެއް ފަހިކޮށްދިނުމަށް ޢިލްމުވެރިން ގޮވާލައްވައިފި

ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢްލީމް އިތުރަށް ފުޅައުކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި ޢަރަބިއްޔާއަށްވެސް އެކި ފަރާތްތަކަށް އާދޭސްކޮށް ސަލާން ނުޖަހައި ހަމަޖެހިލައިގެން ކުރިއަށްދެވޭނެ މަގެއް ފަހިކޮށްދިނުމަށް ޢިލްމުވެރިން ގޮވާލައްވައިފިއެވެ. 

ޢިލްމުވެރިންގެ ބަޔާން: 

އަލްމަދްރަސަތުލް ޢަރަބިއްޔާއަށް ކުރިމަތިވަމުންދާ ދަތިތަކާއި މައްސަލަތަކާ ގުޅޭ

الحمد لله الذي أنزل القرآن بلسان عربي مبين. هو الذي قال: إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ. والصلاة والسلام على من أرسل اللهُ معلما ومُرَبِّـــيا للناس أجمعين. ومن تبعهم بـإحسان إلى يوم الدين.

މުސްލިމުންގެ އެންމެ މުހިންމު ލަނޑުދަނޑީގެ ގޮތުގައި އަބަދުވެސް އޮންނަން ޖެހޭނެ ކަމަކީ އުންމަތުގެ މުސްތަޤްބަލުގެ ޖީލުތައް ހަރުދަނާ ކުރުމަށް އެޖީލުތަކަށް ބޭނުންވާ ހެޔޮ ތަރުބިއްޔަތާއި ރަނގަޅު ތަޢުލީމު ދިނުމެވެ.

ހަމައެއާއެކު، އިސްލާމްދީނުގެ މަޞްދަރުތައް އެބަހެއްގެ މައްޗަށް ބިނާވެފައިވާ ޢަރަބި ބަސް އުނގެނި އެމަޞްދަރުތައް ދިރާސާކޮށް، މީސްތަކުންނަށް ޞައްޙަ ގޮތް ބަޔާންކޮށްދެވޭނެ މިންވަރަށް އިސްލާމީ ކޮންމެ ދައުލަތެއްގައި ވެސް ބަޔަކު ތިބުމަކީ ލާޒިމު ކަމެކެވެ.

ކަންމިހެން އޮތްއިރު، ދިވެހި ފަސްގަނޑުގައި ހުރި ޢަރަބި ބަހުން ތަޢުލީމު ފޯރުކޮށްދޭ މަދު ތަންތަނުގެ ތެރޭގައި ހިމެނޭ، އަދި ދައުލަތުން ޚަރަދުކޮށްގެން ހިންގާ ހަމައެކަނި އެފަދަ ސްކޫލު ކަމަށްވާ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް އެކިގޮތްގޮތުން ކުރިމަތި ކުރުވަމުން ގެންދާ ގޮންޖެހުންތަކަކީ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން އެކަމާމެދު ނުހަނު ކަންބޮޑުވާ މައްސަލައެކެވެ.

އިސްވެ ދެންނެވުނު ފަދަ މަދަރުސާއެއް، ލުއިފަސޭހަ ކަމާއި ތަނަވަސް ކަމާއެކު އިތުރު މައްސަލަތަކެއް ކުރިމަތިނުވެ ހިނގަމުންދާނެ ގޮތަށް، ހެޔޮނިޔަތުގައި އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަކީ، އެކަން ކޮށްދެއްވުމުގައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ދަރުމައާއި ޘަވާބު ދާއިމަށް ލިބިލިބި ހުންނާނެ ކަމެކެވެ.

އެހެންކަމުން، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް މިހާރު ދިމާވަމުން ދާފަދަ މައްސަލަތައް ކުރިމަތި ނުވާނޭ ހެން، އަދި އިތުރު ބަޔަކާ އެކު ހިއްސާކުރަން ނުޖެހޭނޭ ހެން މުސްތަޤިއްލު ތަނަވަސް ބިމެއް، ޒަމާނީ ވަޞީލަތްތަކާ އެކު ފެންވަރު ރަނގަޅު ޢިމާރާތެއް ލިބެންޖެހޭ ކަމަށް ޤަބޫލު ކުރަމެވެ. 

ވީމާ، އިސްލާމީ ތަޢުލީމު ފުޅާކުރުމުގެ ހެޔޮ ނިޔަތް އިސްކޮށް، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަށް ދާއިމީ ޙައްލެއް ހޯއްދައިދެއްވުން އެދި، އެކަންކަމުގެ ޒިންމާ ދިވެހި ރައްޔިތުން މަތިކޮށްފައިވާ ފަރާތްތަކަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އިލްތިމާސްކޮށް ގޮވައިލަމެވެ.

يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ‎﴿ محمد:٧﴾

16 ރަބީޢުލްއާޚިރު 1444

10 ނޮވެންބަރ 2022

މިއަދު އޮންލައިން