ޔޯގާ ހަލާލުކުރެވޭތޯ ވަޒީރު މުފްތީ މެންކު ފަހަތުން ދުވެގެންވެސް އެކަމެއް ނުވި! އިޚްލާޞްތެރިނަމަ ދައްކަންޖެހޭ ފޮޓޯތައް ނުދެއްކީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޔޯގާ ހަލާލުކުރެވޭތޯ ވަޒީރު މުފްތީ މެންކު ފަހަތުން ދުވެގެންވެސް އެކަމެއް ނުވި! އިޚްލާޞްތެރިނަމަ ދައްކަންޖެހޭ ފޮޓޯތައް ނުދެއްކީ ކީއްވެ؟

މިއަދުނޫހަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ޔޯގާއަކީ މުސްލިމުންނަށް ހުއްދަ ކަމެއް ކަމަށް ހެދުމުގެ ބޭނުމުގައި ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވަނީ މުފްތީ މެންކް ރާއްޖެވަޑައިގެންނެވި ދަތުރުފުޅުގައި މުފްތީ މެންކާއި ސުވާލުތަކެއް ކުރައްވައިފައެވެ. 

މުފްތީ މެންކް ދެއްވާފައިވަނީ ރާއްޖޭގެ ޢިލްމުވެރިންވެސް ދެއްވާ ޖަވާބެވެ. ޔޯގާގެ ތެރޭގައި 2 ކޮމްޕޯނެންޓެއް ހިމެނޭކަމާއި އެއް ބައަކީ މުސްލިމުންނަށް ކުރެވިދާނެ ކަސްރަތެއް ކަމަށާއި ދެވަނަ ބައަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމެވެ. އަދި ހިންދޫ ދީނުގެ އަޅުކަމަށްވާ ބައިތައް ހިމަނައިގެން މުސްލިމުންނަށް ޔޯގާ ނުހެދޭނެ ކަމެވެ. 

މުފްތީ މެންކް ރާއްޖޭގެ ޢިލްމުވެރިންނާއި ބައްދަލުކުރެއްވެވިއިރު ހަމަ މިސުވާލު އިސްލާމީ ކަންތައްތަކާއިބެހޭ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވެސް ވަނީ މުފްތީ މެންކާއި ކުރައްވައިފައެވެ. ދެއްވީ ހަމައެފަދަ ޖަވާބެކެވެ.

ވަޒީރު އެވަރުންވެސް ކަންކަން ނިންމަވައިލެއްވީއެއް ނޫނެވެ. ދިވެހި ސަރުކާރުން ފައުޅުގައި ޝިރުކު ފަތުރަން އުޅުމުން އެކަމަށް ދެކޮޅު ހެދި ޒުވާނުންނަކީ ހަރުކަށި ބައެއްކަމަށް ދައްކުވަންވެގެން އެދުވަހުގެ ފޮޓޯތަކެއްވެސް މުފްތީ މެންކަށް ދެއްކެވިކަމަށް ވަނީ މަޢްލޫމާތު ލިބިފައެވެ. 

ސުވާލަކީ ވަޒީރަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިއަކު ނަމަ އެއާއިއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންދޫ ދީންތަކަށް ފައުޅުގައި އަޅުކަންކުރާ ތަނާއި އިސްލާމީ މަރުކަޒަށް ޤަޟާޙާޖަތްކުރި ފޮޓޯ އާއި ހުކުރުމިސްކިތަށް އަރައި ތިބެ ޔޯގާކުރި ފޮޓޯ އާއި މިފަދަ މުހިންމު ފޮޓޯތައް މުފްތީ މެންކަށް ނުދެއްކެވީ ކީއްވެގެންތޯއެވެ؟ 

އެންމެ ހަރުކަށިފިކުރަކީ ﷲ ތަޢާލާ އާއި ދެކޮޅު ފިކުރުކަމަށްވާއިރު، ސަރުކާރުން މިދައްކަނީ ސަރުކާރު ބޭނުންވާ ފޮޓޯތައް ކަމަށްވާއިރު، ރާއްޖެއަށް ޒިޔާރަތްކުރައްވާ ޢިލްމުވެރިންނަށް ރާއްޖޭގައި މިހާރު މިހިންގާ އެންމެ ހަރުކަށި ފިކުރުގެ ޢަމަލުތަކުގެ ފޮޓޯ ދައްކަން ރައްޔިތުންނަށް މިއަދު މިވަނީ މަޖުބޫރުވެފައިކަން ފާހަގަކުރެވެއެވެ.  

މިއަދު އޮންލައިން