ރޭޑިއޯ އަކީ، ރައްޔިތުންނަށް ޚިދުމަތްކުރާ އެއްޗަކަން ހެއްދެވުމަށް މަސައްކަތް ކުރެއްވި ހަމައެކަނި ވެރިއަކީ ސަމަރބުލޫ އިބްރާހިމް މަނިކުކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

މިއަދު
ކިޔުމަށް ހޭދަވާނީ 10މ 37ސ
ރޭޑިއޯ އަކީ، ރައްޔިތުންނަށް ޚިދުމަތްކުރާ އެއްޗަކަން ހެއްދެވުމަށް މަސައްކަތް ކުރެއްވި ހަމައެކަނި ވެރިއަކީ ސަމަރބުލޫ އިބްރާހިމް މަނިކުކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

ބަދުރުއްނަޞީރު

ދިވެހިރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓިންގ ފެށިގެން ކުރިއަށް ގޮސްފައިވަނީ، ވަރަށް އާދައިގެ ފެންވަރެއްގައެވެ. އެއްވެސްކަހަލަ ތަމްރީނެއް ލިބިފައިވާ މީހަކަށް ހުރީ ހަމައެކަނި އަޅުގަނޑެވެ. 1962 ވަނައަހަރު ޞާޙިބުއްދައުލާ ސުމުއްވުލް އަމީރު އިބުރާހިމް ނާޞިރު ގެ އަމިއްލަފުޅު މަސައްކަތުން، ދިވެހި ޖައްވަށް ވުޖޫދު ކުރެއްވި، ރާއްޖޭގެ ރޭޑިއޯ، އެކި ފެންވަރުގައި ތަފާތު ނަންނަމުގައި ހިންގަވަމުން ގެންދެވިއެވެ. މާގިނަ ފަންނީ މީހުންތަކެއްގެ އެހީތެރިކަމެއް ލިބިގެނެއް ނޫނެވެ. އަދި އަމުދުން ރޭޑިއޯ ބްރޯޑްކާސްޓިންގ އަކީ، ކޮންއެއްޗެއްކަން، ކޮންކަހަލަ މުހިންމު ބޭނުމެއް ހިފިދާނެ އެއްޗެއްކަން އެނގޭ ހަމައެކަކުވެސް އެދުވަސްވަރު އެމަސައްކަތުގައި ނޫޅެއެވެ. 

މިކަމާ އެންމެ ކަންބޮޑުވެ މިނޫންގޮތަކަށް މިކަން ބަދަލުކުރައްވަން ބޭނުންފުޅުވާނީ، ޝައްކެއްނެތްގޮތުގައި، ދިވެހިރާއްޖޭގެ ރޭޑިއޯގެ ބާނީ، ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، އާދެ ދައުލަތުގެ ވަޒީރުލް އައުޒަމް އެވެ. 

1967 ގައި އަޅުގަނޑު ރޭޑިއޯއާއި ގުޅުނުއިރުވެސް ރޭޑިއޯގެ ޙާލު އޮތީ ގާތްގަޑަކަށް އެކަހަލަ ގޮތަކަށެވެ. ދުވަސްތައް ގުނަމުންއޮވެދެއެވެ. ރޭޑިއޯ ސްޓޭޝަން ދުވަހެއް ދުވަހަކަށް ޓެކްނިކަލް ގޮތުން ތަރައްޤީ ވަމުން، ސިގްނަލް ފުޅާވަމުން އޮވެދެއެވެ. 

ކޮންމެއަކަސް އަޅުގަނޑުގެ ނަޞީބު ރަނގަޅުކަމުން، ރޭޑިއޯއަކީ، ކީއްކުރާ އެއްޗެއްކަމާ، ރައްޔިތުންނަށް އެއިން ކޮށްދެވޭނީ ކީއްކަން ދަސްކުރަން ކުއްޖަކު ސިންގަޕޯރ ގެ ރޭޑިއޯއަށް ފޮނުއްވަން ސަރުކާރުން ކަނޑައެޅުއްވި ކުއްޖަކީ، އަޅުގަނޑެވެ. 1971 ގައި އަޅުގަނޑު ސިންގަޕޯރއަށްގޮސް، އެ ދަސްކުރިއެއްޗެއް ދަސްކޮށްގެން މާލެއައިސް ރޭޑިއޯ ގައި މަސައްކަތް ކުރަމުންގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. 

އަޅުގަނޑު ކުރަމުން ގެންދިޔަ މަސައްކަތަކީ، އަޅުގަނޑަށް ދަސްވެފައިހުރި އެއްޗެއް، އޭރު ރޭޑިއޯގައި މަސައްކަތް ކުރންތިބި ކުދިންނަށް ދަސްކޮށްދިނުމެވެ. އާދެ މަޤާމު ވަނީ ބަދަލުވެފައެވެ. ސިންގަޕޯރ އަށް ދިޔައީ ޓެކްނިކަލް މަޤާމެއްގައި އޮޕަރޭޓަރެއްގެ ވަޒީފާގައި ހުރެގެންނެވެ. ސިންގަޕޯރ އިން އެނބުރިއައިސް މިހާރު މިހުރީ ޕްރޮގްރާމް ޑިޕާރޓްމަންޓްގައި "ޕްރޮގްރާމް ރާވާ" އެއްގެ މަޤާމުގައެވެ.

ހަނދާންވާގޮތުން އެއީ، 1974 ވަނައަހަރެވެ. އަޅުގަނޑު އެއްދުވަހު އޮފީހަށް އައިއިރު، ރައީސް އޮފީހުން އަލަށް ފޮނުއްވާފައިއިން މުއައްޒަފެއް އޮފީހުގައި އިންނެވިއެވެ. އެޑްމިން މުއައްޒަފުންގެ ތެރޭގައެވެ.

އާދެ! އެއީ، އަލްފާޞިލް ސަމަރބްލޫ އިބްރާހިމް މަނިކެވެ. އޭނާ މި ފޮނުއްވީ، ޑިޕާރޓްމަންޓް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގްގެ އިނގިރޭސި ސެކްރެޓަރީ އެއްގެ މަގާމަށެވެ. ސްކޫލުން އަޅުގަނޑުމެން ދިމާވެ ރައްޓެހިކަން އޮތީ އުފެދިފައެވެ. ސަމަރޭ، ދިވެހިރޭޑިއޯއާ ގުޅުނީ މިދެންނެވި ގޮތަށެވެ. ބްރޯޑްކާސްޓިންގ އާއި ދޭތެރޭ އެއްވެސް ޝައުޤުވެރިކަމެއް ހުރެގެން، އެތަނުގެ އެދާއިރާގެ ވަޒީފާއަކަށް އެދިލައްވައިގެން ވަޑައިގަތީއެއް ނޫނެވެ.

ކުރިންދެންނެވި ފަދައިން އަޅުގަނޑުގެ މަސައްކަތަކީ، ޕްރޮގްރާމްތައް އުފެއްދުމާ، ޕްރޮގްރާމް ޕްރޮޑިޔުސަރުން އުފެއްދުމެވެ. އެދުވަސްވަރު މުޅިންހެން ތިބޭނީ، އެނައުންސަރުންނެވެ. ޕްރޮގްރާމް އުފައްދަންޖެހޭނީވެސް އެކުދިންނެވެ. އެމަސައްކަތް އެކުދިންލައްވާ ކުރުވާމީހަކީ އަޅުގަނޑެވެ.

ކޮންމެދުވަހަކު ޕްރޮގްރާމްސެކްޝަނަށް އަޅުގަނޑާއެކު ސަމަރޭ، ޕްރޮގްރާމް ޑިޕާރޓްމަންޓަށް ދުރުވާނެއެވެ. މިހެންއުޅުމުގެ ތެރޭގައި، ސަމަރޭގެ ހިތުގައި ޕްރޮގްރާމްތަކާ ބެހޭގޮތުން ޝައުޤުވެރިކަމެއް އުފެދިއްޖެކަން އަޅުގަނޑަށް އެގުނީ، އެއްދުވަހު އަޅުގަނަޑުގާތުގައި، ތިމަންނާވެސް ޕްރޮގްރާމެއް ހަދަންބޭނުމޭ، ހަވާލުކުރަންވީނޫންހޭ، އަމިއްލަފުޅަށް ވިދާޅުވުމުންނެވެ. ހަމައެދުވަހު، ސަމަރޭއާވެސް ޕްރޮގްރާމެއްގެ މަސައްކަތް ހަވާލުކުރީމެވެ. ފުރަތަމަ ހަވާލުކުރީ މިޔުޒިކަލް ޕްރޮގްރާމެކެވެ. އާދެ، ލަވަ ޕްރޮގްރާމެކެވެ.

ސަމަރޭ އުފެއްދެވީ، ސިންގަޅަލަވައިގެ 30 މިނިޓްގެ ޕްރޮގްރާމެކެވެ. އަޅުގަނޑު މިހާ ތަފުޞީލުކޮށް އެ ޙާދިސާ ހަދާންމިހުރީ، އެ ޕްރޮގްރާމްއާ ދޭތެރޭ ދެމީހުން ވަރަށް ސަމާސާ ފާޑުކިޔާ، ވަރަށް ފަހަކުންވެސް އެވާހަކަ ދައްކާ ހީ ހެދީތީއެވެ. 

ސަމަރބްލޫ އިބްރާހީމް މަނިކު، އާދެ، ސަމަރޭ، ދިވެހިރާއްޖޭގެ ރޭޑިއޯއާއި ގުޅިލެއްވިގޮތް ކުޑަގޮތަކަށް މިދަންނަވާލީއެވެ. 

އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން، ޕްރޮޑަކްޝަންގެ ދާއިރާއަށް ފަރިތަވާކަށް މާގިނަދުވަހެއްނުނަގައެވެ. މީހެއްގެ ހިތުގައި ކަމަކަށް ޝައުޤުވެރިކަން އުފެދިއްޖެނަމަ ވާނެ ހުރިހާގޮތެއް، އެދުވަހު ސަމަރޭ އަށް މެދުވެރިވިއެވެ. ރޭޑިއޯ ބްރޯޑްކާސްޓިންގް މެދުވެރިކޮށް މުޖުތަމަޢު ހޭލުންތެރިކޮށް، އުގަނައިދީ، އަދި މަޢުލޫމާތު ދިނުމުގެ މާސިންގާ ކަނޑުގެ ފުރިހަމަ ބޭނުން، ހިފެންހުރިގޮތަކަށް ހިފުމުގެ ވަރުގަދަ ޢަޒުމުގައި މަސައްކަތް ފެއްޓެވީއެވެ. 

އަޅުގަނޑުގެ މަސައްކަތް އެތައްތަނަކުން ލުއިވެއްޖެއެވެ. އެނައުންސަރުން ތަމްރީންކުރުމުގައިވެސް ސަމަރޭގެ 100 ޕަރސެންޓް ބައިވެރިވުން، އަޅުގަނޑަށް ލިބެންފަށައިފިއެވެ. ޕްރޮޑިއުސަރުންނާއި އެކު، ބާއްވާ ބައްދަލުވުންތަކުގައި، ސަމަރޭގެ ޚިޔާލާއި ފާޑުކިޔުން ދެއްވަމުން ގެންދަވަން ފައްޓަވައިފިއެވެ.

މިދަންނަވާލެވުނީ، ސަމަރޭ ރޭޑިއޯ ބްރޯޑްކާސްޓިންގއާ ގުޅިވަޑައިގެން ގޮތެވެ. ދެން ހަމަ ދުވަހެއް ދުވަހަކަށް ދިޔައީ، ކުރިއަށެވެ. 

"ބާއްޖަވެރި ހެނދުނެއް" މިއީ ސަމަރޭގެ ކާމިޔާބުގެ ފުރިހަމަ މިސާލެކެވެ. އެ ޕްރޮގްރާމްގެ މަގުޞަދަކީ، އާދުވަހަކަށް މުޖުތަމަޢު ތައްޔާރު ވުމުގައި އެހީވެދިނުމެވެ. ކޮށްލަންޖެހިފައި ހުންނަ ކުދިކުދި އެހެނަސް، މުހިންމު ކަންތައްތަކުގެ މަތިން ހަނދާންއާކޮށްދިނުމެވެ. މިސާލަކަށް ބިލްތަކަށް ފައިސާ ދެއްކެވުމާއި، އަސްކަނިން މަގުމައްޗަށް ފެންފައިބާ ތަންކޮޅު ރަނގަޅު ކޮށްލަން ހަނދާންކޮށްދިނުން، ސްކޫލްކުދިން ގަޑިނުޖެހި ސްކޫލަށް ދާންތައްޔާރުވާން ހަނދާންކޮށްދިނުން. އޮފީސްހަށް ދާގަޑި ބުނެދިނުންކަހަލަ ކަންތައްތަކެވެ.

އެދުވަހަކު ރާއްޖޭގައި ހިނގާ މުހިންމު ކަންތައްތައް ބުނެދިނުމުގެ އިތުރަށް، ފަތިހު ލޮނުޒިޔާރަތް ކޮޅުގައި ކަސްރަތު ކުރާމީހުންގެ ޙަރަކާތްތައްވެސް "ބާއްޖަވެރި ހެނދުނެއް" ގައި ހިމެނޭނެއެވެ. މަޖަލާއި ސަމާސާގެ ތެރެއިން މި މައުލޫމާތުތައް ގެނެސްދިނުމުގެ އިތުރަށް، މިޕްރޮގްރާމް ގައި، ސީދާ ރޭޑިއޯގެ އެނައުންސަރުންނަށް އަމާޒުކޮށްގެން ގެނެސްދޭ ބައެއްވެސް ހިމެނިފައިވާނެއެވެ. އެއީ، ވާހަކަ ދެއްކުމުގެ ސްޓައިލް އާ ޓޯންއެވެ. ރޭޑިއޯ އެނައުސަރު ވާހަކަދައްކަންޖެހޭނީ، ކުރިމަތީގައި އިންނަ މީހަކާ ވާހަކަދައްކާ ރާގާއި މަޚުރަޖު އަދި އެ ޓޯނުންކަން ބުނެދިނުމެވެ. އެތައް ބަޔަކާ ވާހަކަ ދައްކާ އަޑުން ނުވަތަ ރާގަކުންނޫންކަން ބުނެދިނުމެވެ. އެހެން ގޮތަކަށް ދަންނަވަންޏާ، ލިޔެފަ އޮންނަ އެއްޗެއް ކިޔާ ގޮތް ދޫކޮށްލާ، ރައްޓެއްސަކާ ވާހަކަ ދައްކާގޮތް ގެންނަން ޖެހޭނެކަން ބުނެދިނުމެވެ. 

"ރޭޑިއޯ ހަފްތާ" ގެ ނަމުގައި، މާލޭގެ ކޮންމެވެސް ބޮޑު ހޯލެއްގައި، މަހަކު އެއްފަހަރު ރޭޑިއޯގެ ފަރާތުން މަހަކު އެއްފަހަރުކަހަލަ ގޮތަކަށް ޢާންމު ރައްޔިތުންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށްލުމުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވުނެވެ. ރޭޑިއޯއާ ދޭތެރޭ މީހުންދެކޭގޮތް ސީދާ ގާތުން އަހާލުމަށާއި، ޢާންމުންގެ ޚިޔާލުކުރާ ކަންތައްތަކެއް ޕްރޮގްރާމްގައި ހިމެނުމާއި، ރަނގަޅުކުރަންޖެހޭކަންތައްތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައެވެ. 

މިގޮތުން ބާއްވާ ބައްދަލުވުންތަކުގައި، ރޭޑިއޯގެ ތިން ޑިޕާރޓްމަންޓްގެ ވެރިންގެ އިތުރަށް ދެން އިންނަވާނީ، ޑިޕަރޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ ވެރިއެކެވެ.

ޢާންމުންގެ ޚިޔާލު ހޯދިގެން، އެމީހުންގެ އެއްބާރުލުން ލިބިގެންނޫނީ، އެމީހުންނަށް ފޮނުވާއެއްޗެއް އެމީހުން ބަލައި ނުގަންނާނެކަން، އަޅުގަނޑުމެން ގަބޫލުކުރަމެވެ. މިބައްދަލުވުންތަކުން އަޅުގަނޑުމެނަށް ވިސްނުނު އެކައްޗަކީ، މާލޭގައި ބާއްވާ މިފަދަ ބައްދަލުވުން ތަކުން، އަތޮޅުތެރޭގެ އެއްވެސް ބައިވެރިވުމެއް ނުލިބޭ ކަމެވެ. 

އެހެންކަމުން، އެޓޮލްސް މީޑިޔާ ސެންޓަރ ތަކެއް އަތޮޅުތަކުގައި ގާއިމުކޮށް، ސީދާ އަތޮޅުތަކުން ޚަބަރާއި މައުލޫމާތު ދިވެހިރާއްޖޭގެ ރޭޑިއޯއާއި ހަމައަށް ގެނެވޭގޮތް ހެދުމަކީ، ކޮންމެހެން ނުކޮށް ނުވާނެކަމެއްކަމަށް ސަމަރޭ ގަބޫލުކުރައްވާ، އެކަމަށް މަސައްކަތް ފެއްޓެވިއެވެ. 

ސަމަރޭ އަޑާއި ވަކިވަޑައިގެން ހިސާބަށް ދިޔައިރު، 5 އަތޮޅެއްގައި މީޑިއާ ސެންޓަރ ބިނާކުރައްވާފައި ހުއްޓެވެ. ހަމައެކަނި، އިމާރާތެއްގެ ސިފައެއްގައެއް ނޫނެވެ. ފާރނިޝް ކޮށް، އިކްވިޕްމަންޓް ހަމަކޮށް އަދި މުއައްޒަފުންވެސް ހަމަކުރެއްވިއެވެ. 

އަޅުގަނޑު ވަކިވީ، ސަމަރޭއަށްވުރެ ކުޑަދުވަސްކޮޅެއް ފަހުންނެވެ. އަޅުގަނޑު ވަކިވާންޖެހުނު ހިސާބަށް ދިޔައިރު، އިތުރު 2 އަތޮޅުގައި މީޑިއާ ސެންޓަރ ބިނާކޮށް މުއައްޒަފުންނާ، އިކްވިޕްމަންޓް ހަމަކޮށް ޖުމްލަ 7 އަތޮޅެއްގައި "އެޓޮލް މީޑިއާ ސެންޓަރ" ބިނާކޮށް ހުޅުވީމެވެ. 

އެ ހަތް ރަށަކީ:

1.     ހއ. ދިއްދޫ

2.     ހދ. ކުޅުދުއްފުށި

3.     ބ. އޭދަފުށި

4.     ގއ. ވިލިގިލި

5.     ގދ. ތިނަދޫ

6.     ސ. ހިތަދޫ

7.     ޏ. މުލައް        މި 7 އަތޮޅެވެ.

ސަމަރޭގެ މަސައްކަތުގެ ބޮޑުބަޔަކީ، އަތޮޅުތެރެއާ މާލެއާ ރޭޑިއޯގައި އެއްވެސް ތަފާތެއް ނުކޮށް ކުރިއަށް ދެވޭނެގޮތެއް ހޯއްދެވުމެވެ. އެގޮތުން މަތީގައި ދެންނެވި ރަށްތަށުގައި އެޓޯލް މީޑިއާ ސެންޓަރ ތައް ޢިމާރާތް ކުރައްވާ، އެތަންތަނަށް މުއައްޒަފުންލައްވާ، އެތަނުގައި މަސައްކަތް ކުރެވޭނެ ގޮތް ހައްދަވަން ފެއްޓެވީ ސަމަރޭއެވެ.

މަތީގައިއެވަނީ، ނިންމާ ފުރިހަމަ ކޮށްފައިވާ 7 މީޑިޔާ ސެންޓަރ ގެ ތެރެއިން ބައެއް ސެންޓަރ ގެ ފޮޓޯއެވެ. މި ޚިދުމަތަކީ، ހަމައެކަނި މިހިސާބުން ހުއްޓާލައްވާކަށް ސަމަރޭ ފެއްޓެވި މަސައްކަތެއް ނޫނެވެ. އެހެން ނަމަވެސް.........މިހާރު މީގެ އަސަރެއްވެސް ފެންނާކަށް ހުރިހެނެއް ހީއެއް ނުވެއެވެ. މީޑިއާ ސެންޓަރތައް ކީއްކުރަންތޯއެވެ؟ ރޭޑިއޯގެ އަސަރުވެސް މިހާރު ދިވެހިރާއްޖޭގައި ނެތެވެ.

ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓިންގ ނެތުމުގެ ތެރެއިން ވުޖޫދަށް ނެރެދެއްވީ، 1960 ގެ ތެރޭގައި، އޭރުގެ ރާއއްޖޭގެ ވަޒިރުލް އައުޒަމް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެމަނިކުފާނުންގެ ވިސްނުންފުޅުގައި، ރޭޑިއޯގެ ތަރައްޤީގެ ބައިވަރު ވިސްނުން ގެންގުޅުއްވިއެވެ. އަދި އެކަމަށް މަސައްކަތްތަކެއްވެސް ކޮށްދެއްވިއެވެ. ނަމަވެސް އެއީ ފަށައިގަތުމެވެ.

ރޭޑިއޯ ބްރޯޑްކާސްޓިންގ ޒަމާނީ ފެންވަރަކަށް ކުރިއަށް ގެންގޮސްދެއްވީ، ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބުދުލް ޤައްޔޫމްގެ ވެރިކަމުގައެވެ. އަލްފާޟިލް ސަމަރުބުލޫ އިބްރާހީމް މަނިކު ރޭޑިއޯގެ ހުންގާނުގައި ހިއްޕެވިފަހުންނެވެ. އޭނާގެ މަސައްކަތް ގާތުން ދެކިފައިތިބި، އަޅުގަނޑުމެންކަހަލަ މީހުނަށް އެއީ ދެބަސްވެވޭނެ ކަމެއްނޫނެވެ.

ސަމަރޭއަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ގައުމު ކުރިއަށްގެންދެވުމަށް އިންތިއާއަށް އެދިލެއްވި، ރައްޔިތުންގެ މުސްތަގްބަލު އުޖާލާވުމުގެ ހުވަފެންތައް ދެކިލެއްވި ވެރިއެކެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ރޭޑިއޯއަކީ، މިކަމަށް އޮތް ނުލާހިކު ބޭނުންތެރި ތޫނު ހަތިޔާރެކެވެ. އެހަތިޔާރުގެ ބޭނުންކުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނެތެވެ. ޙަޤީޤަތުގައި ސަރުކާރުން ދެއްވީ އެއްބާރުލުމެވެ. 

ގުދުރަތީގޮތުން ދިވެހިރާއްޖެ އުފެދިފައިވާގޮތުން، ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށް، އެއްރަށް އަނެއްރަށާއި ގުޅި، ވަކިވަކި ރަށްރަށުގައި ދިރިއުޅެމުންދާ ރައްޔިތެއް ތަރައްޤީ ވުމުގެ ހަމައެކަނި ވަޞީލަތަކީ، އޭރުވެސް އަދި މިހާރުވެސް ހަމަ ރޭޑިއޯއެވެ.

ރޭޑިއޯގެ އެހުންތެރިން ވަނީ، ރޭޑިއޯގެ ދެޒަމާނެއް ދެކިފައެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަޓިކް ސިސްޓަމްއަކަށް ބަދަލުވުމުގެ ކުރިއާއި ފަހަތެވެ. ގައުމަށް ބަދަލުތަކެއް އައެވެ. ރޭޑިއޯއަށް މާބޮޑު ބަދަލު އައެވެ. "ދައުލަތުގެ މީޑިއާ" އަކުން، "ރައްޔިތުންގެ މީޑިއާ" އަކަށް ބަދަލުވީތަނެވެ.

ދިވެހިރާއްޖޭގެ ރޭޑިއޯއިން، ރައްޔިތުންނަށް އެއްވެސް ފައިދާއެއް، އަސަރެއްކުރީ ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމުގެ ކުރިންތޯ، ނުވަތަ ޑިމޮކްރަސީއަކަށް ބަދަލުވުމުގެ ކުރިންތޯ ވަޒަންކުރައްވާނީ ރޭޑިއޯގެ އެހުންތެރިންނެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ އެކުވެރި، މަސައްކަތުގެ ރަޙުމަތްތެރި، "ބާއްޖަވެރި ހެނދުނެއް" ގެ ބައިވެރިޔާ އަދި އަޅުގަނޑުގެ ގިނަ ދުވަސްތަކެއްގެ ބޮސް، އަލް މަރުޙޫމް ސަމަރުބުލޫ އިބްރާހިމް މަނިކުގެ ފުރާނައަށް މާތް ﷲ ރަޙްމަތްލެއްވުމެވެ. އެމަނިކުފާނުންގެ ޢާއިލާއަށް ކެތްތެރިކަމާއި ހެޔޮ ޖަޒާ މިންވަރު ކުރެއްވުމެވެ.

 

3 ޑިސެމްބަރ 2022

ބަދުރުއްނަޞީރު

މިއަދު އޮންލައިން