ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަދި ކުރީގެ މަހާރެހެންދި ނުވަތަ ފަސްޓްލޭޑީ ނަސީމާ މުޙައްމަދަކީ އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް ވަރަށް ފާހަގަކޮށްލެވޭ ތަފާތު ޝަޚްޞިއްޔަތެކެވެ. އެކަމަނާވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށާއި ދިވެހި ތާރީޚަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އަދި މިހާރުވެސް އެކަމަނާ ގެންދަވަނީ ތާރީޚުގެ އެކިކަންތައްތައް ދިރާސާކުރައްވައި އެ ދިރާސާތައް އާންމު ކުރައްވަމުންނެވެ.

ނަސީމާ އެކަމަނާގެ ތައުލީމީ ޙަޔާތްޕުޅު އެންމެ ފުރަތަމަ ފައްޓަވާފައިވަނީ ރާއްޖެއިންނެވެ. އެއަށްފަހު ނަސީމާވަނީ ސްރީލަންކާއަށް ވަޑައިގެން އިނގިރޭސި ތަޢުލީމު ހާސިލް ކުރައްވާފައެވެ. އެއީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ދުވަސްވަރުގައެވެ.
"އޭރު މާލޭގައި ވަރަށް މެލޭރިޔާފަދަ ބަލިތައް ގިނަ. އޭރު އަޅުގަނޑު ހުން އައިސްގެ ގޭގައި އޮއްވާ މުޙައްމަދު އަމީން ވަޑައިގަތީ އަޅުގަނޑުމެން ގެއަށް. ވަޑައިގެން ވިދާޅުވީ އަމީނާމެން ފޮނުވާށޭ މިއުޅެނީ ކިޔަވަން ނަސީމާވެސް ފޮނުވާނެމޭ. ދެން އަޅުގަނޑު ކިހާ އުފާވާނެތޯ. އަދި ވިދާޅުވީ މާލޭގެ މަދަރުސާގައި ދުވަސްކޮޅަކު ތަޅުވާލާފައޭ ފޮނުވާލާނީ. މުޙައްމަދު އަމީން ވާހަކަފުޅު ދައްކަވާއިރު އެކަހަލަ މަޖާ ބަސްބަސް ބޭނުންފުޅު ކުރައްވާނެ." ހިނިފުޅުވަޑުވަމުން ނަސީމާ ވިދާޅުވިއެވެ.

ފޮޓޯ: ވޮނޮދޮނަ ރާއްޖޭ ފޭސްބުކްޕޭޖް
ނަސީމާގެ އުމުރުފުޅުން ގާތްގަނޑަކަށް 8 އަހަރުގައި ލަންކާއަށް ވަޑައިގެން ތައުލީމީ ޙަޔާތްޕުޅު ފެއްޓެވިއެވެ. އޭރު ނަސީމާއާއެކު ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ވަޒީރަކަށް ވެވަޑައިގެންނެވި މުއުމިނާ ޙަލީމް ހިމެނިވަޑައިގަންނަވައެވެ. ލަންކާގެ މާހައުލަކީ ރާއްޖޭގެ މާހައުލާ ވަރަށް ތަފާތު މާހައުލެކެވެ. ތަފާތު ޘަގާފަތެއް އޮންނަ ތަނެކެވެ. އެހެންކަމުން ލަންކާއަށް ފުރަތަމަ ވަޑައިގެންނެވުމުން ވަރަށް ތަފާތު އާކަންތައްތަކެއް ފެނިވަޑައިގެންނެވި ކަމަށް ނަސީމާ ފާހަގަ ކުރެއްވިއެވެ.
"މުޅީން އާތަނަކަށް ދެވުނީމަ އަޅައިގަންނަ ތަންތަން ހުންނާނެ ނޫންތޯ؟..މުޅިން އާކަމަށް ފެންނަ ކަންތައްތައް. ޚާއްޞަކޮށް ގެރިގާޑިޔަލާ މިކަހަލަ އެއްޗެހި ފެނުނީމަވެސް.. އެއީ މުޅިން ހަމަ އާކަންކަން"
ނަސީމާ ލަންކާއަށް ވަޑައިގެން އޯލެވެލް ފުރިހަމަ ކުރެއްވުމަށްފަހު، އޭލެވެލްއަށް ފައްޓަވައިގެން އުޅުއްވަނިކޮށް ޑަބްލިއުއެޗްއޯގެ ފަރާތުން ސްކޮލަޝިޕްއެއް ލިބިވަޑައިގެންނެވިއެވެ. އޭރު ދިވެހިރާއްޖެއަށް ޑަކްޓަރުންނާއި ނަރުހުން މަދުވުމުން ޑަބްލިއުއެޗްއޯގެ ފަރާތުން ސްކޮލަޝިޕްއަށް ހުޅުވާލާފައިވަނީ އެ ދެ ދާއިންރާއިން ކުދިންނަށް ތައުލީމާއި ތަމްރީނު ދިނުމަށެވެ. އެހެންކަމުން ވެއްލޫރަށް ވަޑައިގެން އެތަނުގެ ކޮލެޖުން ނާސިން ހެއްދެވިއެވެ. ނަސީމާއަކީ ވެއްލޫރަށް ވަޑައިގެން ނާރސިންގ ހެއްދެވި ދެވަނަ އަންހެން ބޭފުޅާއެވެ. ފުރަތަމަ ވެއްލޫރަށް ވަޑައިގެންނެވީ މުއުމިނާ ޙަލީމުއެވެ. ދެވަނައަށް ނަސީމާ އަދި ތިން ވަނައަށް އާއިޝަތު އިބްރާހީމް ދީދީ (ޢަބްދުއްސައްތާރު މުސާދީދީގެ އަނބިކަނބަލުން) ވަޑައިގެން ނާރސިން ގ ހެއްދެވިއެވެ.
ނަސީމާ، އިންޑިޔާގެ ވެއްލޫރުގައި ނަރސިންގގެ ރޮނގުން ޑިޕްލޯމާ ކޯހެއް ފުރިހަމަކުރެއްވުމަށްފަހު، އޮސްޓްރޭލިޔާއިން ނަރސިންގ ޕޯސްޓް ގްރެޖުއޭޓް ކޯހެއްވެސް ވަނީ ފުރިހަމަކުރައްވާފައެވެ. އެއަށްފަހު މާލެވަޑައިގެން ގަވަމަންޓް ހޮސްޕިޓަލުގައި މަސައްކަތްޕުޅު ކުރެއްވިއެވެ. ނަސީމާއަކީ ރާއްޖޭގައި ދެވަނައަށް ނަރުހަކަށް ވެވަޑައިގެންނެވުމުގެ ޝަރަފު ހާސިލު ކުރެއްވި ބޭފުޅާއެވެ.
މިހާރުގެ ގިނަ މީހުންނަށް ނަސީމާ މުޙައްމަދުގެ ނަން އެނގޭނީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ މޮޅު އެއް ތާރީޚު ޢިލްމުވެރިޔާގެ ނަންފުޅުންނެވެ. ނުވަތަ ރާއްޖޭގެ ގިނަ ބަޔަކު ނަސީމާ ދަންނަނީ ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާފަރާތެއްގެ ގޮތުގައެވެ. އެންމެ ކުޑައިރުއްސުރެ ތާރީޚު ދިރާސާކޮށް ތާރީޚީ މައުލޫމާތު ހޯއްދެއްވުމަށް ވަރަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ނަސީމާ ވިދާޅުވެއެވެ.
"އަޅުގަނޑުގެ ފޭވަރިޓް ސަބްޖެކްޓެއް އިނގޭތޯ އެއީ. އަޅުގަނޑު ވަރަށް ކިޔަވަން ބޭނުންވެފަ ވަރަށް ދަސްކުރަން ބޭނުންވެފައި ހުރި ސަބްޖެކްޓެއް ތާރީޚަކީ. މުޙައްމަދު އަމީން ވިދާޅުވާ ވާހަކަތަކާއި، ކިޔައިދެއްވާ ގޮތުން ތާރީޚަށް ވަރަށް ބޮޑަށް ޝައުގުވެރިވޭ. އެމަނިކުފާނު އަޅުގަނޑުމެންގެ ތެރޭގައި ތާރީޚަށް ޝައުގުވެރިކަން އުފައްދަވައި ދެއްވާފަ އޮތީ. ދެން ވަރަށް ކިޔަވާ ހިތްވާ ސަބްޖެކްޓަކަށް ތާރީޚު ވެފައި އޮތީ. ދެން އެހެން ނަމަވެސް ވަރަށް ކުޑަ އެއްޗެއް ފޮތުގައި އޮންނަނީ. ދެން ޖެހޭނީ އިތުރަށް މަސައްކަތް ކުރަން. ދެން އަޅުގަނޑުވެސް ހަމަ މަސައްކަތްކުރީ." ނަސީމާ ދިވެހިރާއްޖޭގެ ތާރީޚަށް ޝައުގުވެރިވެވަޑައިގެންނެވި ގޮތާއި ތާރީޚަށް ޚިދުމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވި ގޮތް ޙިއްޞާކުރަމުން ވިދާޅުވިއެވެ.
ނަސީމާގެ ލިޔުއްވުންތައް އެންމެ ފުރަތަމަ ފެންނަން ފެށީ 1970ގެ އަހަރުތަކުގެ ތެރޭގައި ނުކުތް މޫންލައިޓް ނޫހުންނެވެ. އިނގިރޭސި ވާހަކަ، ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ. އާންމު ގޮތެއްގައި ތާރީޚީ ލިޔުއްވުންތައް ލިޔުއްވަން ފެށްޓެވީ، 1995 ވަނަ އަހަރުއެވެ. ފުރަތަމަ ލިޔުއްވީ ދިވެހި ބައެއް ނޫސްތަކަށެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުގެ މުޝީރުކަމުގެ މަގާމުގައި ހުންނަވައިގެންނާއި އަދި ޚާއްޞަ މުޝީރު ކަމުގެ މަޤާމުގައި ހުންނަވައިގެން، ފަތްތޫރަ މަޖައްލާއަށްވެސް ލިޔުއްވަމުން ގެންދެވިއެވެ. 1998ވަނަ އަހަރު ޤައުމީ މަރްކަޒުން ތަރިކައިގެ ނަމުގައި ނެރުއްވަން ފެށްޓެވި ލުއިފޮތަށް ތާރީޚީ އެކިއެކި ހޯއްދެވުންތަކުގެ އަލީގައި ލިޔުއްވަން ފެށްޓެވިއެވެ. އެގޮތުން، މިހާތަނަށް ހޯދިފައި ނެތް އެތަކެއް އާ މައުލޫމާތުވެސް، މިފޮތުގައި ހިމަނުއްވާފައިވެއެވެ.
ނަސީމާވަނީ، އޭރުގެ ދިވެހިރާއްޖޭގެ އަޑުން ސިލްސިލާއެއްގެ ގޮތުގައި ފޮނުވަމުން ގެންދިޔަ ރޭޑިޔޯ ހަވީރުގެ ތާރީޚާއި އާދަކާދައިގެ ގިނަ ޕްރޮގްރާމްތަކެއް ފަރުމާކޮށްދެއްވައި، އެ ޕްރޮގްރާމް މެދުވެރިކޮށް، ދިވެހި ތާރީޚާބެހޭ އާ އެތައް މައުލޫމާތުތަކެއް އާންމު ކުރައްވައިފައެވެ. ހަމަޔަގީނުންވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔެއްގެ ހަނދާނުގައި އެ ޕޮރްގުރާމުގައި ގެނެސްދޭ ތާރީޚާއި އާދަކާދައިގެ ބައި ހަނދާން ހުންނާނެވެ. މިވެނި ލޯމާފާނެއްގައި މިހެން އެބައޮތޭ އެވެނި ލޯމާފާނުގައި އޮތީ މިހެނޭ ވިދާޅުވެ އަންހެންބޭފުޅަކު ވަރަށް ތަފްސީލީ މައުލޫމާތު ތަކެއް ދެއްވާ އަޑު ހަނދާން އެބަހުރި ދެތޯއެވެ؟
"ތެދެއް މިދަންނަވަނީ. ފުރަތަމަ ލޯމާފާނުގެ ވާހަކަ މީހުން ދައްކަން ފެށީމަ އަޅުގަނޑު ހީކުރީ އެއީ، ކޮންމެވެސް ކަމަނާފާނެކޭ. މިދެންނެވީ ކޮންމެވެސް ރަސްކަލެއްގެ އަނބިކަނބަލުން ކަހަލަ. އެކަމަކު އެހެނެއްނޫން. އެއަށްވުރެ މާ ވަރުގަދަ އެއްޗަކަށް މިވީ ލޯމާފާނު. އެއީ، އެކި ރަސްރަސްކަލުން ބިނާކުރެއްވި މިސްކިތަތްކާއި އެތަންތަނާ ބެހޭ ގޮތުން ލިޔުއްވާފަ ހުރި އެއްޗެހި. އެއީ ވަރަށް ބޭނުންތެރި އެއްޗެއްކަމަށް އަޅުގަނޑަށް ފެނުނީ. ކުރީގެ ވާހަކަކަތައް. ކުރީގެ ދިވެހިބަސް. ކުރީގައި ރަސްރަސްކަލުން ކުރައްވާފަ ހުރި ކަންތައްތައް. މިކަންތައްތައް ހަމަ އެބަހުރުވައިން ލިޔުއްވާފަ ހުރިގޮތަށް އެއެއްޗެހި ކިޔަން ލިބުނީމަ ވަރަށް ބޮޑު ފައިދާއެއް ކުރޭ. އަޅުގަނޑަށް ވަރަށް ބޮޑު ފައިދާއެއް ކުރިމެ."
ކުރީގެ ގަދީމީ ލޯމާފާނުތައް ބޭނުންކޮށްގެން އަދިވެސް ކިތަންމެ ދިރާސާތަކެއް ކުރެވިދާނެކަމަށް ނަސީމާ ވިދާޅުވިއެވެ. ގިނަ ލޯމާފާނުތައް ލިޔެފައި ހުންނަނީ އެވޭލާ އަކުރުންނެވެ. އަދި ބައެއް ލޯމާފާނުތައް ދިވެސް އަކުރުން ލިޔެފައި ހުރެއެވެ. ނަސީމާވަނީ ލޯމާފާނު ދިރާސާ ކުރެއްވުމަށްޓަކައި ދިވެސް އަކުރާއި އެވޭލާ އަކުރުވެސް ދަސްފުޅު ކުރައްވާފައެވެ. ނަސީމާ ވިދާޅުވަނީ އެވޭލާއަކުރާއި ދިވެސް އަކުރު ދަސްކުރެއްވީ ހަމަ "އަލިފުބާ" ދަސްކުރެއްވި ފަދައިން ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ ނަންތަކާބެހޭ ފޮތެއް ކަމަށްވާ އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް އައިލެންޑް ނޭމްސް އާއި، އިންސްކްރިޕްޝަން އޮފް މޯލްޑިވްސް މި ދެފޮތް އެކުލަވައިލެއްވުމުގައި ބޭރުގެ ޕްރޮފެސަރެއް ކަމަށްވާ ޑޮކްޓަރ ޕީ ރަގުޕަތީއާ އެކީގައި ނަސީމާ މަސައްކަތްޕުޅު ކުރެއްވިއެވެ. މީގެ ތެރެއިން އެޓިމޮލޮޖިކަލް ޑިކްޝަނަރީ އޮފް އައިލެންޑް ނޭމްސް މިފޮތަކީ ނަސީމާއަށް މިހާތަނަށް ކުރެވުނު މަސައްކަތްޕުޅުތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކަމަށް ނަސީމާ ފާހަގަ ކުރައްވައެވެ.
"އެއީ އަޅުގަނޑުމެން ވަރަށް ކުރާހިތުން ކުރި މަސައްކަތެއް. އަޅުގަނޑުމެން ސަރުކާރުގެ އެކި އިދާރާތަކަށް ލިޔެގެން ރަށްރަށުގެ ނަންތަކާއި ފަޅުފަޅާއި ގިރިގިރިއާ މިހުރިހާ މައުލޫމާތެއް ހޯދައި އެއްކޮށްގެން ލިޔުނީ."
ނަސީމާ ދިރާސާކުރައްވައިގެން ލިޔުއްވި ފޮތްތަކުގެ ތެރޭގައި އާންމުގެ މެދުގައި އެންމެ މަގުބޫލު އެއްފޮތަކީ ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން މިފޮތެވެ. މިފޮތުގައި ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ވާހަކަތައް ވަރަށް ތަފްސީލީ ގޮތެއްގައި ނަސީމާ ލިޔުއްވާފަވެއެވެ. އެފޮތަކީ މިހާރު ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުން ގެންދާ ކުދިންގެ އެންމެ މުއުތަބަރު ރިޕަރެންސަކަށް ބޭނުން ކުރަމުން ގެންދާ އެއްފޮތެވެ. މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި 2019 ވަނަ އަހަރުގެ އެންމެ މަގުބޫލު 50 ފޮތުގެ ތެރޭގައި "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" މިފޮތް ހިމެނެއެވެ. މިފޮތަކީ ކުރިން ލިޔެވިފައިވާ ލޯމާފާނުތަކާއި ކުރިން ލިޔެވިފައި ހުރި ބައެއް ލިޔުންތަކުން މައުލޫމާތު ނަންގަވައި ވަރަށް ބޮޑު ދިރާސާތަކެއް ކުރައްވައިގެން ނަސީމާ ލިޔުއްވާފައިވާ ފޮތެކެވެ.
"އެންމެ ބުރަވާނީ ކުރިން އެމަސައްކަތްޕުޅު ކުރެއްވި ބޭފުޅުންނަށް. އެބޭފުޅުންނަށް އެތައް އެތައް އެއްޗެއް ހޯއްދަވަން ޖެހިވަޑައިގަންނަވާނެ. ކުރީގައި އެމައުލޫއަށް ލިޔެވިފައި ހުރި ފޮތްތައް ހުރި. ބައެއް ކަރެކްޝަންޝް ހެދުމާއި އެކަހަލަ ކަންތައްތައް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. އެއްލިޔުން އަނެއް ލިޔުމާއަޅާ ކިޔުމާއި ކުށެއް އޮތްނަމަވެސް އަޅުގަނޑަށް ހޯދުނު. ދެން ހުރިހާ ކުށްތައް ފިލުވާލެވުނެކޭ ނޫން މިދަންނަވަނީ. އަދި އަޅުގަނޑަށް އެވަރު ނުވެސް ކުރެވޭނެ. އެހެން ނަމަވެސް ވަރަށް ކުރާ ހިތުން ކުރި މަސައްކަތެއް އެއީވެސް"
ނަސީމާ ފާހަގަ ކުރެވިފައިވަނީ އެކަމަނާ ލިޔުއްވާ ތާރީޚީ ހޯއްދެވުންތައް އިނގިރޭސި ބަހަށްވެސް ތަރުމަޖާ ކުރައްވަމުން ގެންދަވާ ފަރާތެއްގެ ގޮތުގައެވެ. މިހާރު ނަސީމާ ވަނީ "ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން" މިފޮތް އިނގިރޭސި ބަހަށް ތަރުޖަމާ ކުރައްވައި ނިންމަވާފައެވެ.
"މުޅިއެކީގައި ތަރުޖަމާއެއްވެސް ނޫން އެއީ. އެއީ ބަލާލުމެއްގެ ގޮތުން. އިތުރު ކުރަން އަޅުގަނޑަށް ފެންނަ ބައެއް ތަންތަންކޮޅު އިތުރުކޮށްފަ. އިނގިރޭސިބަހަށް ބަދަލު ކުރަނީ." މިފޮތް އާންމުންނާ ހަމައަށް ވަރަށް އަވަހަށް ނެރެވޭނެ ކަމަށް ނަސީމާ ވިދާޅުވެއެވެ.
ކުރިން ފެށުމުގައި ދެންނެވި ފަދައިން ނަސީމާ މުޙައްމަދަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ފަސްޓްލޭޑީއެވެ. ސުމުވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލޭގެފާނު އެކަމަނާއާ ކާވެނި ބެއްލެވީ 31 މޭ 1969 ގައެވެ. ރައީސް ނާސިރަށާއި ނަސީމާއަށް ދެބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ އާއިޝަތު ނާސިރާއި، އިސްމާއީލް ނާސިރެވެ. ނަސީމާއާ ކުރެވުނު އިންޓަވިއުގެ ތެރެއިން ރައީސް ނާސިރުގެ ޝަޚްސިއްޔަތާ ގުޅޭ ގޮތުންވެސް އަޅުގަނޑު ސުވާލުކޮށްލީމެވެ.
"ވަރަށް ރަނގަޅު ބޭފުޅެއް. ވަރަށް ތެދުވެރި ވަރަށް އިޚްލާސްތެރި ބޭފުޅެއް. އަނެއްކާ ވަރަށް ހެޔޮފުޅުވެސް ވާނެ. ވަރަށް ގިނަ މީހުންނާ އެހީވެވަޑައިގަންނަވާނެ. އެކަމަކު ދުވަހަކުވެސް ރިވީލެއް ނުކުރައްވާނެ ކޮށްދެއްވާ ކަންތައްތައް. ދެން ދޮގު ހަދައިގެންނެއް ކަމަކު ނުދާނެ އެއްގޮތަކަށްވެސް."

ފޮޓޯއިން: އިނގިރޭސި ރާނީގެ ދެކަނބަލުންނާއި، ރައީސް ނަސީރުގެ ދެކަނބަލުން
ރާއްޖޭގެ ފަސްޓުލޭޑީންގެ ތެރެއިން ނަސީމާއަކީ ފާހަގަކޮށްލެވޭ ޝަހްސިއްޔަތެވެ. އެހެން ފަސްޓްލޭޑީންނާ ޚިލާފަށް ރައީސްގެ ދައުރު ނިމުމަށްފަހު، މިއަދާ ހަމައަށްވެސް ޤައުމީ ޚިދުމަތުގައި ހުންނެވި ބޭފުޅަކީ ނަސީމާއެވެ. ނަސީމާ ވިދާޅުވާގޮތުގައި އެގޮތަށް ޤައުމީ ޚިދުމަތުގައި ދެމިހުންނެވުމުގެ އެންމެ މުހިންމު އެއް ސަބަބަކީ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދެއްވި ހެޔޮ ނަސޭހަތްޕުޅުތެކެވެ.
"މުޙައްމަދު އަމީން އަޅުގަނޑުމެންނަށް މަދަރުސާގައި އުޅުނު އިރުއްސުރެ، ޤައުމީ ޚިދުމަތުގެ ވާހަކަ އަބަދުވެސް ދައްކަވާނެ. އެހުންނަނީ ހަނދާން ނުނެތޭނެ ކަހަލަ ތަންތަންކޮޅު. ޖަލްސާތަކުގައިވެސް އަބަދު ވިދާޅުވާނެ މިވެނި ކަމެއް ކުރަންވާނޭ އެވެނި ކަމެއް ކުރަންވާނޭ. އަޅުގަނޑުމެންގެ ވާޖިބެއްގެ ގޮތަށް އެކަންތައް ހިތަށް ވަދެފަ ހުންނަނީ. ދެން ކުރާހިތްވާ ކަންތަކާވެސް ދިމާވީމަ ކަންނޭނގެ."
ނަސީމާ ހުންނެވީ އެކަމަނާއަށް ލިބިވަޑައިގެންފައިވާ ތާރީޚުގެ މައުލޫމާތުތައް އެހެން މީހުންނަށްވެސް އުނގައްނަވައި ދެއްވުމަށް ތައްޔާރަށެވެ. ނަސީމާ މިހާރުވެސް އެންމެ ޝައުގުވެރިވެވަޑައިގަންނަވަނީ ލޯމާފާނުގައި ހުންނަ މައުލޫމާތުތައް ދިރާސާކުރެއްވުމަށެވެ.
"ލޯމާފާނަކީ ވަރަށް އިންސްޕިރޭޝަނަލް ލިޔުންތަކެއް. ފުރުސަތު އޮތްކަމަށްވަނީ ވިއްޔާ އަޅުގަނޑު ހަމަ ކިތަންމެ ބަޔަކަށްވެސް ކިޔަވައިދީފާނަން."
ކޮންމެ ގައުމެއް ނުވަތަ ތަނެއްގެވެސް ތާރީޚަކީ ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން ތާރީޚަށް ސަމާލުކަން ނުދެންޏާ މުސްތަޤުބަލަށްވެސް ލޯބި ނުކުރެވޭނެ ކަމަށް ނަސީމާ ފާހަގަ ކުރައްވައެވެ.
"ތާރީޚަށް ލޯބި ނުކުރަންޏާ އަޅުގަނޑުމެންނަށް މުސްތަޤުބަލަކަށް ލޯތްބެއް ނުކުރެވޭނެ. މުސްތަޤުބަލު އެންމެ ފުރަތަމަ ހޯދަން ތާރީޚު ދަސްކުރަން ޖެހޭނީ. އެގޮތުން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ."
ނަސީމާއަކީ އެކަމަނާ ލިޔުއްވައި ލިޔުއްވުންތައް ވަރަށް ފަރުވާތެރިކަމާއެކު، އޭގެ އެންމެ ޞައްޙަގޮތުގައި ލިޔުއްވާ ލިޔުންތެރިއެކެވެ. ލިޔުމެއް ލިޔުއްވާއިރު އޭގެ އެކޮޅާއި މިކޮޅު ރަނގަޅަށް ބައްލަވައިގެން ލިޔުއްވާ ލިޔުންތެރިއެކެވެ. ދިވެހިބަހުގެ އުސްތާޒު ޢަބްދުﷲ ޞާދިޤު ނަސީމާ ސިފަކުރައްވަނީ މިދަންނަވާ ފަދައިނެވެ.
"ނަސީމާއަކީ ކުރައްވަން ގަސްތުކުރައްވާކަމެއް، ރަނގަޅަށް ކުރެއްވުމަށްޓަކައި، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ލިބެން އޮތް މިންވަރަކަށް ހޯއްދަވައިގެން ނޫނީ، އާނއެކޭ ނުވަތަ ނޫނެކޭ ވިދާޅުވާ ބޭފުޅެއް ނޫން. މިކަން އެންމެ ބޮޑަށް އެނގޭނީ އޭނާ ލިޔުއްވާފަހުރި ފޮތްތައް ރަނގަޅަށް ބަލައިލީމަ."
ނަސީމާއަށްވަނީ ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރުމުގެ ދާއިރާއިން 2000 ވަނަ އަހަރުގެ ތެރޭގައި އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ނަސީމާއަށްވަނީ ދިވެހި ދައުތަލުގެ ފަރާތުން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަންވެސް ދެއްވާފައެވެ.
އުމުރުފުޅުން އަށްޑިހައިގެ އަހަރުފުޅުތައް ގުނުއްވަމުން ގެންދަވާ ނަސީމާ އެކަމަނާގެ ޤަލަމުގެ ދޯރި ޖައްސަވައި މޭޒުގައި ބޭއްވުމުގެ ޚިޔާލުފުޅެއް އަދި ނުކުރައްވައެވެ. އެގޮތުން އެކަމަނާ އިންނެވީ ތާރީޚު ދިރާސާ ކުރުމުގެ ދާއިރާގައި އެއް މަސައްކަތަކަށްފަހު އަނެއް މަސައްކަތެއް ކުރައްވަން ތައްޔާރަށެވެ. މިހާރުވެސް ނަސީމާ ގެންދަވަނީ ހެރިޓޭޖް މިނިސްޓްރީގެ މުޝީރުކަމުގެ މަގާމު ފުރުއްވަމުންނެވެ. ނަސީމާގެ މި މަސައްކަތްޕުޅަށް އިތުރު ކާމިޔާބީއަށް އެދެމެވެ.
ނޯޓް: މި ލިޔުން ލިޔެފައިވަނީ 2019 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ބޭނުންވާ އިތުރު ބައެއް މައުލޫމާތު ނެގީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންނެވެ.
ލިޔެ ތައްޔާރު ކުރީ: ޢަލީ އިޙްސާން ފިރާޤު