ކޮރަޕްޝަންގެ މާނައަކީ ފަސާދައެވެ. މާލީގޮތުން ހިންގާ ފަސާދައިން ސަލާމަތްވެވިދާނެއެވެ. ހުރިހާ ސަރުކާރުތަކުގައިވެސް މާލީ ފަސާދަ ހިންގައެވެ. އެކަން ފިލުވަން ވައުދުތައްވަމުން ދެން އަންނަ ސަރުކާރަކުންވެސް ހިންގަނީ ހަމަ މާލީ ފަސާދަކަމަށް ދެބަސްވެވޭކަށް ނެތެވެ.
މާލީ ފަސާދައިން އަރައިގަނެވުނު ނަމަވެސް އަރައިގަތުން އެންމެ ދަތި އުނދަގޫ ފަސާދައަކީ ދީނީ ފަސާދައެވެ. ދިނީ ގޮތުން މިއަށްވުރެ ފަސާދަބޮޑު، މިހާރަށްވުރެ ބާރަށް ފަސާދަކުރަމުން ގެންދާ ދުވަސްވަރެއް ރާއްޖޭގެ ތާރީޚުގައިވެސް ފެނިފައެއް ނުވެއެވެ. ފައުޅުގައި އެހެން ދީންތަކަށް އަޅުކަންކޮށް އެހެންދީންތައް ފަތުރަމުން އެގެންދަނީ އެއްވެސް ބިރެއް ނެތިއެވެ. މިއީ މީގެ ކުރިން ފެނުނު ކަންކަމެއް ނޫނެވެ.
މީގެކުރީގައި އެފަދަ ކަމެއް ކޮށްފިނަމަ ކޮންމެވެސް ފިޔަވަޅެއް އަޅައެވެ. ފުލުހުންގެ މީޑިއާއިން ބަލަމުންދާކަމަށްބުނާ އެބާވަތުގެ އެއްވެސް މައްސަލައކަށް މިސަރުކާރުގައި އެއްވެސް ފިޔަވަޅެއް އަޅާތަނެއް އަދި ނުފެނެއެވެ. ބަލައި ނިމޭ ގޮތެއްވެސް ބެލިކަމެއްވެސް ނުއަންގައެވެ. ހަމައެކަނި ބަލާކަމަށް ބުނެލަނީއެވެ. ޚާއްޞަކޮށް ރާއްޖޭގައި ހިންދޫންގެ ދީންތަކަށް ފައުޅުގައި އަޅުކަންކޮށް ހިންދޫ ދީންތައް ފަތުރަން ކުރާ މަސައްކަތްތަކަށް އެއްވެސް ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ.
ހުރިހާ ގޮތަކުން ބެލި ނަމަވެސް އެންމެ ބޮޑު ފަސާދައަކީ މިއީއެވެ. ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ދިނުމެވެ. މާލީ ފަސާދައިގެ ސަބަބުން މާލީ ގެއްލުންތަކެއް ލިބުނަސް ފާފަވެރިވާނީ އެކަންކުރި މީހެކެވެ. އެކަންކުރި ބައެކެވެ. ދީނީ ފަސާދައިގެ ސަބަބުން ރައްޔިތުންގެ ދީނީ ޢަޤީދާއަށް އަރާ ލޮޅުމުގެ އަސަރު މުޅި އުންމަތަށް ކުރެއެވެ. މީސްތަކުންގެ އާޚިރަތް ގެއްލިގެން ދިއުމަށްވުރެ ބޮޑު ނުރައްކަލަކީ އަދި ގެއްލުންހުރި ކަމަކީ ކޮބައިތޯއެވެ؟
މިކަންކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިމެ ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނާއި ބެހޭގޮތުން ދައްކަވާ ވާހަކަފުޅުތަކުގައި ރާއްޖޭގައި ދީނީ ގޮތުން ހިންގަމުން މިގެންދާ ބޮޑު ކޮރަޕްޝަނުގެ ވާހަކަ ނުދައްކަވާތީ ގިނަ ބައަކު ކަންބޮޑުވެއެވެ. ސަރުކާރުގެ އަމާޒާއިމެދު ސުވާލު އުފައްދައެވެ. ރާއްޖޭގައި މިހާރު ފަތުރަމުން ގެންދާ ދީނީ ކޮރަޕްޝަންތައް ނިމުމަކަށް ގެންނަން އެމީހަކަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރަން މިވަނީ މަޖުބޫރުވެފައެވެ. ކޮންމެ ރައްޔިތަކަށް ދުޢާ ކުރެވޭނެއެވެ. އިޚްލާޞްތެރިކަމާއެކު ދުޢާކުރަމުން ގެންދަން މިއަދު މިވަނީ ކޮންމެ ރައްޔިތަކަށްވެސް ވާޖިބުވެފައެވެ.
އެންމެ ބޮޑު ހިތާމައަކީ ޤައުމުގައި ހުރި މިފަދަ ބޮޑެތި ކޮރަޕްޝަންތަކުގެ ވާހަކަ ހުކުރު ޚުޠުބާއަކުންވެސް އަޑު ނުއިވޭކަމެވެ. ސައިލަންޓް މޫޑްގައި އޮތްކަމެވެ. ޚަޠީބުންގެ އަނގަ ބަންދުކޮށްގެން ތިބޭކަމެވެ.