ކުރީގެ ޒަމާންތަކަށް ބަލައިފިނަމަ ގެއަކަސް ވަންނަން ހުއްދަހޯދަން އެގެއެއްގެ މީހުންނާއި ވާހަކަ ދެއްކެނީ ގެއަކަށް ދިއުމުންނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެ ވަރަށް ލުއިފަސޭހަ ކަމަކަށް ވެފައެވެ. ބޭނުން ވަޤުތަކު ފޯނުން ގުޅާލައި ވާހަކަ ދައްކައި ހުއްދަ ހޯދެން އޮތުމުންނެވެ.
މީހުންގެ ދިރިއުޅުމަށާއި ދިރިއުޅޭ ޙާލަތަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުން ކޮންމެ ކޮންމެ ވަގުތަކީ މެހްމާނުންނަށް މަރުޙަބާ ކިޔަން ފަސޭހަވަގުތަކަށް ނުވެދާނެއެވެ. ވީމާ ގެއަކަށް ޒިޔާރަތްކުރާނަމަ ފޯނުން ގުޅާލައި ފަސޭހަ ވަގުތެއް އޮޅުންފލުވައި ކުރިއަށް ހުއްދަ ހޯދަންވާނެއެވެ.
ދެވަނަ ކަމަކަށް އެގެއަކަށް ދިއުމަށްފަހު އެގެއެއްގެ މީހުންނަށް އުނދަގޫވާހައި ގިނައިރުވަންދެން މަޑުނުކުރާށެވެ! އެގެއްގެ މީހުން ފޫހިނުކުރާށެވެ! ތިބާ ގާތު އެނބުރި ދިއުމަށް ބުނަން ފަސޭހަނުވެދާނެއެވެ. އެކަމަށް ވިސްނުމަކީ ޒިޔާރަތްކުރާ މީހާގެ ކަމެކެވެ.
އަދި ގެއަކަށް ގޮސް ބެލް ޖެހުމުން ދޮރުހުޅުވި ނަމަވެސް ސަލާމްގޮވަންވާނެއެވެ. ގެއަށް ވަންނަން ހުއްދަލިބުމަކީ ސަލާމް ބަލައިގަނެ ގެއަށް ވަންނަން ބުނުން ކަމުގައިހަދަންވާނެއެވެ! ހަމައެއާއިއެކު ގެއަކަށް ވަންނަނަމަ ތިމާ އާއިއެކު ޝައިޠޯނުން އެގެއަށް ވަނަނުދިނުމަށްޓަކައި ކިޔަންޖެހޭ ޛިކުރުތައް ކިޔަންވާނެއެވެ.
އަދި އެގެއަކުން ނުކުންނަ ނަމަ އެމީހުންނަށްޓަކައި ހެޔޮދުޢާކުރަންވާނެއެވެ. އަދާކުރި މެހްމާންދާރީއަށް ޝުކުރުއަދާކުރަންވާނެއެވެ.
ގެއެއްގައި އިންނައިރު ބެލުންތައް ތިރިކުރަންވާނެއެވެ. ބަލަން ނުޖެހޭ ތަންތަނަށް ނުބަލާށެވެ. ތިބާ ބެލުމުން އުނދަގޫވާނެ ބައަކުވެސް އެގެއެއްގައި އުޅެފާނެއެވެ. އަދި ގޭތެރެއިން ފެންނަ ތިބާ އާއި ނުބެހޭ ކަންކަމުގައި ސުވާލުކޮށް ނުހަދާށެވެ. ހުރިހާކަންކަމަށް "އުނދުޅި ބޭނުމުން" އުނދަގޫވާނެއެވެ. ފޫހިވެސްވާނެއެވެ.
މިއީ ރިވެތި އަޚްލާޤްގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ. އަދި އިސްލާމް ދީނުގެ ރިވެތި އަދަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަންކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން