މާތް ﷲ އިރާދަުކުރެއްވިއްޔާ އުމުރު ހުސްވަންދެން ވެސް ދެމިހުންނަވާނީ އިސްލާހީ މަސައްކަތުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި، ބ. އޭދަފުށްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ ކޮންމެހެން ބޮޑު ވަޒީފާްއެއް ބޭނުފުޅުވާތީ ނޫންކަމަށާއި، ކުރިމަތިލެއްވީ ރައްޔިތުން "އަލިފާންގަނޑެއްގެ ތެރެއަށް" ވެއްޓެންދާތީ ކެތްނުކުރެވިގެން ރައްޔިތުންނާއި ގައުމު ސަލާމަތްކޮށްދެއްވުމަށް ކަމަށެވެ.
ޤާސިމް ވިދާޅުވީ، އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދައިދެވިއްޖެ ކަމަށާއި ޕީޕީއެމްގެ ވެރިކަމެއް ގާއިމުކުރުމަށް ވެސް މަދަދުވެރިވެވަޑައިގެންފައިވާ ކަމަށެވެ. އެތިން ވެރިކަމުން ފެނިގެންދިޔައީ އެެމަނިކުފާނާއި ޖުމްހޫރީ ޕާޓީ ބާކީކޮށްލިތަންކަމަށް ޤާސިމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ވެރިކަމުން ފެނިގެންދިޔައީ އިންތިހާއަށް އަނިޔާވެރިކަން ކަމަށް އަދި އެމްޑީޕީގެ މި ވެރިކަމުގައި ގައުމުގެ މިނިވަންކަން ނަގާލައި އަޅުވެތިކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާސިމް ވިދާޅުވީ، އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ ބީދައިން، އެ ދެޕާޓީންވެސް ރަނގަޅު މީހަކު ނާންނާނެ ކަމަށެވެ. އެހެންކަމުން މިފަހަރު އައު ކެންޑިޑޭޓަކަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ޤާސިމް ވިދާޅުވީ، މާތް ﷲ އިރާދަުކުރެއްވިއްޔާ އުމުރު ހުސްވަންދެން ދެމި ހުންނަވާނީ އިސްލާހީ މަސައްކަތުގައިި ކަމަށެވެ.
ރައްޔިތުންނަށް ދިމާވަމުންދިޔަ ތަފާތު ދަތިތަކާއި އުނދަގޫތަކާހުރެ، ޤާސިމް އިބްރާހީމް އިސްލާޙީ މަސައްކަތުގެ ތެރެއަށް ނުކުންނަވަން ނިންމެވީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވިއިރު 1984 ވަނަ އަހަރުގެ ތެރޭގައެވެ. ޖެހިގެން އައި 1985 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ރައީސްކަމަށް ޤާސިމް ވަޑައިގެން، ރައްޔިތުންގެ ޙައްޤުގައި އިސްލާޙީ މަސައްކަތުގައި ދެމިހުންނެވިއެވެ.
ޤާސިމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ތެރެއިން 1989 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު މެންބަރެއްގެ ގޮތުގައި އިންތިޚާބުވެ ވަޑައިގަތެވެ. ރާއްޖޭގައި އޭރު އޮތް ސިޔާސީ އޮއިވަރުގައި، 2001 ވަނަ އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމް.ޑީ.ޕީ. އުފެއްދުމަށް އިސްވެ ސޮއިކޮށް، ސަރުކާރަށް ހުށަހެޅި 42 މީހުންގެ ތެރޭގައި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަތެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު ދިވެހިން މިދެކޭ ހެއު ބަދަލުތައް ގެނުވި ޤާނޫނުއަސާސީ، ތަފާތު ފިކުރުތަކުގެ ވިސްނުން އެއްގޮތް ކުރުވައިގެން އިޞްލާޙުކޮށް، އެ ބުރަ މަސައްކަތް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވެވި މޭސްތިރިއަކީ ޤާސިމް އިބްރާހީމެވެ. އަދި އެމަނިކުފާނުވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ރައްޔިތުންގެ ކުރިއެރުމާއި، މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި ސަރުކާރުރާއި ގުޅިގެން ރައްޔިތުންނަށް ހެޔޮ ބަދަލާއި، ޤައުމަށް ރަނގަޅުގޮތް ހޯދަވައިދެއްވުމުގެ ނިޔަތުގައި އެމަނިކުފާނުވަނީ ސަރުކާރުގެ މުހިންމު މަޤާމްތަކެއް އަދާކުރައްވައި، ޤައުމުގެ އިޤްތިޞާދީ، އިޖުތިމާއީ އަދި ޢުމްރާނީ ދުވެލީގެ ބާރުމިން މަތިކުރައްވައި، ޤައުމަށް ބޭނުންތެރި ސިޔާސަތުތައް އެކަށައަޅުއްވައި، ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގެވުމަށް ހިކުމަތްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
ޤާސިމް އިބްރާހީމް ގެންދަވަނީ 4 އޯގަސްޓް 2008 ގައި ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް ޖުމްހޫރި ޕާޓީގެ ލީޑަރުގެ މަޤާމް ފުރުއްވަމުންނެވެ. އޭގެ ކުރިން، އެމަނިކުފާނު ވަނީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގައި، އުފެއްދެވި ޑީއާރުޕީގެ ނާއިބު ޒަޢީމްގެ މަޤާމްވެސް ފުރުއްވާފައެވެ.
ޤާސިމް އިބްރާހީމް ވަނީ، 2008 އަދި 2013 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ހައިސިއްޔަތުން ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރައްވާފައެވެ.
ދިވެހި ރައްޔިތުންނާއި ޤައުމަށް ފާގަތިކަން ހޯއްދަވައި ދެއްވުމުގެ މަތިވެރި ނިޔަތުގައި ޤާސިމް އިބްރާހީމް ފެއްޓެވި ސިޔާސީ މަސައްކަތުގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް ބުހުތާނު ތުހުމަތުތައްކޮށް އެކިސަރުކާރުތަކުންވަނީ ސިޔާސީ ދައުވާ އުފުލާ އެމަނިކުފާނު ޖަލަށްލާފައެވެ. އެސަރުކާރުތަކުން ދިން އަނިޔާގެ ސަބަބުން އެމަނިކުފާނުގެ ޢާއިލާގެ އިތުރުން އެތައްހާސް މުވައްޒަފުންގެ ޢާއިލާތަކަށްވެސް ވަނީ ހިތްދަތިކަން ލިބިފައެވެ.
ޤާސިމް އިބްރާހީމަށް އެސަރުކާރުތަކުން ކުރިމަތިކުރުވި މާލީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް ފަހަށްޖެހިވަޑައިނުގެން ކޮންމެ ފަހަރަކުމެ އިސްކުރައްވާފައިވަނީ ޤައުމާއި ރައްޔިތުންނެވެ.
ހަބަރު: ވީނިއުސް