އިމާމް އަޙްމަދުގެ މަންމާފުޅު އުފުއްލެވި ބުރައިގެ ވާހަކަ- ކޮންމެ ބެލެނިވެރިއަކަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އިމާމް އަޙްމަދުގެ މަންމާފުޅު އުފުއްލެވި ބުރައިގެ ވާހަކަ- ކޮންމެ ބެލެނިވެރިއަކަށް އަގުހުރި ފިލާވަޅެއް!

ލޮބުވެތި މައިންބަފައިންނޭވެ! ސަމާލުކަން ދީގެން މިވާހަކަކޮޅު ނިކަން އަޑުއަހައިލަބަލާށެވެ! 

މުސްލިމުންގެ 4 މަޛްހަބްގެ ތެރެއިން ހަންބަލީ މަޛްހަބުގެ އިމާމް އަޙްމަދުގެ މަންމާފުޅު އެކަލޭގެފާނާއިގެން އާލާސްވެ އިންނަވަނިކޮށް، ބައްޕާފުޅު ނިޔާވެއްޖެއެވެ. ފަޤީރު ހާލުކޮޅުގައިވެސް މަންމާފުޅު އެކަލޭގެފާނު ބެއްލެވީ، ވަރަށް ވަރަށް ފުރިހަމައަށް، ވަރަށް ރަނގަޅަށެވެ. އެވާހަކަތައް ސިފަކުރައްވަމުން އިމާމް އަހްމަދު ވިދާޅުވެފައިވެއެވެ. 

"ފަތިސްވުމުގެ އެތައް އިރެއް ކުރިން މަންމާފުޅު ތިމަން ކަލޭގެފާނަށް ގޮވައި ނަގައެވެ. (ހޭލައްވައެވެ.) އެއިރު ތިމަންކަލޭގެފާނުގެ އުމުރުން 10 އަހަރެވެ. ފިނި މޫސުމުގައި ފެން ހޫނުކޮށްދެއްވައެވެ. ދެން މަންއާއިއެކު ތިމަން ކަލޭގެފާނު ތަހައްޖުދު ނަމާދު ކުރައްވަމެވެ! އެއަށްފަހު ތިމަން ކަލޭގެފާނާއިގެން މަންމާފުޅު މިސްކިތަށް ނުކުންނަވައެވެ. އެއީ ވަރަށް ދުރުގައި ހުންނަ މިސްކިތެކެވެ. ވަރަށް އަނދިރީގައި ހިނގާފައި ދަމެވެ. 

ދެން މިސްކިތުގައި ފަތިސްނަމާދުކޮށްގެން ދުވާލުގެ މެދަކާއި ހަމައަށް މަންމާފުޅު ތިމަން ކަލޭގެފާނުގެ އިންތިޒާރުގައި މިސްކިތުގައި މަޑުކުރައްވައެވެ. އެއީ ތިމަން ކަލޭގެފާނު ޤްރްއާން ހިތުދަސްކުރުމާއި ޢިލްމު އުނގެނުމުގެ ކްލާސްތައް ނިންމާލަންދެކަށެވެ." 

މިއަދުގެ މައިން ބަފައިންގެ ޙާލަތަކީ ކޮބައިހެއްޔެވެ؟ އޮފީހަށް ދާން ނެތްނަމަ، ދަރިން ސްކޫލަށް ގެންދަން ނުޖެހޭނަމަ އިރުއަރައި ހޫނުވުމުގެ ކުރިން ހޭލަނީ ކިތައް މައިންބަފައިންހެޔެވެ؟ ފަޖުރުލާކަމާއި އިރުއަރާކަން އެނގެނީ ކިތައް މައިންބަފައިންނަށް ހެއްޔެވެ؟ ދަރިންނަށް ހޭލެވުނު ނަމަވެސް މައިންބަފައިން ނިދައި ނުހޭލާތީ ހެނދުނުގެ ސައިފޮދެއް ނުލިބި ހައިހޫނުކަމުގައި އެތައް އިރެއްވަންދެން ތިބެންޖެހެނީ ކިތައް ކުދިންނަށް ހެއްޔެވެ؟ 

ހޭލެވުނު އިރަކުން ހޭލައިގެން ކްލާސްތަކަށް ކުދިން ގެންދިއަ ނަމަވެސް އަދި ގަޑިއަށް ސްކޫލަށް ގެންދިއުމަކުން އެއީ ކުދިން ތަރުބިއްޔަތުކުރެވުނީއެއް ނޫނެވެ. އެހުރިހައި ކަމެއްގެ ކުރިން އެބަ ފަޖުރުލައެވެ. އިރުއަރައެވެ. ފަތިސްނަމާދުގެ ވަޤުތު ފާއިތުވެގެންދެއެވެ. 

ލޮބުވެތި މައިންބަފައިންނޭވެ! ބެލެނިވެރިންނޭވެ! ފުރަތަމަ ކަމަކަށް ތިމާ އެންމެ ކުޑަމިނުން ފަތިސްނަމާދަށް ހޭލާށެވެ! ދަރިންވެސް ހޭލައްވައި ފަތިސްނަމާދު ކުރުވާށެވެ! މިސްކިތައް ގެންދެވޭނެ ގޮތެއް ނެތްނަމަ ގޭގައި ނަމަވެސް ނަމާދުކުރުވާށެވެ! ދަރިންނަށް ދެވޭނެ އެންމެ މުހިންމު، އެކުދިންނަށް އެންމެ ފައިދާކުރާނެ ތަރުބިއްޔަތަކީ އެއީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން