ތިބާގެ ކުށަކާ ނުލާ ތިބާގެ ހިތުގަ ޖައްސުވައި ނިކަމެތިކޮށްލައިފިނަމަ ދެބައި އިތުރަށް ތިބާއަށް ޘަވާބާ ނިޢްމަތް ދެއްވަވާނެ މަގު-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ތިބާގެ ކުށަކާ ނުލާ ތިބާގެ ހިތުގަ ޖައްސުވައި ނިކަމެތިކޮށްލައިފިނަމަ ދެބައި އިތުރަށް ތިބާއަށް ޘަވާބާ ނިޢްމަތް ދެއްވަވާނެ މަގު-!

އިންޞާފަކީ ތިމާއަށް އެންމެ ފައިދާހުރި ގޮތްކަމުގައި މީހުން ދެކެންފެށި ޒަމާނެއް ބުނަން އުނދަގުލެވެ. އަހުރެން ބުނާނީ އެއީ އާދަމްގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ފެށިފައިވާ ކަމެއް ކަމަށެވެ. އެހެން ނޫންނަމަ އާދަމްގެފާނުގެ ދެދަރިކަލުންގެ މެދުގައި މައްސަލަ ޖެހި ލޭއޮހޮރުވުމަކަށް ނުދިއައީހެވެ. ވީމާ އެހައިކުރިންސުރެ ދުނިޔޭގައި އޮންނަ ނުބައި އާދައެއް މިހައިތަނަށް އަންނައިރު ފެތުރިފައި އޮންނާނެ މިންވަރަށް ވިސްނާށެވެ!

ޒަވާޖީ ޙަޔާތް ތިބާ ވޭތިކުރަމުން ގެންދަނީ ވަރަށް ލޯބިން، ވަރަށް ތެދުވެރި، ވަފާތެރިކަމާއިއެކުގައި ކަމަށްވެފައި އަދި ތިބާ އަދާކުރަންޖެހޭ ދައުރު ވަރަށް ފުރިހަމައަށް އަދާކުރަމުން ދަނިކޮށްވެސް ބައެއް ފަހަރު ހިތްދަތިވާންޖެހޭ ކަންކަން މެދުވެރިވެއެވެ. މިބުނި ފަދައިން ތިބާގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރަމުން ދަނިކޮށްވެސް ބައެއް ފަހަރު މައްސަލަތައް އެބަޖެހެއެވެ. އަދި ތިބާގެ އެއްވެސް ކުށެއް ނުވަތަ އިހްމާލެއް ނެތި ކައިވެނި ރޫޅޭތަންވެސް އެބަ އާދެއެވެ. މިހާލަތުގައި ބައެއް މީހުންގެ ހިތުގައި ވަރަށް ގިނަ ސުވާލުތައް އުފެދެއެވެ.

"އަހަރެންނަށް މިގޮތް މެދުވެރިވީ ކީއްވެގެންހެއްޔެވެ؟ އަހަރެން އެއްވެސް ކުށެއް ނުކުރަމެވެ. މިވެނި މީހަކު މާގޯސްކޮށް އުޅެމުންގެންދާއިރުވެސް އޭނާގެ ޙަޔާތް މާއުފާވެރިއެވެ؟ އޭނާ އުޅެނީ މާއުފަލުންނެވެ. އޭނާ އެހައި ގޯސްއިރުވެސް އޭނާގެ ބައިވެރިޔާ އޭނާއަށް ހާދަ ހެވެވެ!"

ދުނިޔަވީ ގޮތަކުން ބަލައިފިނަމަ މިފަދަ ސުވާލުތަކާއި ޝަކުވާތައް ހިތުގައި އުފެދޭނެއެވެ. ނަމަވެސް މުސްލިމެއްގެ ހައިޞިއްޔަތުން ބަލައިފިނަމަ މިއީ ކުރެވިގެންވާނެ ޝަކުވާތަކެއް ނޫނެވެ. އެހެނީ ﷲ ތައާލާ އިމްތިޙާންތައް ކުރިމަތިކުރައްވަވަނީ ހަމައެކަނި އެމީހަކު ކުށެއް ކޮށްގެނެއް ނޫނެވެ. އަދި ކުށެއް ކުރެވުމަކީ އެމީހަކަށް ވަގުތުން އެކަމުގެ ކޯފާ ފޮނުއްވަވާނެ ކަމެއްކަމަށް އަމިއްލައަށް ނިންމައިގެން ނުވާނެއެވެ. އެކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެގޮތަށް ކޯފާ ފޮނުއްވަވާނަމަ މީސްތަކުންނަށް އަބަދުހެން އުޅެންޖެހޭނީ ކޯފާއިން ސަލާމަތްނުވެވިގެން ނޫންހެއްޔެވެ؟

ހަމައެއާއިއެކު ބައެއް މީހުންނަށް އެބަ ބުނެވެއެވެ. ރަނގަޅަށް ދިރިއުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކިތަންމެ ރަނގަޅަށް ދިރިއުޅުނު ނަމަވެސް ވަނީ ކޮންކަމެއް ހެއްޔެވެ؟ ކުރާ ފައިދާއަކީ ކޮބައިހެއްޔެވެ؟

މިފަދަ ޝަކުވާތައްވެސް ކުރެވިގެން ނުވާނެއެވެ! ދިރިއުޅުމުގައި ތިމާ އަދާކުރަންޖެހޭ ދައުރު އެންމެ ރަނގަޅު ގޮތުގައި އަދާކުރަންވީ އެކަމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ޘަވާބު ހޯދުމަށެވެ. ތިމާ އަމަލުކުރާ ރަނގަޅުގޮތުގެ ބަދަލުގައި އަނެކާ ތިމާއާއިމެދު ރަނގަޅަށް ކަންކަން ކުރާނެކަމަށް ބަލައިގެނެއް ނޫނެވެ.

ހިތާމައަކީ މިކަންކަމާއިމެދު ވިސްނާ ނުލައި ބައިވެރިޔާއަށް ރަނގަޅަށް ކަންކަން ކުރަނިކޮށް ތިމާއާއިމެދު ނުބައިކޮށް ކަންކަން ކުރުމުން ލިބޭ މާޔޫސްކަމުގައި ޙަޔާތުގައި ދެން ބާކީ އޮންނަ ދުވަސްތައް ތިމާއަކީ ނުރަނގަޅު މީހެއްގެ ގޮތުގައި ހޭދަކުރަން ވިސްނޭކަމެވެ. އަދި ޢަމަލުވެސްކުރެވޭ ކަމެވެ.

އެއިރުން ކަންކަން މެދުވެރިވާނެ ގޮތް އެނގޭ ހެއްޔެވެ؟ ތިބާ ކުރިން ކުރި ރަނގަޅުކަންކަމުން ނުވަތަ ޢަމަލުކުރި ރަނގަޅު ގޮތުން ތިބާއަށް ލިބެން ހުރި ޘަވާބުވެސް ގެއްލުނީއެވެ. އަދި ކުރެވޭ ނުބައި އަމަލުތަކުގެ ސަބަބުން ފާފަވެރިވެސްވަނީއެވެ. ހުރިހާ ގެއްލުމެއް ހަމަ އެމީހަކަށެވެ.

ތިމާ ކުރާ ކޮންމެ ޢަމަލެއް ތެދުވެރިކަމާއިއެކު އަދި ކުރެވެން އެންމެ ރަނގަޅަކަށް ކުރަންވީ އެހެން މީހަކު ތިބާއަށް ރަނގަޅަށް ކަންކަން ކުރާނެ ކަމަކަށް ނޫނެވެ. ހަމައެކަނި އެކަމުގެ ބަދަލު ﷲ ތަޢާލާގެ ޙަޟްރަތުން އެދިގެންނެވެ. އެކަލާނގެ ތިމާ އާއިމެދު ޛައްރެއްގެ މިންވަރުވެސް ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. ތިބާ ޢަމަލުކުރި ހެޔޮގޮތަށް ޙައްޤު ޘަވާބާއި އަނެކާ އަމަލުކުރި ނުބައި ގޮތުން ތިބާއަށް ލިބެންވާ ޘަވާބާއި ދެބައިވެސް ތިބާއަށް ދެއްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އެއިރުން އެމީހަކަށް ދުނިޔޭގައިވެސް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ! އަދި ސުވަރުގެވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން