ކުރެވޭ ކައިވެނިތައް ފޭލްވަމުންދާތީ އެކަމުގެ ވާހަކަ ގިނަ ބައަކު ދައްކައެވެ. ކަންބޮޑުވުންވެސް ފައުޅުކުރެއެވެ. ނަމަވެސް ޙަޤީޤީ މައްސަލަތަކާއިމެދު ވިސްނައިލަނީވެސް ވަރަށް މަދު މީހެކެވެ.
ފުރަތަމަ ކަމަކަށް ބުނެލަން ބޭނުންވަނީ ކައިވެނިކުރަންވާނީ ތިމާއަށް އުފާވެރިކަން ހޯދުމުގެ ބޭނުމުގައި ނޫންކަމަށެވެ. ކައިވެނިކުރާ ހިސާބުން ދެވަނަ މީހަކު ތިމާގެ ޙަޔާތަށް އެބަ އައުދެއެވެ. ވީމާ އަހުރެން، އަހުރެމެންނަށް އެބަ ބަދަލުވެއެވެ. ވީމާ ވިސްނަން ޖެހޭނީ އަހުރެމެންނަށް އުފާވެރިކަން ހޯދުމާއިމެދުގައެވެ.
އެކަން ކުރެވޭނީ ހުރިހާ ކަންކަމުގައިވެސް ތިމާ އާއި އެއްވަރުގެ ޙިއްޞާއެއް އަނެކާއަށްވެސް ދީގެންނެވެ. އެއީ ޚަރަދުކުރުން ކަމުގައިވީނަމަވެސް އަދި ވަޤުތު ދިނުމުގައިވެސްމެއެވެ. ވަޤުތު ދިނުމުގައި ވިސްނަންވީ އަނެކާވެސް ހުންނާނީ ތިމާގެ ކިބައިން ވަޤުތަށް ބޭނުންވެގެން ކަމެވެ. ހަމައެއާއިއެކު ލޯތްބާއި އަޅައިލުން ތިމާއަށް ބޭނުންވާ ފަދައިން އަނެކާއަށްވެސް ބޭނުންވާނެކަން ޤަބޫލުކުރަންވާނެއެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ދެމީހުން މަޝްވަރާކުރުމާއި ދެމީހުން ބައިވެރިވެގެން ކުރުމަކީ ކައިވެންޏަށްފަހު މަޖުބޫރު ކަމެކެވެ.
ކޮންމެއަކަސް ފަށަމުން ފުރަތަމަވެސް ބުނިފަދައިން ކައިވެނިކުރުމަށްފަހު ދެމީހުންކުރެ އެކަކީވެސް އެކެއް ނޫނެވެ. ކޮންމެ މީހަކީވެސް ދެމީހުންނެވެ. އެގޮތަށް ވިސްނުން ބަހައްޓައިގެން ދިރިއުޅެން މަސައްކަތްކޮށްފިނަމަ ޖެހޭ މައްސަލަތައް މަދުވާނެއެވެ. ވަރިކުރުންވެސް މަދުވާނެއެވެ. އިން ޝާ ﷲ
- އަލަފް