އެތައް ބައެއްގެ ކަންބޮޑުވުން އޮތް، ބިދޭސީންގެ އަތްމައްޗަށް ރާއްޖޭގެ ގިނަ ވިޔަފާރިތަކެއް ގެންގޮސްފައިވާ މައްސަލައަށް، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހައްލު ހޯއްދަވައިދެއްވާނެކަމަށް، ގައުމީ ކެންޑިޑޭޓު، އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓު، ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޑރ. އަމީން މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އަށް ކެންޑިޑޭޓުންގެ ރަނިންމޭޓުންގެ ތެރެއިން މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތީ ހަ ކެންޑިޑޭޓެއްގެ ރަނިންމޭޓުންނެވެ. ޕްރޮގްރާމުގައި ބައިވެރިވެވަޑައިނުގަންނަވާ ބޭފުޅުންނަކީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު، މުހައްމަދު އަސްލަމް އާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމެވެ.
ރަނިންމޭޓުންނަށް ހާއްސަކޮށްގެން ބޭއްވި ހާއްސަ ޕްރޮގްރާމުގައި އަސްލަމް ބައިވެރިވެވަޑައިނުގަންނަވާއިރު، އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ، ދައުލަތުގެ މީޑިއާ އާއި ގައުމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި، ބައިވެރިވެވަޑައިގަންނަވަން އުޒުރުވެރިވެފައެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ހާއްސަކޮށްގެން ބޭއްވި ރިޔާސީ ބަހުސްގައި ވެސް ރައީސް ޞާލިހް ބައިވެރިވެވަޑައިނުގަންނަވައެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ދިވެހިންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގެންގުޅޭނެ ސިޔާސަތުތަކާ ގުޅޭގޮތުން މި ޕްރޮގްރާމުގައި ކުރިމަތިކުރުވި ސުވާލަށް ޖަވާބުދެއްވަމުން ޑރ. އަމީން ވިދާޅުވީ، މީގެކުރީގެ ބައެއް ސަރުކާރުތަކުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ނުވަތަ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގައި ހީވަނީ "ފުށް ފުރޭންޏެއް" ހެން ކަމަށެވެ.
އެހެންކަމުން މާޒީގައި ވެސް މި މައްސަލައަށް ހައްލުހޯދައިނުދެވުނު ބަޔަކަށް، ދެން ވެސް އެކަން ނުވާނެކަމަށާއި، އެކަން ކުރެވޭނީ، އިހުލާސްތެރިކަމާއެކު، ތެދުވެރި ނިޔަތަކާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ކަމަށް އަމީން ވިދާޅުވިއެވެ.
ކުރިއަރާފައިވާ މުޖުތަމައުއެއްގައިި މިލިއަނެއްހައި މީހުންގެ އާބާދީއެއް އޮންނަންޖެހޭކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، ދިވެހި މުޖުތަމައު އަކީ ކުރިއަރާފައިވާ ތަނަކަށް ހެދުމަށްޓަކައި ބޭރުމީހުން މި ގައުމުގައި ތިބެންޖެހޭ ކަމަށެވެ. މައްސަލައަކަށް ވަނީ އެގޮތަށް ރާއްޖެ އެތެރެވާ ބިދޭސީން، ގަވައިދާ ޚިލާފަށް މި ގައުމުގައި އުޅެ، ގަވައިދާ ޚިލާފަށްކުރާ އަމަލުތައް ނުހުއްޓުވުންކަމަށް އަމީން ވިދާޅުވިއެވެ. އެގޮތަށް އުޅުމުގެ ފުރުސަތު ބިދޭސީންނަށް ހޯދައިދެނީ ސަރުކާރުގެ އިސް ބައެއް މީހުންނާއި، ނުފޫޒުގަދަ ބައެއް މީސްމީހުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތައް ފަދަ ވިޔަފާރިތައް ބިދޭސީންގެ އަތްދަށަށް ގޮސްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އަމީން ވިދާޅުވީ، ޖޭޕީގެ ވެރިކަމެއްގައި މިފަދަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ދިވެހިންގެ އަތްދަށަށް ގެނެސްދެއްވާނެ ކަމަށެވެ.
ޑރ. އަމީން ވިދާޅުވީ "ރަނގަޅު ވިޖިލެންޓް އެކޮނޮމީއަކަށް މިލިއަނެއްހައި މީހުން އެބަ ބޭނުންވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އާބާދީ މިދަނީ އެއްދުވަހަށް ވުރެ އަނެއް ދުވަހު މަދުވަމުން. އެހެންވީމާ އަޅުގަނޑުމެންގެ ތެރޭގައި ތިބެން އެބަޖެހޭ ބޭރުމީހުން ވެސް. އެމީހުން ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެންގެ އެކޮނޮމީ ޕްރޮގްރެސްއެއް ނުކުރެވޭނެ. އެކަމަކު މައްސަލައަކަށް ވެގެން މިއުޅެނީ، އަޅުގަނޑުމެންނަށް މިތިބި މީސްމީހުން ގަވައިދާ ޚިލާފަށް މިތަނަށް އެތެރެކޮށްގެން ގަވައިދާ ޚިލާފަށް މިކުރާ އަމަލުތައް ނުހުއްޓުވުން. އެކަންކަމުގައި ސަރުކާރުގެ އިސް މީހުންނާއި، ގައުމުގެ ނުފޫޒުގަދަ މީސްމީހުން ބައިވެރިވެގެން އެކަންކަން މިކުރަނީ. ހުރިހާ ކުދި ވިޔަފާރިތަކެއް އެމީހުންގެ އަތްމައްޗަށް ހިނގައްޖެ. ހޮޓަލެއް ހުރިއްޔާ އެމީހުންގެ. ގެސްޓް ހައުސްއެއް ހުރިއްޔާ އެމީހުންގެ. ޗާޕުކުރާ ތަނެއް ހުރިއްޔާމު އެއީ އެމީހުންގެ. ކަންމަތީ ފިހާރައެއް ހުރިޔއްާމު އެއީ އެމީހުންގެ. އެމީހުންގެ އަތުގައި މި ހުރިހާ އެއްޗެއް. އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާމު ދިވެހިންގެ އަތްމައްޗަށް ކުދި ވިޔަފާރިތަކާއި މިފަދަ ހުރިހާ ވިޔަފާރިއެއް ގެނެސްދޭނަން. އަދި މިގޮތަށް މަސައްކަތްކުރާ މީސްމީހުންނަށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅާނަން". ކަމަށެވެ.
ބިދޭސީ މަސައްކަތްތެރިންނަކީ މި ގައުމަށް ހައްދެއްގެ ތެރެއިން ބޭނުންވާ ބައެއްކަން އަމީން ފާހަގަކުރެއްވިއިރު، ހުރިހާ ބިދޭސީން މިގައުމުން ފޮނުވާލުމުގެ ވާހަކަ ނުދައްކަވާނެކަމަށް ވެސް އަމީން ވިދާޅުވިއެވެ. އެހެންނަމަވެސް އެ މީހުންނަށް ވެސް މިގައުމުގައި އުޅެވޭނީ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަމަށާއި އެމީހުންނަށް ރާއްޖެ އެތެރެވެވޭނީ ވަކި ސިސްޓަމެއްގެ ތެރެއިންކަމަށް އަމީން ވިދާޅުވިއެވެ.
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ދިވެހި ވިޔަފާރިތައް ބިދޭސީންގެ އަތްމައްޗަށް ގޮސްފައިވާ މައްސަލައަކީ ދިވެހި ރައްޔިތުންގެ ނުހަނު ކަންބޮޑުވުން އޮތް މައްސަލައެކެވެ. މި މައްސަލަ ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ކޮންމެ ސަރުކާރަކުން ވެސް ދޭއިރު، ވެރިކަމަށް އައުމަށްފަހު އެއްވެސް ސަރުކާރަކަށް މިހާތަނަށް މި މައްސަލަ ހައްލުކޮށްދެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އަހަރަކަށްފަހު އަހަރަކުން ބިދޭސީންގެ މައްސަލަ އިތުރަށް ބޮއްސުންލަމުންދާކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
ހަބަރު: ވީނިއުސް