ގާނޫނަށް ގޮންޖަހައި ބޭރު ސިފައިން ވަނީ ގާއިމްކޮށްފި: ޤާސިމް

ކިޔުމަށް ހޭދަވާނީ 2މ 44ސ
ގާނޫނަށް ގޮންޖަހައި ބޭރު ސިފައިން ވަނީ ގާއިމްކޮށްފި: ޤާސިމް

ރާއްޖޭގައި ބޭރު ސިފައިން ގާއިމްކޮށްފައިވަނީ ސަރުކާރަށް އެނގި ތިބެ ގާނޫނާއި ގަވާއިދަށް ގޮންޖަހާފައި ކަމަށް ގައުމީ ކެންޑިޑޭޓް އޮންރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ޅ.ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ގާސިމްވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދުވެސް ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދެވިފައިނުވާކަން ފާހަގަކުރައްވާފައެެވެ.

ގާސިމް ވިދާޅުވީ "ކުރިންވެސް އެއާޕޯޓަށް ދަހިވެތިވެގެން އެކަން ކުރީ. އެބޭފުޅުންނަށް ގާނޫނު އަސާސީގައި މަނާކަމެއްކަން އެނގިހުރެވެސް އިންޑިއާ ސިފައިން މިތަނަށް އަރުވާފައި މިތިބީ." ކަމަށެވެ.

ގާސިމްވަނީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނީ ރާއްޖޭގެ މަޖިލީހުން ފާސްކޮށްގެންކަން ޚުދު އިންޑިއާ ސަރުކާރަށްވެސް އެނގޭނެ ކަމަށެވެ. އެހެންކަމުން ގާނޫނާއި ގަވާއިދާއި ހިލާފަށް މިނިވަންކަން ނަގާލި ވެރިއަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ "9 ސެޕްޓެމްބަރުގައި ނަގާ ވޯޓަކީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނުގެ ދިފާއުގައި ދެވޭ ވޯޓަކަށް ހަދަންޖެހޭ. މިނޫންގޮތަކަށް ވޯޓު ދީފިއްޔަ އިންޑިއާއިންވެސް ބުނާނެ ދިވެހިން ވޯޓު ދިނީ އިންޑިއާ ސިފައިން ތިބުމާއި އެއްކޮޅަށޭ. އަދިވެސް ތިމަންމެންނަށް އެބައޮތޭ ރާއްޖޭގައި ތިބުމުގެ ބާރު". ކަމަށެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނު މިއަދުވެސް ކުރަމުން މިއަންނަ މަސައްކަތަކީ 1994 ވަނަ އަހަރުންސުރެ ކުރަމުން އައި އިސްލާހީ މަސައްކަތުގައި ދިވެހިން އަޅުވެތިކަމަށް ނުގެންދިއުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

ގާސިމް މިފަދައިން ވިދާޅުވިއިރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަށް އިތުބާރު ހުރި މަސްދަރުތަކުން ސާބިތުވެއެވެ. އެއީ ލ. ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައެވެ. މި ހަތަރު ސަރަހައްދުން ދިވެހި ސިފައިން ބާލާ އިންޑިއާގެ ސިފައިން ގާއިމްކޮށް ސަރުކާރުންވަނީ ދިވެހި އަސްކަރިއްޔާއެއްގެ ބޭނުން ކަނޑުވާލާފައިކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަށް ސަރުކާރުގެ މައްޗަށް އިންޑިއާގެ ނުފޫޒު ގަދަވެފައިވާ ކަމަށް މަސްރަހު ދިރާސާކުރައްވާ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. މި އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވައި ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދެއްވަން އިންޑިއާއިން އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭއެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ.

އިންތިހާބުވިޔަސް ތަރައްގީވިޔަސް ދިވެހިންގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހުތިޔާރާއި ބާރުވެރިކަން އޮންނަންވާނީ ދިވެހިންގެ އަތްމަތީގައެވެ. ދެން އޮތީ ހުރިހާ ދިވެހިންވެސް ކުރާ ސުވާލެކެވެ. އިންޑިއާގެ މަސްލަހަތު ދިފާއުކުރުމަށް ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަމުން ދާއިރު ދާއިރު ރާއްޖޭގެ މަސްލަހަތުގައި ކުރަންޖެހޭ ކަންކަން ކުރާނީ ކާކުތޯއެވެ؟

ސަރުކާރަށް ރާއްޖޭގެ މަސްލަހަތު ދިފާއު ނުކުރެވުމުން ގާސިމް ނުކުންނަވާ ކުރައްވަމުން އެ ގެންދަވަނީ އެ މަސައްކަތްޕުޅުކަން ނޭނގެނީ ކާކަށްބާވައެވެ؟

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން