އަވަސްވެގަތުމަށް ﷲ އަންގަވާފައިވާ ކަމެއްގަ ނޫނީ އަވަސްވެގަތުމަކީ ފަހުން ހިތާމަކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަވަސްވެގަތުމަށް ﷲ އަންގަވާފައިވާ ކަމެއްގަ ނޫނީ އަވަސްވެގަތުމަކީ ފަހުން ހިތާމަކުރަންޖެހޭ ކަމެއް!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އެންމެ ކާމިޔާބު މީހުންނަކީ ނުވަތަ ކެރޭ މީހުންނަކީ އެމީހަކު ކުރަން އެފަހަރަކު ހިތަށް އެރިހައި ކަމެއް ވަޤުތުން ކޮށްލަން ކެރޭ މީހުން ކަމަށެވެ. އެހެނަސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. 

ކާމިޔާބުމީހުންނަކީވެސް، ކެރޭ މީހުންނަކީވެސް އެންމެ ހުޝިޔާރު މީހުންނަކީވެސް ކަމެއް ކުރަން ހިތަށް އެރުމުން ވިސްނާލަން މަޑުކޮށްލާ މީހުންނެވެ. ތިމާ ކުރަން މިއުޅޭ ކަންތައް ކުރަން އެންމެ ރަނގަޅު ވަޤުތަކީ މިއީ ކަމާއިމެދުގައި ވިސްނައިލާ މީހުންނެވެ. އަދި އެކަމެއް ކުރުން އެންމެ ރަނގަޅު ވަޤުތަކީ ފަހުގެ ވަޤުތެއް ނަމަ އެކަމަށް އެންމެ ރަނގަޅު ވަޤުތުގައި އެކަންކުރާ މީހުންނެވެ. 

ކަންކަމަށް އަވަސްއަރައިގަނެގެން ކުރާނަމަ ގިނަ ފަހަރު އޮންނާނީ އެކަމެއް ކުރެވުނީތީ ފަހުން ހިތާމަކުރަން ޖެހިފައެވެ. ކަންކަން ކުރުމުގައި އަވަސް އަރައިނުގަނެ ކެތްތެރިވެލަންޖެހެނީ އެހެންވެގެންނެވެ. 

ވީހައި އަވަހަކަށް ކުރަންޖެހޭނީ ވީހާއަވަހަކަށް އެކަމެއްކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމެވެ. މީޘާލަކަށް ފާފައެއް ކުރެވުމުން ތައުބާވުން، ބަންގިގޮވުމުން ނަމާދުކުރުން، އަދި އެނޫންވެސް އެންމެހައި ހެޔޮ ޢަމަލުތަކެވެ. 

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް އެހައިފަސޭހައިން ގޯހުން ގޯހަށް ބަދަލުވެގެންދަނީ ކަންކަން ކުރިމަތިވުމުން ވިސްނާނުލައި ފިޔަވަޅު އަޅަން، ނުވަތަ ބަސްބުނަން އަވަސްވެގަނެވޭތީއެވެ. އަދި އެފިޔަވަޅެއް އެޅުމުން ނުކުމެދާނެ ނަތީޖާއަށް ނުބަލައި ފިޔަވަޅު އެޅޭތީއެވެ.  

އިސްލާމް ދީނުގައި ކެތްތެރިކަމަށް އެހައި މަތީ ދަރަޖައެއް ދެއްވަވާފައިވަނީ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ކެތްތެރިންނަށް ޤިޔާމަތް ދުވަހު އެހައި މަތީދަރަޖަ ދެއްވަވަނީވެސް ކެތްތެރިވާ މީހުންނަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން