މިހުރެވެނީ އުފަލުގައިކަމަށް ހީކުރެވުނަސް ހިތްހަމަނުޖެހުން ލިބޭ ސަބަބާ އުފަލުގަ ހުރެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
މިހުރެވެނީ އުފަލުގައިކަމަށް ހީކުރެވުނަސް ހިތްހަމަނުޖެހުން ލިބޭ ސަބަބާ އުފަލުގަ ހުރެވޭނެ މަގު-

ދިރިއުޅޭއިރު އަބަދުވެސް ދުނިޔޭގެ ޙަޤީޤަތް ޤަބޫލުކުރަންވާނެއެވެ. އެއީ ކޮންމެ ދުވަހަކީ އެއްގޮތަކަށް ނިމިގެންދާނެ ދުވަހެއް ނޫންކަމެވެ. ހިތްދަތި ޙާލަތާއި އުފާވެރި ޙާލަތުވެސް ތިމާއާއި އަދި އެންމެންނާއިވެސް ބައްދަލުވެ އަދި ވަކިވަމުންވެސްދާނެ ކަމެވެ. 

ތިބާއަށް ހިތްހަމަނުޖެހޭކަމެއް ނުވަތަ ކަންބޮޑުވާ ކަމެއް މިއަދު ކުރިމަތިވެފައިވީނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ. އަދި މިއަދު އުފަލުގައި ހުރެވިފައި ކަންބޮޑުވާންޖެހޭ ކަމެއް މާދަމާ ކުރިމަތިވިނަމަވެސް އެއީ މައްސަލައެއް ކަމަށް ނުދެކޭށެވެ. 

އެކަން ދިމާވުމުން ތިބާއަށް އެއީ މައްސަލައެއް ކަމަށް ފާހަގަކުރެވުނު ނަމަވެސް ޙަޤީޤަތުގައި އެއީ މައްސަލައެއް ނޫނެވެ. އެހެނީ ﷲ ތަޢާލާ އިރާދަކުރެއްވެވި ގޮތެވެ. ނުބައި ނުވަތަ ގޯސް ގޮތަކަށް ﷲ ތަޢާލާ އިރާދައެއް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ތިމާއަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމެއް ކުރިމަތިވީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޔަޤީންކުރާށެވެ! އިންސާނުންނަށް ކަންކަން ކުރިމަތިކުރެއްވެވުމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާކަން ހިތުގެ އަޑީން ޤަބޫލުކުރާށެވެ. ވީމާ ކަންކަން ކުރިމަތިވުމުން ހާސްވެ ކަންބޮޑުވެ އެހެން މީހުންނަށް އިނގިލި ދިއްކޮށް ޝަކުވާކުރަން ނުހަދާށެވެ! އެކަމެއް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. 

ތަފާތު ޢިބާރާތުން މިވާހަކަ މިހައި ގިނައިން މިކިޔައިދެނީ އެންމެ ބޭނުމަކުއެވެ. އެއީ އަމިއްލަ ނަފްސަށް އިތުބާރުހޯދޭނެ މަގަކީ އެއީކަމަށްވާތީއެވެ. އަމިއްލަ ނަފްސަށް އިތުބާރު ހޯދިގެން ނޫނީ އަޅުކަން ކުރުމުގައިވެސް ޘާބިތުވެ ހުރުން ވާނީ ވަރަށް އުނދަގޫކަމަކަށެވެ. 

އަޅުކަން ކުރުމުގައި ޘާބިތުވެ ނުހުރެވޭނަމަ އެމީހެއްގެ ކަންކަން ދާނީ ގޯހުން ގޯހަށް ބަދަލުވަމުންނެވެ. ދުނިޔަވީ ގޮތުން މިހުރެވެނީ އުފާވެރިކަމުގައި ކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެމީހަކަށް ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. ހިތަށް ހަަމަޖެހުމެއް ނުލިބޭނެއެވެ. ވީމާ ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް މިބުނި މަގުން ވިސްނައި އަމިއްލަ ނަފްސަށް އިތުބާރުލިބިގެން ހުންނަ މީހަކަށްވާން މަސައްކަތްކުރާށެވެ! ޙަޤީޤީ އުފާވެރިކަމުގައި ހުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން