ޤާސިމް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައިވަނީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް އެމަނިކުފާނު ދުވަހަކުވެސް ދެކޮޅު ނަހައްދަވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ދިވެހިދައުލަތުގައި އޮތް އެންމެހާ ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދޭއިރު، އެ ހައްޤުން އެއްބައި ރައްޔިތުން މަޙްރޫމުވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ހަމަ އެބިމުގައި ޢިމާރާތްކޮށްފައިވާ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 ނުވަތަ 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ ކޮންކަހަލަ ހަމައަކުން ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ.
ވުމާއެކު ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދިނުމަށް އެމަނިކުފާނުވަނީ ނިންމަވާފައެވެ.
ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު މީހުންގެ ބިން ކަނޑާ އެމީހުންނަށް ބިންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އިންތިހާބާ ދިމާކޮށް ސަރުކާރުން ހިޔާ ފްލެޓްގެ ކުލި ކުޑަކުރިކަމަށް މިފަހުން ބުނެފައިވާއިރު ހިޔާ ފްލެޓްތަކުގެ ކުއްޔަށް އައި ބަދަލަކީ ލޯނު ދައްކަންޖެހޭ މުއްދަތު އިތުރު ކުރުމުން އައި ބަދަލެކެވެ.
މީގެއިތުރުން، ހިޔާއިން މިހާރު ހުސްވެފައިވާ 145 ފްލެޓް ދޫކުރާނެ ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފައިވާއިރު ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ދާއިމީ ލިސްޓުން ބޭރުން ވަކިވަރަކަށް ސަރުކާރަށް ވޯޓު ހޯދައިދޭ ފަރާތްތަކަށް ބާކީ ހުރި ހިޔާ ފްލެޓްތައް ބަހާކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ.
އަދި ސަރުކާރުން މިކަންކަން ކުރާ ގޮތާއިމެދު ގިނަ ފާޑުކިޔުންތަކެއްވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ހަބަރު: ވީނިއުސް