ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދެއްވެއްޖެނަމަ އެ ވައުދު ފުއްދަވާނެ ކަމަށް ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑުވައިޒަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ވީޓީވީން ގެނެސްދިން ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯގެ ތަފްސީލްތައް ހިއްސާކުރާ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
"ސިނާއަތްތަކާއި ވިޔަފާރީގެ ނަފާ ފަރުދުންގެ ޖީބުތަކަށް" މި ވައުދުގެ ދަށުން ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ.ޝައުގީ ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ރާއްޖޭގައި އިންވެސްޓްކުރާނެ އިންވެސްޓަރުން ހޯދުމަށާއި ރާއްޖޭގައި ހުރި އިތުރު ފުރުސަތުތަށް އަންގައިދީ ރާއްޖެ އިޝްތިހާރުކުރުމަށް މުޅި ދުނިޔޭގައި މަސައްކަތްކުރައްވާނެ ކަމަށެވެ.
ޑރ. ޝައުގީ ވިދާޅުވީ " ހުންނަ އުސޫލުތަކެއް ބަދަލުވަންޏާ އެއީ އިންވެސްޓަރުން ކަންބޮޑުވާނެކަމެއް. ޤާސިމް އިބްރާހިމް ވައުދެއްވެއްޖެނަމަ އެ ވައުދު ފުއްދަވާނެ. ހަމަގައިމުވެސް ގާސިމްގެ ވެރިކަމެއްގައި ފޮރިން އިންވެސްޓްމަންޓް އުސޫލުތަކަށް ބަދަލެއް ނުގެންނާނެ. އެ އިންވެސްޓަރެއްގެ އިހުސާސް ދެނެވަޑައިގަންނަވާނެ ގާސިމް." ކަމަށެވެ.
ރިސޯޓުތައް ހެދުމަށް ފަސޭހަކޮށްދިނުމަށްޓަކައި އިންވެސްޓްމަންޓް ބޭންކެއް ގާއިމުކުރުމަކީވެސް ވައުދެއް ކަމަށާއި މިފަދައިން ރިސޯޓުތައް ހަދާ ފަރާތްތަކަށް މާލީ އެހީގެ އެހީތެރިކަން އެއްބަސްވުމެއްގެ ދަށުން ސަރުކާރުން ލިބިގެންދަނެ ކަމަށް ޑރ. ޝައުގީ ވިދާޅުވިއެވެ.
ފުއްދޭނެ ވައުދު މެނިފެސްޓޯގައި ހިމެނުމަށް އިސްކަންދީފައިވާ ކަމަށްމީގެ ކުރިންވެސް ޑރ. މަހުމޫދު ޝައުގީ ވަނީ ވިދާޅުވެފައެވެ.
"ފަތުރުވެރިކަމުގެ ނަފާ މުޅި ރާއްޖެއަށް" ވައުދުގެ ތެރެއިން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 35،000 ޓޫރިސްޓް އެނދު އިތުރުކުރުމާއި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4 މިލިއަނަށް އިތުރުކުރުމާއި، ޓޫރިޒަމުން ދައުލަތައް ލިބޭ އައްމުދަނީ 4 ބިލިއަން ޑޮލަރުން 7 ބިލިއަން ޑޮލަރަށް އިތުރުކުރުމާއި، ޓޫރިޒަމް ސެކްޓާ އެމްޕޮލައިމެންޓް 40،000 އިން 60،000އަށް މަތިކުރުމާއި، ވަލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް މަސައްކަތް 2024 ވަނަ އަހަރަށް ނިންމައި 1 އަހަރުތެރޭގައި ހުޅުވުމާއި، ވަކި މިންވަރަކަށް ނިންމާފައިވާ ރިސޯޓުތަކަށް ލޯނު ހޯދުމުގައި އެހީތެރިވެދީ ނުހެދިހުރި 120 ރިސޯޓެއް ހުޅުވުން ފާހަގަކުރެވެއެވެ.
މީގެ އިތުރުން އުރުރާއި ދެކުނުގައި ސީޕްލޭންގެ ހިދުމަތް ގާއިމްކުރުމާއި، ރިސޯޓު ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ފަތުރުވެރިކަމުގެ އެންމެ މަތީ ދަރަޖައިގެ ކޯސްތައް ހިންގުމާއި، އޯޝަން ޓޫރިޒަމްގެ ދަށުން 100 އެނދުގެ ފްލޯޓިން ރިސޯޓެއް ހަދައި ކުރޫޒު ޓޫރިޒަމް ފުޅާކުރުމާއި، ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ގުޅިފައި ޔޮޓް މެރީނާތަކެއް ގާއިމްކުރުމާއި، ރިސޯޓުތަކުގެ ފަންނީ މަގާމުތަކުގައި ތިބޭ ދިވެހިންގެ ނިސްބަތް އިތުރުކުރުމާއި ރިސޯޓުތަކުގެ ފަންނީ މަގާމުތަކުގައި ތިބޭ ދިވެހިންނާއި ބޭރު މީހުންގެ މުސާރައިގެ ފަރަގު ކުޑަކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް "އޮންލައިން ގައުމީ ބުކިން ސިސްޓަމް" އެއް ގާއިމްކުރުމުގެ އިތުރުންވެސް ބޭނުންތެރި އެތައް ވައުދެއް އެކަށައަޅާފައިވެއެވެ.
ހަބަރު: ވީނިއުސް