ބޭނުންވާ ހުރިހާ ސިފަތަކެއް ފުރިހަމަވާ މީހަކާ ނޫނީ ކައިވެނިނުކުރަންވެއްޖެނަމަ ގާތީ ކައިވެނިކުރާނެ ބައިވެރިއަކު ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބޭނުންވާ ހުރިހާ ސިފަތަކެއް ފުރިހަމަވާ މީހަކާ ނޫނީ ކައިވެނިނުކުރަންވެއްޖެނަމަ ގާތީ ކައިވެނިކުރާނެ ބައިވެރިއަކު ނުލިބުން!

ބައެއް އަންހެނުންވެސް އަދި ފިރިހެނުންވެސް ކައިވެނި ނުކޮށް ތިބޭ ސަބަބެއް ކަމަށް ބުނަނީ އެމީހުން ބޭނުންވާ ހުރިހާ ޝަރުޠުތަކެއް ފުރިހަމަވާ އަންހެނަކާއި ނުވަތަ ފިރިހެނަކާއި ބައްދަލުނުވުމެވެ. އަންހެނަކު ނަމަވެސް އަދި ފުރިހެނަކު ނަމަވެސް މިފަދަ ބަހެއް ބުނެފިނަމަ އެމީހަކަށް އެވަނީ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. 

ދީނީގޮތުން ކަންކަން އޮތް އޮތްގޮތް އިހަށް އެއްފަރާތްކޮށްލާފައި ދުނިޔަވީ ގޮތުން ބެލިނަމަވެސް އެބުނަނީ ރަނގަޅު ވާހަކައެއް ނޫންކަމަށްވާތީއެވެ. އަނެކާގެ ކިބައި ހުރުމަށް ތިބާ ބޭނުންވާ ހުރިހާ ސިފަތަކެއް ހުރި މީހަކާއި ބައްދަލުވުމަކީ ވަރަށް މަދުން ނޫނީ ވާނެކަމެއް ނޫން ކަމުގައިވާތީއެވެ. 

އެފަދަ މީހުންނަސް ވިސްނައިދޭންވީ ތިބާ ބޭނުންވާ ސިފަތަކުން ގިނަ ސިފަތަކެއް އެމީހެއްގެ ކިބައިގައި ހުރިނަމަ އެމީހަކު ބަލައިގަތުމަށެވެ. ސަބަބަކީ އޭނާ ބޭނުންވާ މީހާ ބޭނުންވާ ހުރިހާ ސިފަތަކެއް އޭނާގެ ކިބައިގައިވެސް ނުހުންނާނެތީއެވެ. އެގޮތަށް ދެމީހުންވެސް ބޭނުންވާ ހުރިހާ ސިފަތަކެއް ހުރި ދެމީހަކު ނޫނީ ކައިވެނި ނުކުރަން ނިންމައިފިނަމަ ކައިވެނި ކުރުން އޮންނާނީ ވަރަށް ދަތި އުނދަގޫ ކަމަކަށްވެފައެވެ. ސަތޭކައަކުން މީހަކަށްވެސް އޮންނާނީ ކައިވެނި ނުކުރެވިފައެވެ. 

ދުނިޔެއަކީ އެއްވެސް މައްސަލައެއް ނުޖެހި ތިމާ ބޭނުންވާ ހުރިހާ ކަންކަން ފުރިހަމަވެގެން އުޅެވޭނެ ތަނެއް ނޫނެވެ. ވީމާ މައްސަލަތައްވެސް ޖެހޭނެއެވެ. އަހުރެމެންނަށް އޮތީ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމެވެ. ކުރިމަތިވާ މައްސަލަތަކާއިއެކު އުފަލުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރުމެވެ. ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރެވިފައި ހުރީ މިބަޔާންކުރި ނިޔަތުގައި ހިތްވަރާއިއެކު ދުނިޔޭގައި އުޅެން މަސައްކަތްކުރާ މީހުންނަށެވެ. 

ބައިވެރިޔާއަކީ ﷲ ތަޢާލާއަށް ބިރުވެތިވެ އިސްލާމް ދީނުގައި އޮތްމަގުން އުޅެން މަސައްކަތްކުރާ މީހަކު ނަމަ އެމީހެއްގެ ކިބައިގައި ދެން ހުންނަ ކަންކަމަކީ މައްސަލަ ކަމުގައި ނުދެކޭށެވެ. އެކަންކަން ދާނީ ޙައްލުކުރެވެމުންނެވެ. އިން ޝާ ﷲ 

- އަލަފް 

މިއަދު އޮންލައިން